ޝަންގްރި-ލާ ރިސޯޓު -
ކޮވިޑާއި ގުޅިގެން ވަގުތީގޮތުން ބަންދުކުރި
ޝަންގްރި-ލާ ރިސޯޓުގެ އޮޕަރޭޝަން މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން
ފަށަން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކޮށް ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން މިއަދު
ބުނެފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީގޮތުން ބަންދުކުރުމަށްފަހު
އަދި މިހާތަނަށް އޮޕަރޭޝަން ފަށާފައިނުވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ
ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވައި ޚިދުމަތް ފެށުމާ ގުޅޭގޮތުން ސަރުކާރުން އެ
ރިސޯޓު ހިންގާ ކުންފުންޏާއެކު ކުރި މަޝްވަރާތަކުން މި އަހަރުގެ ނިޔަލަށް ރިސޯޓު
ހުޅުވައި ޚިދުމަތްތައް ފެށުމަށް ހަމަޖެހިއްޖެ ކަމަށާއި އަދި ޝަންގްރި-ލާ ވިލިނގިލީ
ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ
ވަޢުދުފުޅެއް ކަމަށެވެ.
"ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް
ސްޕާއަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ތަރައްޤީކޮށް
ހިންގުމަށް ސަރުކާރުން ކުއްޔަށް ދީފައިވާ ރިސޯޓެއް، މިގޮތުން މި ރިސޯޓް ބަންދުކުރުމުގެ
ކުރިން 500 އަށްވުރެ ގިނަ މުވައްޒަފުން ރިސޯޓްގައި ވަޒީފާ އަދާކުރި" ފަތުރުވެރިކަމާބެހޭ
ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން މިއަދު ބުނެފައިވާގޮތުގައި މި
ރިސޯޓްގެ ޚިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުން އެކަމާ ގުޅޭގޮތުން
އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އަދި އެހެނިހެން ކަމާގުޅޭ
ފަރާތްތަކާއެކު ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް
ގެންގޮސްފައެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރުގެ ޑިސެމްބަރު
31 ވަނަ ދުވަހުގެ ކުރިން އަލުން ރިސޯޓް ފަށައި، ރިސޯޓު ހުޅުވާލުމަށް އައްޑޫ އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީއާއެކު އެއްބަސްވެފައިވާކަމަށްވެސް
ބުނެފައިވެއެވެ.
މި ރިސޯޓަކީ އައްޑޫ ސިޓީގެ އިޤްތިޞާދު މުހިއްމު
ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމެއޮތް ފަތުރުވެރިކަމުގެ މުހިއްމު
މަންޒިލެކެވެ. ރިސޯޓު ހުޅުވުނު ފަހުން ވަގުތީ ގޮތުން ހުއްޓާލެވުނު ދުވަހާ
ހަމައަށް، ޝަންގްރި-ލާ ވިލިނގިލިން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށާއި ގަން
އިންޓަނޭޝަނަލް އެއާޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި މުހިއްމު ދައުރެއް
އަދާކޮށްފައެވެ. ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމަކީ
އައްޑޫ ސިޓީގެ އިޤްތިޞާދަށް އިތުރު ކުރިއެރުމާއި އާރޯކަމެއް ގެނެސްދޭނެ ކަމެކެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މަންފާ ޤައުމުގެ
ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް
ލިބޭ އިތުރު ކުރިއެރުމަކަށް މިކަން ވެގެންދާނެކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޝަންގްރި-ލާ
ވިލިނގިލީ ރިސޯތް އެންޑް ސްޕާ އަލުން ހުޅުވުމަށް ޝަންގްރި-ލާ މެނޭޖްމަންޓާއި
އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ނިންމި މި މުހިއްމު ނިންމުން
ސަރުކާރުން ބަލައިގަނެ ޝަންގްރި-ލާ ހޮޓެލްސް އެންޑް ރިސޯޓުގެ މަސައްކަތަށް ޚާއްޞަ
ޝުކުރެއް ރައްދުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް