މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު އިމާރާތުގެ ދަށުގައި ތާށިވެފައިވާ ފަރާތްތަކުގެ ޢާއިލާތައް އެ ސަރަހައްދުގައި - ފޮޓޯ: ރޮއިޓާސް
އިންޑޮނޭޝިޔާގައި އިއްޔެ މެންދުރު ނުރައްކާތެރި
އަދި ހިތާމަވެރި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިޔާގެ އިރުމަތީ
ޖާވާގެ ސިދޯރްޖޯ ސަރަހައްދުގައި ހިންގަމުން އަންނަ އަލް-ކޮޒިނީ އިސްލާމިކް ބޯޑިން
ސްކޫލުގައެވެ.
އެ ބޯޑިން ސްކޫލުގައި ގާއިމުކޮށްފައިވާ
އިމާރާތެއްގައި 100 އަށްވުރެ ގިނަ މީހުން މެންދުރު ނަމާދަށް ތިއްބާ ވެއްޓުނު އެ
އިމާރާތަކީ ހަތަރު ފަންގިފިލާއަށް އަޅާފައިވާ އިމާރާތެކެވެ. ކުރިން ދެ ފަންގިފިލާއަށް
ހުރި އެ އިމާރާތުގައި ދާދި ފަހުން އިތުރު ދެ ފަންގިފިލާ އިތުރުކުރިއިރު އެކަން
ކަމާބެހޭ އިދާރާތަކަށް އަންގައި ހުއްދަ ހޯދާފައިނުވާކަމަށް މީޑިއާ ރިޕޯޓްތައް
ބުނެއެވެ.
ހިތާމަވެރި މި ހާދިސާގައި އެކެއްގެ ފުރާނަ
ގެއްލިފައިވާކަން ކަށަވަރުވެފައިވާއިރު އިމާރާތުގެ ދަށުގައި ތާށިވެފައިތިބި މީހުން
ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.
އިމާރާތުގެ ދަށުން 102 މީހަކު މިހާތަނަށް
ސަލާމަތްކޮށްފައިވާއިރު އޭގެ ތެރެއިން 80 މީހަކަށް އެކި ވަރުގެ ޒަޚަމްތައް
ލިބިފައިވެއެވެ. އިމާރާތުގެ ގާކުނޑިތަކާއި ބެރިތަކުގެ ދަށުގައި އަދިވެސް 38 މީހަކު
ތާށިވެފައި އެބަ ތިއްބެވެ. ނަމަވެސް ސަލާމަތް ކުރުމަށް ކުރާ މަސައްކަތަށް ބުރޫ
އަރާފައިވަނީ ގާކުނޑިތަކާއި ބެރިތައް ބަލިކަށިވެ އެކަމުގެ ސަބަބުން އިތުރު ބައެއްގެ
ފުރާނަ ގެއްލިދާނެ ކަމުގެ ބިރު އޮތީތީ އެކަމަށް ކަމާބެހޭ ފަރާތްތަކުން އިތުރަށް ތައްޔާރުވުމަށެވެ.
އިމާރާތް ވެއްޓެން ދިމާވި އަސްލު ސަބަބު އަދި ނޭނގުނު
ނަމަވެސް އިންޑޮނޭޝިޔާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ އިމާރާތުގެ
ފައުންޑޭޝަނުގައި ހަތަރު ފަންގިފިލާ ހިފަހައްޓާ ވަރު ބާރުމިން ނެތުމަކީ އެއް
ސަބަބަށްވުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް