ނައިބު ރައީސް ކިނޮޅަހު ކައުންސިލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ފައިޞަލް ނަސީމް، ރ. އަތޮޅު ކިނޮޅަހު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކިނޮޅަހު ކައުންސިލަރުން ވަނީ ރަށު...

30 Sep 2019 | 07:32

ނައިބު ރައީސް ފައިޞަލް ނަސީމް، ރ. އަތޮޅު ކިނޮޅަހު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކިނޮޅަހު ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުންނާއި ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތައް ނައިބު ރައީސްއާ ޙިއްސާކުރައްވާފައެވެ.

އަދި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މެދު ނައިބް ރައީސްއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ކިނޮޅަހުގެ މުއްސަނދި ތާރީޚު ދައްކުވައިދޭ "އިބްނު ބަތޫތާ މަންޒިލް" ގެ ނަމުގައި ކުޑަކުދީންނަށް ޚާއްޞަ ޕާކެއް ހެދުމުގެ މަޝްރޫޢާއި، ރަށުގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

އެގޮތުން ކައުންސިލަރުން ވިދާޅުވި ގޮތުގައި ކިނޮޅަހައް އެންމެ ބޮޑައް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ފާހަގަކުރައްވާފައި ވަނީ އެ ރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ހުއްޓިފައިވާ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، ކިނޮޅަހު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކިނޮޅަހުގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް