ނިޔަތީ ކާއެއްޗެއް ތައްޔާރު ކުރަނީ --
ސޯޝަލް މީޑިއާގައި ކޮންޓެންޓް ކްރިއޭޓަރުންނަކީ މިހާރު ވަރަށް ބޮޑު އާމްދަނީއެއް ހޯދާ ބައެކެވެ.
އަމިއްލަ ހުނަރާއި ދިރިއުޅުން ދައްކައިގެން އާމްދަނީ ހޯދާ މީހުންގެ އިތުރުން އަމިއްލަ ދަރިންގެ ހުނަރުވެރިކަން ދައްކައިގެން އާމްދަނީ ހޯދާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި މިހާރު ސޯޝަލް މީޑިއާގައި މަޝްހޫރުވެ ކުރިއަރަމުން އަންނަ ނިޔަތީ ޗޯދްރީއަކީ ފާހަގަކޮށްލެވޭ ކުޑަކުއްޖެކެވެ.
އޭނާގެ މައިންބަފައިން ހިންގާ އެކައުންޓަކުން އުމުރުން އެންމެ 2 އަހަރާއި ބައިގެ ނިޔަތީގެ ދުވާލާއި ރޭގަނޑުގެ އާދަތަކާއި ދިރިއުޅުން ދައްކާލަމުން ދާއިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ ނިޔަތީ ލައްވާ އެމީހުން ތައްޔާރު ކުރުވާ ކާނާގެ ބާވަތްތަކަށެވެ.
އާދައިގެ އިންޑިއާގެ ކާއެއްޗެހި މަންމަ ކިޔައިދޭގޮތަށް ނިޔަތީ ތައްޔާރު ކުރަން ހުންނަނީ ކުޑަކުޑަ ޝެފެއް ހެން ވަރަށް ތައްޔާރުވެލައިގެންނެވެ. ތައްޔާރު ކުރަން ބޭނުންވާ ތަކެއްޗާއި ތައްޔާރު ކުރާއިރު ވާހަކަ ދައްކާލާ ގޮތާއި މޫނު މައްޗަށް ގެންނަ ބަދަލުތަކުން ވީޑިއޯ ބަލާ މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައެވެ.
މިފަހުން އެންމެ މަޝްހޫރުވީ ނިޔަތީ ތައްޔާރު ކުރި އިންޑިއާގެ ކެއުމެއް ކަމަށްވާ ދާލް ދޯކްލީ އެވެ.
އެ ވީޑިއޯގައި ނިޔަތީ ފެންނަނީ އޭޕްރަނަކާއި ޝެފް ތޮތްޕެއް އަޅައިގެން ކެމެރާއަށް ބަލައިގެން ހުރެ ބޭނުންވާ ތަކެތި ބެލުންތެރިންނަށް ދައްކައި އެއާ އެކު ރެސިޕީގެ ކޮންމެ މަރުހަލާއެއް ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށް ގެންދާ ތަނެވެ. ބެލުންތެރިންގެ ހިތް ލަންބުވައިލަނީ ހަމައެކަނި ރެސިޕީއެއް ނޫނެވެ. އެ ކުއްޖާ ކޮންމެ ކަމެއް ކިޔައިދޭ ލޯބި ގޮތް ވެސް ބެލުންތެރިންގެ ތެރޭގައި މަޤުބޫލުވީ ސަބަބެކެވެ.
އަދި ނިޔަތީ އަތުން ތައްޔާރުކޮށްފައިވާ ދާލް ދޯކްލީ ކާނަންތޯ ކެމެރާއަށް ބަލާލުމަށް ފަހު ވަރަށް ރީތިކޮށް އަހާލައެވެ.
ނިޔަތީގެ ކެއްކުންތަކަށް ގިނަ ބަޔަކު ކޮމެންޓުކޮށް އެ ޝެފް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. މިހާރުވެސް ނިޔަތީގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި 38 ހާހަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ކުޑަކުދިން ބޮޑެތި މީހުން ކުރާ ކަންކަން ނަކަލުކުރުމަކީ އާންމު ކަމެއް ކަމުގައި ވިޔަސް ސޯޝަލް މީޑިއާގެ ސަބަބުން މިހާރު ކުދިން ކޮންޓެންޓް ކްރިއޭޓަރުންނާއި އިންފްލުއެންސަރުން ކުރާ ކަންކަން ވެސް ހުނަރުވެރިކަމާ އެކު އިޢާދަކުރާ މަންޒަރު ފެންނަމުންދާ ކަމަށް މި ވީޑިއޯގެ ކޮމެންޓުތަކުން ދޭހަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް