ހުޅުމާލޭގައި ހެދިކާ ވިއްކަން ބަހައްޓާފައި ހުރި ޓެންޓްތައް ނަގަނީ

ހުޅުމާލޭގައި ހެދިކާ ވިއްކަން ބަހައްޓާފައި ހުރި ޓެންޓްތައް ނަގަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ފްލެޓް ގޯތި ރޯހައުސް ތަކުގައި ދިރިއުޅ...

30 Aug 2020 | 04:23

ހުޅުމާލޭގައި ހެދިކާ ވިއްކަން ބަހައްޓާފައި ހުރި ޓެންޓްތައް ނަގަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ފްލެޓް ގޯތި ރޯހައުސް ތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ތައްޔާރުކުރައްވާ ހެދިކާ ވިއްކެވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެ ކޯޕަރޭޝަނުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ 30 ޓެންޓް ދޫކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި، ޓެންޓުތައް ބާވެ ހަލާކުވެފައިވާތީ، މަރާމާތުކުރުމަށްޓަކައި 10 ސެޕްޓެންބަރުވާ ބުރާސްފަތި ދުވަހު މިޓެންޓުތަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، ޓެންޓުތައް ނެގުމަށްފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އެކުލަވާލައްވާފައިވާ "މަގުމަތީގައި ކާނާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނާއި ތަކެއްޗާއި އުޅަނދުގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑުތަކާއި ޢަމަލު ކުރަންޖެހޭ އުޞޫލު" އާ އެއްގޮތްވާ ގޮތުގެމަތިން ފަރުމާކޮށް މަރާމާތުކުރުމަށްފަހު، އެޗްޑީސީން ކަނޑައަޅާ ސަރަޙައްދުތަކުގައި އަލުން ބެހެއްޓޭނެ ކަމަށެވެ.

ޓެންޓުތައް ދޫކުރުމާއި ބޭނުންކުރާނެ އުސޫލު އެކުލަވާލުމަށްފަހު 2020 ސެޕްޓެންބަރު މަހުގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށާއި ޓެންޓުތައް މަރާމާތުކުރުމަށްފަހު ޓެންޓުތައް ބެހެއްޓުމަށް ކަނޑައަޅާ ސަރަޙައްދުތަކާއި ޓެންޓުތައް ދޫކުރުމާއި ބޭނުންކުރުމުގެ އުސޫލާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުންތަކެއް ސެޕްޓެންބަރު މަހުގެ ތެރޭގައި ބޭއްވުމުގެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް