ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޝަވެންދްރަ ސިލްވާގެ ޚާއްސަ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ސްރީލަންކައަށް އިއްޔެ ވަޑައިގަންނަވައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު، ސްރީލަންކާގެ އާމީގެ މައިމަރުކަޒަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ސްރީލަންކާ އާރމީގެ ފަރާތުން ވަނީ ޝަރަފު ގާޑެއް އަރުވާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ވަނީ ސޮއި ކުރައްވާފައެވެ.
އެމްއެންޑީއެފުން މައުލޫމާތުދެއްވާގޮތުގައި ސްރީލަންކާގެ އާރމީގެ މައިމަރުކަޒުގައި ސްރީލަންކާ އަސްކަރިއްޔާގެ އާރމީ ކޮމާންޑަރާއެކު ޗީފް އޮފް ޑިފެންސް ފޯސް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުންތައް ވަރުގަދަ ކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ސްރީލަންކާ އަސްކަރިއްޔާގެ ފަރާތުން ދެމުންގެންދާ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ދިވެހި ސިފައިންނަށް އިތުރުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި "ކޮލޮމްބޯ ޑިފެންސް ސެމިނަރ 2019" ގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ސެމިނަރ ކުރިއަށްދަނީ މިމަހު 29 ން 30 އަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް