އޭ އައި ބީ ޓީ އެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިންގް ޕަރސަނަލިޓީ އިން އިސްލާމިކް ފައިނޭންސްގެ ގެ އެވޯޑު މިއަދު ދިވެހިރާއްޖޭގެ ޑރ އާއިޝަތު މުނީޒާއަށް އަރުވައިފިއެވެ.
މި އެވޯޑު ޑރ. މުނީޒާއަށް އަރުވާފައިވަނީ މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ އިންޓަރކޮންޓިނަންޓަލް ހޮޓެލުގައި ބޭއްވުނު 7 ވަނަ އިސްލާމިކް ބޭންކިންގް އަދި ތަކާފުލް ސަމިޓުގައި އެވެ. މި އެވޯޑަކީ އެ ސަމިޓުގައި ދެވޭ އެވޯޑެކެވެ.
މި އެވޯޑަކީ ދުނިޔޭން ހޮވާލެވިފައިވާ ފަރާތްތަކެއްގެ ތެރެއިން އެކަމަނާ އިސްލާމިކް ފައިނޭންސް ތަރައްޤީކުރުމަށް އައު އީޖާދުތަކާއި އައު ފައިނޭންޝަލް ޕްރޮޑަކްޓުތައް ތަޢާރަފުކުރައްވަން ކުރައްވާފައިވާ ބުރަ އަދި ކާމިޔާބު މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.
އެވޯޑު ދެވުނު އެ ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ގޮތުން އެންމެ ރަނގަޅު އިސްލާމިކް ބޭންކާއި، ތަކާފުލް ކުންފުންޏާއި އަދި އިސްލާމިކް ފައިނޭންސްގެ ތައުލީމު ފޯރުކޮށްދޭ މަރުކަޒުވެސް ހޮވާ އެފަރާތްތަކަށް ހައްޤު އެވޯޑު ވަނީ އަރުވާފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި އިސްލާމިކް ފައިނޭންސްގެ ރޮގުން އަގުވަޒަންކޮށްފައިވާ ހަމައެކަނި ދިވެއްސަކީ އެކަމަނާއެވެ. 2017 ވަނަ އަހަރު އެކުލަވާލެވުނު އިސްލާމީ އިޤްތިޞާދުން ދުނިޔޭގައި އެންމެ ނުފޫޒުގަދަ 500 ޝަޚުޞިއްޔަތުގެ ތެރޭގައިވެސް އެކަމަނާ ހިމެނެއެވެ. އެކަމަނާ އަކީ އިސްލާމިކް ފައިނޭންސްގެ ދުނިޔޭގެ ބަސްވިކޭ ފަރާތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވާ ފަރާތެކެވެ. 2016 ވަނަ އަހަރު މެދުއިރުމަތީގެ އަރަބި ނޫހުން (އަރަބް ނިއުސް) އެކަމަނާ ވަނީ ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ގަދަ 4 އަންހެން ލީޑަރުންގެ ތެރޭގައި ފާހަގަކޮށްފައެވެ. އެކަމަނާއަކީ މިއަދު ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ޢާލިމުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޑރ. ޢާއިޝަތު މުނީޒާ އަކީ ދިވެހި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ވަށާ ޖެހޭ ނިޒާމެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ވަރަށް ބުރަ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތެރިއެކެވެ. 2011 ވަނަ އަހަރު އެކަމަނާ ވަނީ ކެޕިޓަލް މާރކެޓު ޑިވެލޮޕްމެންޓް އޮތޯރިޓީގެ ކެޕިޓަލް މާރކެޓް ޝަރީއާ އެޑވައިޒަރީ ކައުންސިލްގެ ޗެއާމަންކަމަށް އައްޔަން ކުރެވިފައެވެ. މިއީ މިހާތަނަށް ރެގިއެލޭޓަރީ އޮތޯރިޓީއެއްގެ ޗެއާމަންކަމަށް އަންހެން ބޭފުޅަކު އައްޔަންކޮށް އެފަދަ މަސްއޫލިއްޔަތެއް އަދާކުރައްވަމުން ގެންދަވާ ފުރަތަމަ ފަހަރެވެ. އެކަމަނާ ވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާރކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވާލާ ލައްވާ ދިވެހި ރާއްޖޭގައި ޞުކޫކް މާރކެޓްއެއް ގާއިމްވެ ކުރުމުގެ ޢަމަލީ މަސައްކަތްތައް ކާމިޔާބު ކަމާއެކު ކުރައްވާފައެވެ. ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ކޮންސަލްޓަންޓްއެއްގެ އިތުރުން އެ އޮތޯރިޓީގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމާއި އަދި އެޑްވައިޒަރެއްގެ ގޮތުގައިވަނީ ދިވެހި ރާއްޖޭގެ މާލީ ސިނާއަތު ތަރައްޤީ ކުރުމަށް ޓަކައި ވަރަށް ބޮޑު ހިއްސާއެއް ދެއްވާފައެވެ. މިގޮތުން ދިވެހި ރާއްޖެއަށް ހާއްސަ ޝަރީއާ ސްކްރީނިންގް މެތޮޑޮލޮޖީއެއް އެކުލަވާލާ ލައްވާ ދިވެހި ރާއްޖޭގެ ގާނޫނީ އަދި މާލީ އޮނިގަނޑަށް ފެތޭ ސުލޫކު ސްޓްރަކްޗާތައް ފަރުމާ ކޮއްދެއްވާފައިވެއެވެ. 2013 ވަނަ އަހަރު އެ ކަމަނާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކޮންސަލްޓަންޓްއެއްގެ ހައިސިއްޔަތުން ދެކުނު އޭޝިޔާ ސަރަޙައްދުގައި ތައާރަފު ކުރެވުނު އިސްލާމިކް ޓްރެޜީ ބިލުގެ އޮނިގަނޑު ފަރުމާ ކޮށްދެއްވާ ބައިނަލްއަޤްވާމީ ޝަރީއާ އެޑްވައިޒަރެއްގެ ހައިސިއްޔަތުން ޝަރީއާ އެޑްވައިޒަރީ ލަފާ ދެއްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ސަރުކާރަށް ޕްރައިވެޓް ސޮވަރިން ސުކޫކް ފައިނޭންޝަލް އިންސްޓްރުމަންޓެއް ފަރުމާ ކޮށްދެއްވާ، މިހާތަނަށް ދިވެހި ރާއްޖޭގައި އިޝޫ ކުރެވުނު ހުރިހާ އިސްލާމީ ޓްރެޜަރީ އިންސްޓްރުމަންޓެއްގެ އޮނިގަނޑު އެކުލަވާލައްވާ ބައިނަލްއަޤްވާމީ ޝަރީއާ އެޑްވައިޒަރެއްގެ ގޮތުން ލަފާ ދެއްވާފައެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ކޮންސަލްޓަންޓްއެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ އިސްލާމިކް މައިކްރޯ ފައިނޭންސް ސްކީމް( ފަސޭހަ މަދަދު ) އެކުލަވާލެއްވުމުގެ މަސައްކަތުގައި ޝާމިލް ވެވަޑައިގެން އެކަން ކާމިޔާބު ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ކުރުމަށް އެކަމަނާ ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މިގޮތުން އެޗް. ޑީ. އެފް. ސީ އަމްނާ ، އަޔާދީ ތަކާފުލް އަދި އެލިއާ އެޗްޑީސީ ފަދަ ކުންފުނި ތަކުން ދޫކުރާ އިސްލާމީ މާލީ ޕްރޮޑަކްޓުތައް ފަރުމާ ކުރުމުގައި އެކަމަނާ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނައުމުގެ ޓެކްނިކަލް މަސައްކަތްތައް ކުރައްވާ އެ ކޯޕަރޭޝަންގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އަކީ ވެސް އެކަމަނާއެވެ. އެކަމަނާ ވަނީ ދިވެހި ބަހުން އިސްލާމިކް ފައިނޭންސް އަދި ސުކޫކް މާރކެޓް އާއި ބެހޭ ފޮތްތައް ދިވެހި ރައްޔިތުންނަށް ހިލޭ ބެހުމަށް]ޓަކައި ލިޔުއްވާފައެވެ. އިނގިރޭސި ބަހުން އެކަމަނާ ލިޔުއްވާފައިވާ ފޮތްތައް ދުނިޔޭގެ އެތައް ބުކްޝޮޕް ތަކަކުން އެތައް ގައުމުތަކެއްގައި ލިބެން ހުރެއެވެ. އިސްލާމިކް ފައިނޭންސް އާއި ގުޅޭ ގޮތުން އެކަމަނާ ވަނީ ދުނިޔޭގެ އެތައް ގައުމެއްގައި ތަގުރީރު ކުރައްވާ ސަތޭކަ އެތައް ލިޔުމެއް ޝާއިއު ކުރައްވާފައެވެ.
އެކަމަނާ އަކީ މެލޭޝިޔާގެ ސެކިއުރިޓީޒް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ހަމައެކަނި ދިވެހި ޝަރީއާ އެޑްވައިޒަރެވެ. އަދި ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓްގެ އޮތޯރިޓީގައި ކެޕިޓަލް މާރކެޓް މާލީ އިންސްޓްރުމަންޓް ފަރުމާ ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ހަމައެކަނި ފަރާތަކީވެސް އެކަމަނާއެވެ.. އެކަމަނާ އަކީ މެލޭޝިޔާގެ މަރުކަޒީ ބޭންކުން އުފައްދާފައިވާ ންސެފް ، ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސްގެ އެސޯސިއޭޓް ޕްރޮފެސަރެކެވެ. އެކަނާއަކީ ދިވެހި ސަރުކާރުން ދެކުނު އޭޝިޔާގެ އިސްލާމިކް ފައިނޭންސްގެ ހަބުގެ ގޮތުގައި ދިވެހިރާއްޖެ ހެދުމަށް އުފެއްދި މޯލްޑިވްސް ސެންޓަރު ފޮ އިސްލާމިކް ފައިނޭންސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންއެވެ.
އެކަމަނާ އަކީ އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިޔުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ މިނިސްޓްރީ ގައި ހިދުމަތް ކުރެއްވި މުއްދަތުގައި ދިވެހިރާއްޖޭގައި ޙަލާލު ސެޓްފިކެޓް އިޝޫ ކުރުމުގެ މަސައްކަތާއި ޒަކާތުގެ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތާއި އައުގާފް ދިރުވައި އާލާ ކުރުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގާއިމް ކުރުމުގެ ޕްރޮޖެކްޓު ފަދަ އެތައް މުހިންމު މަސައްކަތްތަކެއް ތަންފީޒުކުރުމުގައި އެކަމަނާ ވަނީ ޝާމިލް ވެވަޑައިގެންފައެވެ. ޒަކާތު ކޮމިޓީގެ މެންބަރު ކަމާއި ޒަކާތު ސްކޮލާރޝިޕް ކޮމިޓީގެ ޗެއާމަންކަން ވެސް އެކަމަނާ ވަނީ އަދާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އުފެއްދުމަށް ޓަކައި އެކުލަވާލި އެންމެ ފުރަތަމަ ސްޓްރެޓިޖިކް ޕްލޭންގެ ދެލި ކޮޕީ އެކުލަވައި ލެއްވީ ވެސް އެކަމަނާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް