ވާހަކަ: ޑައިރީ – ތިރީސް ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... މިފްޒާލް ފޯނު ބޭއްވީ މާޔޫސްކަމާއެކު ގައެވެ. ފޯނު ބޭއްވުމަށްފަހު ކޮޓަރިން ބޭރަށް ނުކުތީ އަނެއްކާވެސް އެކަމުގައި މަންމަ އާއި މަޝްވަރާ ކުރުމަށެވެ. ޖެހިގެން އައި ދުވަހަކީ ބަންދު ދު...

30 Jul 2024 | 14:10

ކުރީގެ އަދަދާއި ގުޅޭ...

މިފްޒާލް ފޯނު ބޭއްވީ މާޔޫސްކަމާއެކު ގައެވެ. ފޯނު ބޭއްވުމަށްފަހު ކޮޓަރިން ބޭރަށް ނުކުތީ އަނެއްކާވެސް އެކަމުގައި މަންމަ އާއި މަޝްވަރާ ކުރުމަށެވެ.

ޖެހިގެން އައި ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާތީ މިފްޒާލް ގަސްދުކުރީ ކުރީ ދުވަހުވެސް ނުވި ކަންތައް ކުރުމަށްޓަކައި އައިލީން މެންގެއަށް ދިޔުމަށެވެ. މިފްޒާލް މިއަދު ގަސްދުކޮށްގެންހުރީ ކޮންމެތާކު އައިލީން ހުއްޓަސް މިއަދު އެފޮޓޯ އައިލީން އަށް ދިނުމަށެވެ. ކިތަންމެ ބައިވަރު މީހުން ތިއްބަސްވެހެވެ. މިފްޒާލް މިހާރު ބޭނުންވާ ގޮތަކީ އެއީއެވެ. މިފްޒާލްގެ އެންމެ ބޮޑު ބޭނުމަކީ އައިލީން ފަޟީޙަތްވާތަން ބެލުމެވެ. މިފްޒާލް ސައިކަލުގައި ނައްޓާލައިގެން ގޮސް އައިލީންމެން ގޭ މަގަށް އެޅިއިރު އައިލީން، ރާއިފު އާއެކު ސައިކަލުގައި ދަނިކޮށް ފެނުނެވެ. އޭރު އައިލީންގެ ކޮނޑުގައި ބޮޑު ދަބަހެއް އޮތެވެ. ހީވާގޮތުން އައިލީން އެދަނީ ރަށުން ބޭރަށް ދިޔުމަށެވެ. ކުއްލިއަކަށް މިފްޒާލް ސައިކަލް އަނބުރާލުމަށްފަހު ރާއިފުގެ ސައިކަލް ފަހަތުން ދުއްވަން ފެށިއެވެ. އެހެން ނަމަވެސް މާލޭގެ ވަކި ހިސާބަކަށް ދެވުނުތަނާއި މިފްޒާލްގެ ސައިކަލުގެ ފުރޮޅުގެ ވައިމަޑުކަމުން ދުއްވޭވަރު ނުވެގެން ގަރާޖެއް ކައިރިއަށްގޮސް ވައިޖަހައިގެން އަނެއްކާވެސް މިފްޒާލް ނައްޓާލީ ރާއިފު ދިޔަ ދިމާއަށެވެ. އެމީހުން ދިޔައީ މެރީބްރައުން އާ ދިމާއަށެވެ. މިފްޒާލް އަށް އެހިސާބަށް ދެވުނުއިރު ލޯންޗު ނައްޓާލަން ރެޑީވަނީއެވެ. އޭރު ލޯންޗު ތެރޭގައި ބައިވަރު މީހުން ތިއްބެވެ. އައިލީންވެސް އޭގެ ތެރޭގައި ހިމެނެއެވެ. މިފްޒާލް ލޯންޗުގެ އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެހެން ނަމަވެސް ލޯންޗު ތެރެއިން ރާއިފު ފެންނާކަށް ނެތެވެ. ލޯންޗު ތެރޭގައި އެކިމީހުން އެކިއެކި ވާހަކަތައް ދެއްކުމާއި ސަމާސަކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް އައިލީން އިނީ އެކަންޏެވެ. އިރުކޮޅަކު ލޯންޗާ ދިމާއަށް ބަލަންހުރުމަށްފަހު މިފްޒާލް ގޮސް އެލޯންޗަށް އަރާ އައިލިންގެ ކަނާތްފަރާތުގައި ހުސްކޮށްހުރި ގޮނޑީގައި އިށީނެވެ. މިފްޒާލް އިށީނުމާއެކު އައިލީން ދިޔައީ ސިއްސައިގެންނެވެ. ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އައިލީން ބަލާލީ އެއްގަމަށެވެ. އޭރު ރާއިފު ކޮންމެސް އެއްޗެއް ގަނެގެން ލޯންޗާ ދިމާއަށް އަންނަނީއެވެ.

"މިފްޒާލް...! މިތާ...!" އައިލީން ޙައިރާންވެފައި ބުނެލިއެވެ.

"އާނ...! މިފްޒާލް...! ނަސީބެއްނު މަގޭ ނަން ހަނދާންހުރިކަން...." އައިލީންއާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.

"މިތާ ކީއްކުރަނީ...؟" ޙައިރާން ވެފައި އިނދެ އައިލީން ސުވާލުކޮށްލިއެވެ.

"މިސިޓީއުރަ ދޭންވެގެން...! މި ސިޓީއުރަ ހުޅުވަބަލަ...!" މިފްޒާލް އަތުގައި އޮތް ސިޓީއުރަ އައިލީންއަށް ދިއްކޮށްލަމުން ބުނެލިއެވެ.

އެވަގުތު އައިލީން ބަލާލީ ރާއިފު ކޮބައިތޯއެވެ. އޭރު ރާއިފު ލޯންޗާ ވަރަށް ކައިރިއަށް އަތުވެއްޖެއެވެ.

"ތިގޮނޑިން ތެދުވޭ...! އެއޮއް އަންނަނީ ރާއިފު...! ތިއީ ރާއިފުގެ ސީޓް..." އައިލީން ރާއިފުއާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"މިސިޓީއުރައިގަ ހިފާފަ ތި ކަނޑާފަ ބަލާށޭ...!" މިފްޒާލް އަމުރުވެރި ރާގަކަށް އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ.

"ތިއީ ކޯޗެއްތަ...؟ ޕްލީޒް މިފްޒާލް މި ތަނުންދޭބަލަ...! ރާއިފަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ...!" އާދޭސްކުރާ ރާގަކަށް އައިލީން ބުނެލިއެވެ.

"ފެންނައެއްޗެއް ފެނިދާނެއެއްނު...! މިފަހަރު މިއައީ ހުރިހާއެއްޗެއް ދައްކާށޭ...! އައިލީންއަށްޓަކައި އަހަރެންގެ ހިތަކު ޙަމްދަރުދީއެއް މިހާރަކު ނެތޭ...! މީގައި ހިފާފަ މި ބަލާށޭ...! މަވެސް އެބަ އެއްޗެއް ކިޔަމޭ...! މަކިޔާ އެއްޗެއް އަޑެއް ނީވޭތަ...؟" އަނެއްކާވެސް މިފްޒާލް ސިޓީއުރަ ދިއްކޮށްލިއެވެ.

އައިލީން، މިފްޒާލް އަތުން ސިޓީއުރަ އަތުލުމަށްފަހު ސިޓީއުރަ ކަނޑާލިއެވެ. އެވަގުތު އައިލީންގެ ހިތުގެ ވިންދު އަވަސް ވެގެންދިޔައެވެ. ތުރުތުރު އަޅައިގަތެވެ. ރާއިފު އޭރު އައިސް ލޯންޗަށް އަރަނީއެވެ.

"މަންމާ...! މިޔޯ...! މިފްޒާލް އަށް ބަލާލުމަށްފަހު މަޑުމަޑުން އައިލީންއަށް ބުނެވުނެވެ.

"ފިރިމީހާއަށް ދައްކާލަން ގެނައި ހަދިޔާއެއް...! އުފާވެރި ބާއްޖަވެރި ދަތުރަކަށް އެދެން..." މިފްޒާލް ތެދުވެގެން ހިނގައި ގަންނަމުން ބުނެލިއެވެ.

ލޯންޗަށް އެރިގޮތަށް ރާއިފު ދިޔައީ އައިލީން ގާތަށެވެ.

"ހާދަ ލަސްވީ...؟ ރާއިފު ނާންނަނިސް ލޯންޗު ފުރާފާނެތީ ވަރަށް ކަންބޮޑުވެފައި މިއިނީ...!" ތުރުތުރުއަޅާ އަޑަކުން އައިލީން ބުނެލިއެވެ.

"އައްދެ..! ހާދަބޮޑަކަށް ކަންބޮޑުވެފަ ތިއިނީ...! ލޯންޗު ފުރުމުގެ ކުރިން އަހަރެން މީނީ އައިހެންނު...! އެފިހާރައިގަ ޖޫސްޕެކެޓް ނެތީމަ ލަސްވީ...! ހާދަވަރަކަށް ތި ތުރުތުރު އަޅަނީ...!" އައިލީންގެ އަތުގައި ހިފާލަމުން ރާއިފު ބުނެލިއެވެ.

އައިލީން، ރާއިފުއާ ވާހަކަ ދައްކަމުން ދިޔަޔަސް ޚިޔާލު ހުރީ މުޅިން އެހެން ދިމާއެއްގައެވެ. އޭރުވެސް އައިލީން އަތުގައިއޮތް ސިޓީއުރަ ހާމައަށް އޮތެވެ.

"ދައްކަބަލަ...! ތިއީ ކޮންސިޓީއުރައެއް...؟" އައިލީން އަތުގައި އޮތް ސިޓީ އުރައިގައި ހިފަމުން ރާއިފު ބުނެލިއެވެ.

އެވަގުތު ސިއްސައިގެން ގޮސްފައި އައިލީންއަށް ހޭވެރިކަންވީއިރެ ރާއިފު ސިޓީއުރަ އަތުލުމަށްފަހު އެއުރަ ހުޅުވަނީއެވެ. އެވަގުތަކީ ލޯންޗުވެސް ނާއްޓާލި ވަގުތު ކަމުގައިވާތީ ލޯންޗު ދުއްވާލިވަގުތު ޖެހުނު ބާރު ވައިރޯޅިއަކީ އައިލީންގެ ނަސީބެވެ. އެވަގުތު ޖެހުނު ބާރު ވައިރޯޅިއާއެކު ރާއިފު ހުޅުވަމުންދިޔަ ސިޓީއުރަ ފޮޓޯއާއެކު ދިޔައީ ވިއްސައިގެނެވެ. ފޮޓޯގަނޑު މޫދަށް ވެއްޓުނީވެސް ބަންޑުންނެވެ.

"އެދިޔައީ ވަޔާ ވިއްސައިގެން...! އެއީ ކޮން ފޮޓޯ އެއް...؟" ރާއިފު ސުވާލު ކޮށްލިއެވެ.

"އެރަށު މީހަކަށް ގެންގޮސްދޭށޭ ކިޔާފަ ދެންމެ މިތަނަށް އައި ރައްޓެއްސަކު ދިން ފޮޓޯއެއް...! ދެން އަޅާނުލާ...! ބުނާނީ އޭނަކައިރީ ކަންތައްވީގޮތް...! އިތުރު އެހެން ގޮތެއް ނެތުމާއެކު އައިލީން ދޮގުހެދިއެވެ.

"އެކަމަކު މީހަކު، މީހަކަށްދޭށޭ ކިޔާފަ ދިން އަމާނާތެއްނު އެއީ...! ކިހާދެރަ އެވީގޮތް...! އެހެން ކަންތައްވީމާ ތިބުނާ ފްރެންޑް ހިތްހަމައެއްވެސް ނުޖެހޭނެ ދޯ...؟" ރާއިފު ދެރަވެފައި ބުނެލިއެވެ.

"އަޅާނުލާ...! ވަރިހަމަ ދެން ކޮންމެ ގޮތެއް ވިޔަސް....! އައިލީން އެޖަވާބު އެގޮތަށް ދިނީ މިފްޒާލްއަށް ނިސްބަތްވާ ގޮތަށެވެ.

އެ ދަތުރުގެ ފޯރި އައިލީންއަށް ކެނޑުނުއިރު އެ ލޯންޗު މާލޭ ފަޅުން ނުވެސް ނުކުމެއެވެ. މުޅި ދަތުރުގައި އައިލީން އިނީ ދެން ކަންތައް ވާނެ ގޮތަކާމެދު ވިސްނާށެވެ. މިފްޒާލްގެ ކަންތައް ހުންނަގޮތުން ކޮންމެފަދަ ގަޑިއެއްގައިވެސް އޭނާ އަތުވެދާނެކަން އައިލީން އަށް އެނގެއެވެ. މިފްޒާލްގެ އެބިރު ދެއްކުމަށް ކިޔަމަންވުމަށްވުރެ ކަންތައް ވީގޮތް ރާއިފުއަށް ކިޔާދިނުންވެސް މާރނގަޅުވާނެއޭ އައިލީން ހިތަށްއެރިއެވެ. ކޮންމެގޮތެއް ވިޔަސް މިފަހަރު މިފްޒާލް އަށް ކާމިޔާބުވިޔަ ނުދޭން އައިލީން އަޒުމު ކަނޑައެޅިއެވެ. ލައްކަ ގިނަ ކުށްތަކާއި ފާފަތައް އައިލީންއަށް ކުރެވިއްޖެއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ލިބުނު އުފާތަކަށް ވުރެ ލިބުނު ހިތްދަތިކަމާ ލިބެމުންދާ ހިތްދަތިކަން މާ ބޮޑެވެ. މިފްޒާލް ވެގެންދިޔައީ ވަރަށް އަމިއްލަ އެދުން ބޮޑު އަދި އެހާ ނުބައި މީހަކަށެވެ.

"ކިހިނެއްވެފަ ތި އިންނަނީ...؟ އަދިވެސް އެކަމާތަ ތިވިސްނަނީ...! ވަރަށް ބޮޑަށް ސޮރީ...! އަހަރެންގެ ސަބަބުން މުޅި ދަތުރު ފަނިވީދޯ..." ދެރަވެފައި ރާއިފު ބުނެލިއެވެ.

ނޫނޭ...! އެހެން ކަމަކާ މި ވިސްނާލީ....!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

"ދެން އެހެންވީއިރު ކޮންކަމާ ތި ވިސްނަނީ..." ޝައުޤުވެރިކަމާއެކު ރާއިފު ސުވާލުކޮށްލިއެވެ.

"އަހަންނަށް ދެން ހަމަ ބޭބީއެއް ނުލިބޭނެތަ...؟" ހީވެސް ނުކުރާ ސުވާލެއް އައިލީން ކޮށްލިއެވެ.

"ޑޮކްޓަރ އެހެން ބުންޏަސް ދެއްވަންވީމަ ދެއްވާނެ...! އަދި ވަގުތު ނުޖެހެނީ...! އިނގޭ ދަރިފުޅު ބައިގެން ދިޔުމުން އެކަމުގެ ސަބަބުން ކުރާނެ އަސަރު...! އެކަމަކު ބައެއް ހަނދާންތަކަކީ އާ ކުރުމަށްވުރެ ހިތުން ފުހެލުން މާރަނގަޅުވާނެ ހަނދާންތަކެއް...! ތިކަމާ އެއްގޮތަކަށްވެސް ވިސްނާނެ ކަމެއްނެތް...! އަހަރެން މިހާރު މިހިރީ އައިލީންގެ ހުރިހާ ޝަކުވާއެއް އަޑުއަހަން ތައްޔާރު ވެގެން...! އައިލީންގެ ހުރިހާ ހިތާމަތަކެއްގައި ބައިވެރިވާން ތައްޔާރަށް...! އަހަރެން މިއީ ފިރިމީހާ...! ފިރިމީހާއާ ކޮންމެ ކަމެއްވެސް ހިއްސާ ކުރެވޭނެ...! ކަންކަން ޝެއަރވެސް ކުރެވޭނެ... ހިއްސާ ނުކުރެވޭނެ އަދި ޝެއަރ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ...! ތި ކުރަމުންދާ ފިކުރުތަކާއި ހިތާމަތަކުގެ އެއްބައި މަށަށް ވެސްދީ...! އެކަހަލަ ކަންކަމުގައި ދެމީހުން ހިއްސާވާންޖެހޭނީ އެއްވަރަކަށް...! ކައިވެނީގެ ބޭނުމަކީވެސް އެއީއެއްނު..!" އައިލީން ހިތްހަމަ ޖައްސާދިނުމުގެ ގޮތުން ރާއިފު ވާހަކަ ދައްކަމުން ގެންދިޔައެވެ.

ރާއިފުގެ އޯގާތެރިކަން ލިބުނީ ވަރަށް މުހިންމު ދަނޑިވަޅެއް ގައެވެ. އައިލީންގެ އެބޮޑު ސިއްރު ރާއިފުއާ ހިއްސާކުރުމަށް އައިލީން ހިތަށްއެރިއެވެ. އެހެންނަމަވެސް ކަންކަން ހިއްސާކުރަން ފިރިމީހާ ބުންޏަސް އެ ކަމަށްވެސް ވަކި ހައްދެއް އޮންނާނެކަން އައިލީންއަށް ވިސްނެއެވެ. ތިމާގެ އަނބިމީހާ، އެހެން ފިރިހެނަކާއެކު ލޯބީގެ ގުޅުންތަކެއް ހިންގުމަކީ މަދު ފިރިއަކަށް މެނުވީ ހަޖަމްކުރެވޭނެ ކަމެއް ނޫނެވެ.

ގާތްގަޑަކަށް ވިއްސަކަށް މިނިޓްތެރޭގައި ރަށަށް ލެފިއްޖެއެވެ. ރާއިފުމެން ޖެޓީއަށް ފޭބިއިރު އެމީހުން ބުކްކޮށްފައިވާ ހޮޓަލުން މީހަކު އެމީހުން ރިސީވް ކުރަން އައިސް ހުއްޓެވެ. އެމީހާ ފެނުމާއެކު ރާއިފު ސަލާންކޮށް ތަޢާރުފުވުމަށްފަހު އޭނައާއެކު ހޮޓަލަށް ދިޔުމަށްޓަކައި ހިނގަތެވެ. ފަސްވަރަކަށް މިނިޓް ހިނގާލުމަށްފަހު ތިބުމަށް ހަމަޖެހިފައިވާ ހޮޓަލަށް ދެވިއްޖެއެވެ. ހޮޓަލާ އަރާ ހަމަވުމާއެކު އައިލީން ހޮޓަލާ ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

"މިއީތަ އަހަރުމެން ތިބޭ ހޮޓަލަކީ....؟" އައިލީން ހޮޓަލުގެ އެކިދިމަދިމާއަށް ބަލަމުން ސުވާލުކޮށްލިއެވެ.

"އާނ...! ސަޅިތަނެއް ދޯ.... ސާރޗުކޮށްގެން މިރަށުގައި ހުރި އެންމެ ސަޅި ހޮޓާ މިހޯދީ..." ދަބަސް ހިފައިގެން އެތެރެއަށް ވަންނަމުން ރާއިފު ބުންޏެވެ.

"ވަރަށް ސަޅި...! ސްވިމިންގ ޕޫލެއް އޮވޭތަ....؟" ހޮޓަލުގެ ގޯތިތެރެއަށް ނަޒަރު ހިންގަމުން އައިލީން ސުވާލުކޮށްލިއެވެ.

"އޮވޭ.... އެކަމަކު....؟" އައިލިންއާ ދިމާއަށް ބަލާލަމުން ފާޑަކަށް ރާއިފު ބުނެލިއެވެ.

"ކިހިނެތްވީ މާފާޑަކަށް ތިބުނީ...؟" ރާއިފު އާ ދިމާއަށް ބަލާލަމުން އައިލީންވެސް ސުވާލު ކޮށްލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 އޯގަސްޓް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް