ވަކިގައުމެއްގެ ޕައިލެޓެއް ހުރުމުން އިޒްރޭލަށް ފްލައިޓު ޖެއްސިއަ ނުދިނުމުން އިންޑޮނީޝިއާއިން ހޫނު ރައްދެއް!

15 Oct 2026 | 04:53
އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް --

އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް --

އިންޑޮނީޝިއާއަށް ނިސްބަތްވާ ޕައިލެޓެއް ކޮކްޕިޓުގައި އިނުމުން އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށް ޖެއްސުން މަނާކޮށް، ވައިގެ ތެރޭގައި އޮއްވަ އެ ބޯޓު އަނބުރާ ފޮނުވައިލި މައްސަލައިގައި އިންޑޮނީޝިއާ ސަރުކާރުން އިސްތިއުމާރީ އިޒްރޭލު ކުށްވެރިކޮށްފިއެވެ.

އިންޑޮނީޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޔޮވޯން މެވެންކަންގް ބުނީ، ޤައުމެއްގެ ރައްޔިތެއް ކަމަށްވީތީ ނުވަތަ ސިޔާސީ ސަބަބުތަކަށް ބިނާކޮށް މިފަދަ ފިޔަވަޅު އެޅުމަކީ އެގައުމުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ވައިގެ ދަތުރުފަތުރުގެ ކޮންމެ އިދާރާއަކަށް ވެސް ކްރޫ މެންބަރުންނާ ގުޅޭ ސަލާމަތީ މިންގަނޑު ކަނޑައެޅުމުގެ ޙައްޤު ލިބިގެންވީ ނަމަވެސް، އެކަން ކުރަންވާނީ ހަމަހަމަ އަދި ނުރައްކަލުގެ މިންވަރަށް ބިނާކޮށް ކަމަށް ޔޮވޯން ބުންޏެވެ.

އިޒްރޭލުގެ ޗެނެލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބޯޓު އެޑިސް އަބަބާއިން ފުރައިގެން ގާތްގަނޑަކަށް ގަޑިއެއްހާ އިރު ދަތުރުކޮށް، އެތިއޯޕިއާގެ ވައިގެ ސަރަޙައްދުގައި އޮއްވައި އަނބުރާލުމުގެ އަމުރު ނެރުނެވެ. ޕައިލެޓުގެ ޤައުމީ ނިސްބަތް އިޒްރޭލުގެ ޖާސޫސީ އިދާރާ އާއި އެއާޕޯޓު ކަމާބެހޭ ފަރާތްތަކަށް އެންގުމާ ގުޅިގެން ސެކިއުރިޓީ އޮފިޝަލުންނާއި ޓްރާންސްޕޮޓޭޝަން މިނިސްޓްރީން ގުޅިގެން ބޯޓު ޖެއްސުން މަނާކުރީ ކަމަށް އެ ޗެނެލުން ބުންޏެވެ.

ބޯޓު އެޑިސް އަބަބާއަށް އެނބުރި ގޮސް، ޕައިލެޓު ބަދަލުކުރުމަށް ފަހު އަލުން ފުރައިގެން ތެލް އަވީވުގައި ޖައްސާފައިވެއެވެ. އެތިއޯޕިއަން އެއާލައިންސުން މި ހާދިސާ ސިފަކުރީ ގޯހެއްގެ ގޮތުގައި އެވެ. އަދި އެ ޕައިލެޓަށް އިޒްރޭލަށް ދާ ފްލައިޓުތައް ދުއްވުން މަނާކޮށްފައި ހުރި ކަން ނޭނގޭ ކަމަށް ބުންޏެވެ.

ޗެނެލް 12 ން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލާ ޑިޕްލޮމެޓިކް ގުޅުން ނެތް ޤައުމުތަކުގެ ކްރޫ އެ ޤައުމަށް ދާ ފްލައިޓުތަކުގައި ނުބެހެއްޓުމަށް ބޭރުގެ އެއާލައިންތަކަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވެއެވެ. މީގެ ތެރޭގައި އަފްޣާނިސްތާނު، އަލްޖީރިއާ، އިންޑޮނީޝިއާ، އީރާނު، ޢިރާޤު، ކުވެއިތު، ނައިޖާ، ޤަތަރު، ސަޢޫދީ ޢަރަބިއާ، ސޮމާލިއާ، އަދި ވެނެޒުއެލާ ހިމެނެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކް ކުރަން މަސައްކަތް ކުރި ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ޢޮމާނުގެ ކޯ ޕައިލެޓެއް ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓައިލުމަށް ބޯޓުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރި ކަމަށެވެ. ފަސިންޖަރުންނާއި ކްރޫ މެންބަރުން ގުޅިގެން އެ މަސައްކަތް ނާކާމިޔާބުކޮށްލައި، ބޯޓު ސައޫދީ ޢަރަބިއާގެ ތަބޫކުގައި ރައްކާތެރިކަމާ އެކު ޖައްސާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް