"އިނދެގެން އުޅުނުއިރު އަހަންނާއެކު ރެސްޓޯރަންޓަކަށް ދާން ވަގުތު ނުވި މީހަކަށް ވަރިވީމާ އަހަންނާއެކު ރެސްޓޯރަންޓަކަށް ދާން ކީއްކުރަން...! މިހާރު މިފްޒާލަށް އެހާ ވަގުތު ލިބޭތަ...؟ އަހަރެން ނުދާނަން..." އަންޖަލް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"އޯކޭ، މައްސަލައެއް ނެތް...! އެހެންވެއްޖިއްޔާ ހިނގާބަލަ އަހަންނާއެކު ހިނގާލަން ދާން...! އަނެއްކާވެސް ވާހަކަ ދެއްކުމަށްޓަކައި އިތުރު ގޮތެއް މިފްޒާލް ހޯދިއެވެ.
އެ ކަމަށް އަންޖަލް އެއްބަސްވުމުން މިފްޒާލް ވަރަށް އުފާވިއެވެ. އަދި އަވަސް އަވަހަށް ހަރުގައި އޮތް ރޫޖެހިފައިވާ ގަމީސް ލައިގެން މިފްޒާލް އައެވެ.
"ތި ގަމީސް އިސްތިރިވެސް ނުކޮށްދޯ ލައިގެން ތިޔައައީ...! އަނެއްކާ ތިއީ ތިގަމީހާ އެކީ ލާ ޖިންސެއްވެސް ނޫނެއްނު...! މިފްޒާލް ފެނުމާއެކު އަންޖަލް ބުނެލިއެވެ.
އަންޖަލްގެ މި ޖުމްލައަކަށް މިފްޒާލް އަޅައެއް ނުލައެވެ. ކޮށްލީ އަންޖަލްއަށް ތަޢުރީފކެވެ.
"އަދި ނުލާހެދުމެއް ދޯ ތިއީ...! ތިހެދުން ލީމަ އަންޖަލް ވަރަށް ރީތި...! ހިތްކިޔާ ކަހަލަގޮތެއް އެބަހުރި...!" އަންޖަލްގެ ސަމާލުކަން ހޯދުމަށް މިފްޒާލް ތަޢުރީފު ކޮށްލިއެވެ.
"އެހެންތަ...؟ މިހެދުން ހަމަ އެހާރީތިތަ...؟ އެކަމަކު މިއީ އަހަރެން ތިގެއިން ނުކުމެގެން އައިރޭވެސް ލައިގެން ހުރި ހެދުން...! އެރޭ އެއަރޕޯޓަށް ދާންވެގެން ފެހި ހެދުމެއް....! އެކަމަކު އެރޭ މިފްޒާލްހުރީ އެއްޗެއް އެނގޭ ކަހަލަ މޫޑެއްގައެއް ނޫނެއްނު..." މަލާމާތުގެ ރާގަކަށް އަންޖަލް ވާހަކަ ދެއްކިއެވެ.
"އެހެންތަ...؟ އެންމެ ރަނގަޅު އަހަރެން މިއީ އަހަރުމެން ދެމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލު ކުރެވޭތޯ އަންޖަލް އާ ވާހަކަ ދައްކަން...!" އަންޖަލް އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"އެކަމުގައި ކޮން ވާހަކައެއް އޮތީ މިހާރު ދައްކަން...! މިފްޒާލް މި ތަނަށް އައި ސަބަބު ތިހިރީ ފެންނާކަށްނު...! ބަލާބަލަ ތިހިރަ ގަމީހެއް...! މަށަށް ޔަގީން ތި ގަމީސް ދޮވެލާފައި އޮތް ދުވަހެއްވެސް ނޭނގެ...! ރޫގުޅައެއް...!" އަންޖަލް ދިމާއަށް ބުނެލިއެވެ.
"އަހަރެންގެ ހާލަށް އަހަންނަށް މަލާމާތްތަ ތިކުރަނީ...! އަހަރެން ހިއެއްނުކުރަން އަންޖަލް އަހަންނަށް މަލާމަތް ކުރާނެ ކަމަކަށް..! މިފްޒާލްގެ މޫޑް ކޮންމެވެސް ވަރަކަށް ބަދަލުވެގެން ދިޔައެވެ.
"އަހަރެން މަލާމަތް ކުރީމަ މަލާމާތް ކުރާ ވާހަކަ ތި ބުނަނީ...! އަހަންނަށް ޔަޤީނޭ މިފްޒާލް މިތަނަށް ތި އައީ އަހަރެންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ނޫންކަން...!" ހިތްހަމަ ނުޖެހިފައިހުރެ އަންޖަލް ބުނެލިއެވެ.
"ދެން އެހެންވިއްޔާ ކީއްކުރަން އަހަރެން އަންނަންވީ.... ބުނެބަލަ...!" އަންޖަލް އާ ދިމާއަށް ބަލަންހުރެ މިފްޒާލް ވާހަކަ ދެއްކިއެވެ.
"އަސްލު މިހެން ބުނާކަށް ބޭނުމެއް ނޫން...! އެކަމަކު ޙަޤީޤަތްވާނީ ޙަޤީޤަތައް...! ތި އުޅެނީ ގޭތެރެ ސާފުކުރުމާއި ދޮވެ އިސްތިރިކުރާނެ މީހަކު ނުވެގެން...! އަހަރެން މަތިން ހަނދާންވެގެން އަހަރެން ބަލާ އައިނަމަ އިހަށްރެޔަކު ރެސްޓޯރަންޓެއްގެ ތެރެއިން އައިލީން އާ އެކުގައެއް ނުފެނުނީސް..! ބުނަންތަ ރަނގަޅު ވާހަކައެއް...؟ މިފްޒާލް ކޮންމެހެން އަހަރެން ހޯދަން އަންނާނެ ކަމެއް ނެތް...! ދާންވީމަ އިނގޭނީ އަހަންނަށް...! އަހަރެން ދާން ބޭނުމިއްޔާ އަހަރެން އަމިއްލައަށް ހިނގައިދާނަން..!" އަންޖަލް އެތެރެއަށް ވަންނަން ހިނގައިގަންނަމުން ބުނެލިއެވެ.
"އަންޖަލް...! ޕްލީސް މަޑުކޮށްބަލަ...! ޕްލީސް...!" މިފްޒާލް ދެތިން ފަހަރު މަޑުކުރަން ބުނުމުންވެސް އެއަޑު އެހުމެއްނެތި އަންޖަލް ގޭތެރެއަށް ވަދެގެން ދިޔައެވެ.
އަންޖަލް ކަންތައްކުރި ގޮތުން ހިތްހަމަ ނުޖެހިގެން މިފްޒާލް ދިޔައީ ގެއަށެވެ. ގެއަށް ދިޔަގޮތަށްގޮސް ފޯނުކުރީ އައިލީން އަށެވެ. އެހެންނަމަވެސް އައިލީން ފޯނެއް ނުނަގައެވެ. އެރޭ މިފްޒާލް އަށް އެއްގޮތަކަށްވެސް ނުނިދެއެވެ. ލޯމަރާލާއިރަށް ހުވަފެނުންވެސް ފެންނަނީ މިރޭ އަންޖަން ކީ އެއްޗިއްސެވެ. އެގޮތް މިގޮތަށް ފުރޮޅިފުރޮޅި އޮއްވާ ނިދުނީ ހެނދުނުވީ ފަހުންނެވެ. ހެނދުނު ނިދުމަށްފަހު ދެން ހޭލެވުނީ މެންދުރުވާން ކައިރިވީ ފަހުންނެވެ. އޭރުވެސް މިފްޒާލްގެ ރުޅިގަނޑު ކޮންޓްރޯލް ނުވެއެވެ. ހޭލިގޮތަށް ފޯނުކުރީ އައިލީން އަށެވެ. އެހެން ނަމަވެސް އައިލީން ފޯނެއް ނުނަގައެވެ. އެތައް ފަހަރަކު ފޯނު ކުރުމަށްފަހު އޮފީސް ފޯނަށްވެސް ފޯނު ކުރިއެވެ. އެހެން ނަމަވެސް އޮފީސް ފޯނުވެސް ނުނަގައެވެ. އެންމެފަހުން މިފްޒާލް ގަސްދުކުރީ ރާއިފުގެ ނަމުގައި އޮފީސް ފޯނަށް ގުޅުމަށެވެ. އައިލީން ރެކޯޑިންގ ރޫމުގައި އުޅެނިކޮށް އޮފީސް ކުއްޖަކު އައިސް ރާއިފުގެ ކޯލެއް އޮތް ކަމަށް ބުނުމުން އައިލީން ގޮސް ފޯނުގެ ނެގިއެވެ.
"ހަލޯ...!" އައިލީން ވާހަކަ ދެއްކިއެވެ.
"މިއަދު ހަތަރުދަމު ކޮންތާކު ތި އުޅެނީ..؟ އަހަރެން ހާދަވަރަކަށް ގުޅައިފީމޭ...!" ހިތްހަމަ ނުޖެހިފައިހުރި މިފްޒާލް ވާހަކަ ދެއްކިއެވެ.
ކީއްވެ ރާއިފުއޭ ކިޔައިގެން ތި ފޯނުކުރަނީ....؟ އެހެން ނޫނަސް ކޮން ހައިސިއްޔަތަކުން ތި ސުވާލު ކުރަނީ...؟ ފާޑުފާޑަށް ރާއިފު އޭ ކިޔައިގެން އަހަންނަށް ނުގުޅާތި...! މިފްޒާލް ގުޅީމަ ވާހަކަ ދައްކަން ބޭނުންނުވާތީ ފޯނު ނުނެގީ...! އެވަރަށް ގުޅިއިރުވެސް ފޯނު ނުނެގީމަ އެކަމެއް ނޭނގުނުތަ...؟ އައިލީން ފޯނު ކަނޑާލިއެވެ.
އަންޖަލްވެސް އަދި އައިލީންވެސް މިފްޒާލް ބާކީކޮށްލި ކަމުގެ އިޙްސާސް މިފްޒާލްއަށް ކުރެވުނެވެ. އެކަމާ މިފްޒާލް ވަރަށް އަސަރުވެސް ކުރިއެވެ. ލޮލުން ކަރުނަ އައެވެ. އެހެންނަމަވެސް ހަމައެހާ ރުޅިވެސް އައެވެ. މިފްޒާލް އަކީ އަބަދުވެސް އަންހެނުންގެ ހިތާ ކުޅޭ ހިތްވާ މީހެކެވެ. އެހެން ނަމަވެސް މިފްޒާލް ހިތާ އެހެން މީހަކު ކުޅެލުމުން އެކަމަށް މިފްޒާލްގެ ހިތަކަށް ކެތެއްނުވިއެވެ. އުފެދުނީ ބަދަލުހިފުމުގެ ރޫޙެވެ. މިފްޒާލަށް އުފަލުގައި ނޫޅެވޭނަމަ ދެން އައިލީންވެސް އަދި އަންޖަލްވެސް އުފަލުގައި އުޅުނަ ނުދިނުމަށް މިފްޒާލް ކަނޑައެޅިއެވެ. އައިލީންގެ ދިރިއުޅުން ހަލާކުކޮށްލެވޭވަރުގެ ފޮޓޯ މިފްޒާލް އަތުގައި އެބަ ހުއްޓެވެ. މިފްޒާލް ގަސްދުކުރީ އެންމެފަހު ފިޔަވަޅު އެޅުމަށެވެ. އެގޮތުން މިފްޒާލް އަތުގައިހުރި ފޮޓޯތަކުގެ ތެރެއިން ވަރަށް ޚާއްޞަ ފޮޓޯއެއް ޕްރިންޓު ކުރުމަށްފަހު އެ ފޮޓޯ ހިފައިގެން މިފްޒާލް ދިޔައީ އައިލީންގެ އޮފީހާ ދިމާއަށެވެ. މިފްޒާލް އަކީ ކެރޭ މީހެކެވެ. މިފްޒާލް ދިޔަގޮތަށް ގޮސް އޮފީހަށްވަދެ އައިލީންއަށް ގޮވާލަދިނުމަށް އޮފީހުގެ ކައުންޓަރުގައި އިން ކުއްޖާ ކައިރީގައި އެދުނެވެ. ނަސީބު ދިމާކުރި ގޮތުން އެވަގުތަކީ އައިލީން އޮފީހުގައި ނޫޅޭ ވަގުތެކެވެ. އޮފް ޑިއުޓީ ކަމުގައިވާތީ އައިލީންވީ ގޭގައެވެ. މިފްޒާލް ދެން ގަސްދުކުރީ ކޮންމެ ގޮތެއް ވަރިހަމަވިޔަސް ސީދާ އައިލީން މެންގެއަށް ދިޔުމަށެވެ. މިފްޒާލް ދިޔައިރު ފްލެޓްގެ ދޮރުހުޅުވާލާފައި ވަންއިރު އެތެރޭގައި މީހަކު ފެންނަން ނެތުމާއެކު ސީދާ ވަގެން ދިޔައީ އައިލީންގެ ކޮޓަރިއާ ދިމާއަށެވެ. މިފްޒާލްގޮސް ކޮޓަރީގެ ބޭރުން ކުޑަދޮރު ކައިރީގައި ހުއްޓިލީވަގުތު ކޮޓަރި ތެރެއިން އައިލީން ހީނލި އަޑު އިވުނެވެ. މިފްޒާލް މަޑުމަޑުން ލޫވަރ ދޮރުގެ ލޫވަރ ގަނޑެއްގައި ހިފާލިއެވެ. ހަނދާންނެތި އައިލީންއަށް ތަންޑު ނޭޅުވިހުރި ލޫވަރ ހިވީ ދީފައިވާ ދަޢުވަތެއް ހެންނެވެ. މިފްޒާލް ލޫވަރ ކުޑަކޮށް ހުޅުވާލުމަށްފަހު ލޯޖަހައިގެން އޮވެ ކޮޓަރި ތެރެއަށް ބަލާލިއެވެ. މިފްޒާލް އަށް ފެނިގެންދިޔައީ ކުރީ ފަހަރު އެގެއަށް އައިރޭވެސް ހަމަ ކޮޓަރި ތެރެއިން ފެނުނު މަންޒަރެވެ. މިފްޒާލް ކުރަން އައިކަންތައްވެސް ހަނދާން ނެތި އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ދުވާލުގެ ވަގުތުވީމާ ކޮޓަރިތެރެއަށް އަލިވެފައި އޮތުމާއެކު މަންޒަރު ވަރަށްރީތިކޮށް ފެނެއެވެ. ކުޑައިރުކޮޅަކު ބަލަން ހުރުމަށްފަހު މިފްޒާލު، އައިލީންގެ ފޯނަށް ގުޅާލިއެވެ. އެހެން ނަމަވެސް ވަގުތުގެ ގޮތުން އައިލީން އެފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. މިފްޒާލް ފޯނު ކަންފަތުގައި ޖަހައިގެން ރުޅިގަދަވެފައި ކޮޓަރިތެރެއަށް ބަލަހައްޓައިގެން ހުއްޓެވެ. އެނދުމަތިން ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން މިފްޒާލްގެ ރުޅި ކޮންޓްރޯލުން ނެއްޓިގެންގޮސް ލޫވަރ ދޮރުގައި ވަރަށް ބާރަށް ޖެހިއެވެ. އެވަގުތު އައިލީންވެސް ރާއިފުވެސް ސިހިފައި އެދިމާއަށް ބަލާލިއެވެ. އެހެން ނަމަވެސް އެދިމާލުން އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ. މިފްޒާލް އެތަނުން ހިގައްޖެއެވެ. މިފްޒާލް އަށް ފެނުނު މަންޒަރުގެ ސަބަބުން އޭނާގެ ރުޅިވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. އަދި އެހާމެ ދެރަވެސް ވިއެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް އެކަމާ ވަރަށްބޮޑަށް ވިސްނިއެވެ. އައިލީންގެ ފަރާތުން މިފްޒާލް އަށް އެއްޗެއް ލިބެންނެތްކަން ވިސްނުމާއެކު އަނެއްކާވެސް ގަސްދުކުރީ އަންޖަލް އަށް ގުޅުމަށެވެ. ގެއަށް ދިޔަގޮތަށްގޮސް މިފްޒާލް އަންޖަލް އާ ގުޅިއެވެ.
"ކިހިނެތްވީ އަނެއްކާ ތިގުޅީ...!" އަދިވެސް އަންޖަލްހުރީ ހިތްހަމަ ނުޖެހިފައެވެ.
"ނުގުޅަންވީތަ...؟ އެދުވަހުވެސް ނުގުޅާށެކޭ ނުބުނަމެއްނު...! ނުގުޅާށޭ ބުނިނަމަ ނުގުޅަ ހުރެވޭތޯވެސް އަހަރެން ބަލާނަން...!" މިފްޒާލް ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރި ކަމާއެކުގައެވެ.
"އެންމެ ރަނގަޅު...! ކިހިނެތްވީ...؟' އަނެއްކާވެސް އަންޖަލް ސުވާލު ކުރިއެވެ.
"އަހަރެން އަންޖަލް އާ ނުލާ މިއުޅޭ އެކަނިވެރިކަން އަންޖަލް އަށް އެނގޭނަމަ ތިގޮތަށް އަހަންނަކާ ސުވާލެއް ނުކުރާނެ...! އަހަރެން ވަރަށް ބޮޑަށް އެކަނިވެރިވެއްޖެ...!' އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.
"ތީ ހުސްފޭކް...! ތިހާ އެކަނިވެރިވާނަމަ އަދިވެސް އަބަދު އައިލީން ފައިބުޑުން ނުނެއްޓިގެން ތިއުޅެނީ ކީއްވެގެންތަ...؟ މިއަދުވެސް އެގެއަށް ގޮއްސައެއްނު ތިއައީ...! މިއަދު އެގެއިން ހިތްހަމަޖެހޭގޮތް ނުވީތަ...؟" އަންޖަލް ވާހަކަ ދެއްކީ މަލާމާތުގެ ރާގެއްގައެވެ.
"އަހަރެން ނުބުނާން އަންޖަލް އަހަންނަށް ފާރަލަނީއެކޭ...! އަހަންނަށް އެނގޭ އަހަންނަކީ ކުށްވެރިއެއް ކަންވެސް...! އަހަންނަށް އަދި އެއްފުރުޞަތު ދީބަލަ...! ޕްލީޒް...! އަހަރެން އަންޖަލްގެ ދެފައިގައި ހިފާ އާދޭސްކޮށްފައި މިބުނަނީ އަހަންނަށް އެއްފުރުޞަތުދީ...! އަހަރެން ބޭނުން އަހަންނަކީ ރަނގަޅު މީހެއްކަން އަންޖަލްއަށް އިޙްސާސްވާވަރަށް އަންޖަލް އަށް ކެއަރ ކުރަން...! އަންޖަލް އަށް އުފާވެރިކަން ހޯދައިދޭން..!" މިފްޒާލްގެ އަޑުގައިވަނީ ހިތްދަތި ކަމެވެ.
އެއްކޮޅަކުންވެސް ކާމިޔާބު ނުވާތީ މިފްޒާލް ބޭނުންވަނީ އަންޖަލް ވާ ވައްދައިގެން ގެއަށް ގެނައުމަށެވެ.
"އަހަރެން މިއީ މިފްޒާލްގެ އަންބެއްވެސް ނޫނޭ...! އެހެންވީމާ ކޮންހައިސިއްޔަތަކުން ތިބުނަނީ ތިގެއަށް ދާން...! މިފްޒާލް އިރުއިރުކޮޅާ އައިލީން މެންގެއަށް ގޮސް އޮތަކަސް އަހަރެން މިއީ އެހެން އުޅޭ މީހެއް ނޫނޭ...!" އަންޖަލް ވާހަކަ ދައްކަމުން ގެންދިޔައީ މަލާމާތުގެ ރާގަކަށެވެ.
ތީގެ މާނައަކީ އަދިވެސް އަންޖަލް އަހަންނަށް މަޢާފު ނުކުރަނީޔޭތާ...! އަހަރެން އަންޖަލް ގެއަށް ގެންނަން މިއުޅެނީ ކައިވެނި ރުޖޫޢަ ކޮށްގެންނޭ...! އެގޮތް ޤަބޫލުތަ...؟ ޕްލީސް އާއެނކޭ ބުނެބަލަ...! މިފްޒާލް ރޮވޭގޮތް ދައްކަން މަސައްކަތް ކުރަމުން ގެންދިޔައެވެ.
"މިފްޒާލް ތިއުޅޭގޮތް ބަދަލުވީ ދުވަހަކުން އަހަންނަށް ތިކަމާ ވިސްނޭނީވެސް...! ދެން މިހާރު ފޯނު ބާއްވަނީ...!" މިފްޒާލަށް އެއްޗެއް ބުނުމުގެ ފުރުޞަތުވެސް ނުދީ އަންޖަލް ފޯނު ބޭއްވިއެވެ.
މިފްޒާލް ފޯނު ބޭއްވި މާޔޫސްކަމާއެކު ގައެވެ. ފޯނު ބޭއްވުމަށްފަހު ކޮޓަރިން ބޭރަށް ނުކުތީ އަނެއްކާވެސް އެކަމުގައި މަންމަ އާއި މަޝްވަރާ ކުރުމަށެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 30 ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް