މިފަހަރުވެސް މިފުޒާލްއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުން ހަމައެކަނި ބޯ ހޫރާލެވުނީއެވެ.
"ޕޮޕްކޯން ވެސް ގަނެގެން ދޯ އަންނާނީ....." ހިނގައިގަންނަމުން ހީނާ ބުނެލިއެވެ.
އައިލީން އާއި ހީނާ ހިނގައިގަތުމުން މިފްޒާލް އަނބުރާލާފައި ގޮސް ކުރިންވެސް އިށީނދެއިން ބެންޗުގައި އިށީނދެލިއެވެ. އެހެންނަމަވެސް މިފްޒާލްގެ ސިނކުޑިވަނީ ޚިޔާލުތަކުން ފުރިފައެވެ. މިފްޒާލް ބަލަހައްޓައިގެން އިނީ ދުރުން ފެންނަން ހުރި އައިލީން އަށެވެ. އިރުކޮޅެއް ފަހުން އައިލިން، މިފްޒާލް އާ ދިމާއަށް އަންނަން ފެށިއެވެ. މިފަހަރު އައިލީން އަންނަކީ އެކަންޏެވެ. ހީނާއެއް ނާދެއެވެ.
"ކިހިނެތްވެފަ މާ ފާޑަކަށް ބަލަހައްޓައިގެން ތީނީ.....!" އައިލީން އައިސް މިފްޒާލް ކައިރިއަށް ހުއްޓެވުން ސުވާލުކޮށްލިއެވެ.
"ކޮބާ އައިލީންގެ ފްރެންޑް...؟" އައިލީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިފްޒާލް ކޮށްލީ ސުވާލެކެވެ.
"އޭނަގެ ރައްޓެއްސެއް ދިމާވެގެން އޭނައާ އެކީ ކޮފީއެއް ބޯލައިގެން އަންނާނަމޭ ކިޔާފަ އެދިޔައީ...." މިފްޒާލް އިށީނދެ އިން ބެންޗުގެ ކުރިމަތީގައި ހުރި ބެންޗުގައި އިށީންނަމުން އައިލީން ބުނެލިއެވެ.
"މިތާ ކައިރިއަށް އާދެބަލަ....!" މިފްޒާލް ބެންޗުން ކުޑަކޮށް އެއްފަރާތަކަށް ޖެހިލަމުން ބުނެލިއެވެ.
"މިތަންވެސް ހަމަ ރަނގަޅޭ....! ކޮން ވާހަކަ އެއް ބުނަންވެގެން އުޅުނީ....؟" މިފްޒާލް އާ ދިމާއަށް ބަލަން އިނދެ އައިލީން ސުވާލުކޮށްލިއެވެ.
"އެވާހަކަ ބުނުމުގެ ކުރިން އަހަރެން ސުވާލެއްވެސް ކޮށްލަން އެބައޮތް....! މި ވެދާނެ ހަމަ އަހަންނަށް ހީވާ އެއްޗެއް ކަމަށްވެސް....! ރަނގަޅީވެސް އެހެން ވެއްޖިއްޔާ....!" އައިލިން އާ ދިމާއަށް ބަލަން އިނދެ މިފްޒާލް ބުނެލިއެވެ.
"ހޫނ.... ކޮށްބަލަ ތިކުރަން އުޅޭ ސުވާލެއް...." އައިލީންވެސް މިފްޒާލް އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
"އެކަމަކު ވެދާނެ މަށަށް ހީވާ ހީވުމަކަށްވެސް....! އައިލީން ބަނޑު.... ބަނޑު ބޮޑުތަ....؟ އަޅައަޅައިގަންނަމުން ޖެހިލުންވެ ހުރެ މިފްޒާލް ސުވާލު ކުރިއެވެ.
މިފްޒާލްގެ އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އައިލީން މިފްޒާލް އާ ދިމާއަށް ބަލާލިއެވެ. މިފްޒާލްގެ ހިތް ތެޅެން ފެށިއެވެ.
"އައިލީން ބަނޑުބޮޑުތަ....؟" އަނެއްކާވެސް ހިތްވަރުކޮށްފައި މިފްޒާލް ސުވާލުކޮށްލިއެވެ.
"ކިހިނެތް ހީވަނީ....؟" މިފްޒާލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އައިލީން ކޮށްލީ ސުވާލެކެވެ.
"ހިޔެއްނުވެ ބަނޑުވާނެ ހެނެއް....! މަށަށް ކުރެވުނު ކުށްހީއެއް ކަންނޭނގެ އެއީ....! ހިޔެއްނުވެ އައިލީން މަށަށް ދޮގެއް ހަދާނެ ކަމަކަށް....! ޕްރެގެއް ނުވާނަމޭ އައިލީން ބުނެފަ އޮތީ....! އަބަދުވެސް އެހަނދާން އަހަރެންގެ ހިތުގަ ހަރުލާފައިހުރޭ....! އަނެއްކާ ބަނޑުބޮޑުތަ....؟" އައިލީންއާ ދިމާއަށް ބަލަންއިނދެ އަނެއްކާވެސް ހަމަ އެސުވާލު މިފްޒާލް ތަކުރާރުކޮށްލިއެވެ.
މިފަހަރުވެސް މިފްޒާލްގެ ސުވާލަށް އައިލީން އެއްވެސް ޖަވާބެއް ނުދިނެވެ. މާނައިން ފުރިގެންވާ ގޮތަކަށް މިފްޒާލް އާއި ދިމާއަށް ބަހައްޓައިގެން އިނީއެވެ.
"ތީގެ މާނައަކީ...... އަޅެ.... އެވަރަކަށް ބުނެފަ ދިޔާމަވެސް.....!" އިސްޖަހާލުމަށްފަހު މަޑުމަޑުން މިފްޒާލް ބުނެލިއެވެ.
"ސޮރީ....!" އައިލީންވެސް އިސްޖަހާލަމުން ބުނެލިއެވެ.
"ސޮރީއޭ ބުނީމަ އެނިމުނީތަ....؟ ތިވަރަށް އޭނަ ދެކެ ލޯބިވަންޏާ ކީއްވެ މަގޭ ކައިރިއަށް ތި އަންނަނީ.....! ކައިރީގައި އުޅޭ މީހުންނަށް އަޑު އިވިދާނެތީ މަޑުމަޑުން މިފްޒާލް ބުނެލިއެވެ.
"ޤަބޫލުކޮށްބަލަ....! މިއީ އެކްސިޑެންޓެކޭ.....! ޤަބޫލު ކޮށްބަލަ....! އަހަރެން ރާއިފު ދެކެ ލޯތްބެއް ނުވެއޭ....!" އިސްއުފުލާލުމަށްފަހު މިފްޒާލް އާ ދިމާއަށް ބަލާލަމުން އައިލީން ބުނެލިއެވެ.
"ތިއީ ހުސްދޮގު....! ލޯތްބެއް ނުވެއޭ....! ލޯބި ނުވެ ތިކަހަލަ ކަމެއްވޭތަ....؟" ހިތްހަމަ ނުޖެހިފައި އިނދެ މިފްޒާލް ބުނެލިއެވެ.
"ކަންވެ ނިމިފަމިއޮތީ.....! ކިތަންމެ ރުޅިއަޔަސް ދެން އެއީ ނުވާކަމަކަށް ނުވާނެ....! އެކްސިޑެންޓެކޭ މިބުނީނު...! ޤަބޫލު ކޮށްބަލަ....!" އައިލީން މިފްޒާލް އަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.
މިފްޒާލް ވިސްނާލިއެވެ. އައިލީން ބުނިހެން ކަންމެ ނިމިއްޖެއެވެ. ކިތަންމެ ނުރުހުނަސް ދެން އެއީ ނުވާކަމަކަށް ނުވާނެއެވެ. ވީމާ ރުޅި އިސްކޮށް ޝަކުވާ ކުރުމަކީ ބޭކާރު ކަމެކެވެ.
"ހާސްނުވޭ....! އަދިވެސް ތިކަމަށް ހައްލެއް ހޯދިދާނެ....!" މިފްޒާލް އަށް ބުނެވުނީ އެހާހިސާބަކަށެވެ.
"މަ ލައްވާ ގޯސް ހައްދުވަން ނޫޅޭތި....! މަނޫޅެން މިކަމުން ސަލާމަތް ނުވެވިގެނެއް....! މަގޭ ބަނޑަށް މިހާރު ހަތަރުމަސް...!" އައިލީން ބަނޑާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"ހެވޭ ފަސްމަސް، ހަމަސް ވިޔަސް....!" ވިސްނާވެސްނުލާ މިފްޒާލް ވަގުތުން ބުނެލިއެވެ.
"މަށަކަށް ހެވެއް ނޫނޭ....! އަހަރެން ބިރުގަނޭ....! މީ މާތް ﷲ ގެ ފުރާއެކޭ....! އަހަރެން ބޭނުމެއްނޫން އެއްވެސް ކަމެއް ކުރާކަށް....! އެހިސާބަށް ވިސްނާކަށްވެސް ބޭނުމެއް ނޫން....! އަހަންނަށް ފެންނަނީ މިފްޒާލްވެސް ބޭނުން ނޫނިއްޔާ އަހަރެން މަތިން ހަނދާން ނައްތާލުން....!" ނުބުނަން ހުރެފައިވެސް އެންމެ ފަހުން އައިލީން ބުނެލިއެވެ.
"ނުވާނެ ތިކަމެއް....! އައިލީން އަށް މިހާރު ހާދަފަސޭހައޭ ދޯ ތިހެން ބުނެލަން...!" ހިތްހަމަ ނުޖެހިފައި މިފްޒާލް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
އައިލީން އަށްޓަކައި މިފްޒާލްވަނީ އޭނާ ދިރިއުޅުން ޤުރުބާން ކޮށްފައެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ އޭނާ އަނބިމީހާ އާއި ދުރުވެފައެވެ. އަލުންއަނބުރާ ނާދެވޭ ވަރަށް މިފްޒާލް ވަނީ މަގުއޮޅިފައެވެ. އެހާ ހިސާބުން އައިލިން އާ ވަކިވުމަކީ މިފްޒާލް އަށް ކުރެވޭނެ ކަމެއް ނޫނެވެ.
"މައްސަލައެއްނެތް....! އެއީ ނުދައްކާ ވާހަކައަކަށް ހަދަމާ....! އަހަރެން މިހިރީ ތި ކުއްޖާއާއެކު އައިލީން ޤަބޫލު ކުރަން ތައްޔާރަށް....! އައިލީން އާއެކު އުޅެން ތައްޔާރަށް....! ކޮންމެ ގޮތެއް ވިޔަސް އައިލީން އަހަންނަށް ލިބެނިކޮށް އަހަރެންގެ ހުރިހާ އުއްމީދުތައް އެ ފުރިހަމަވީ....! މިފްޒާލް އައިލީން އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
މިފްޒާލްގެ މިވާހަކަތައް އަޑު އެހުމަށްފަހު އެއްވެސް ވަރެއްގެ އުންމީދެއް މިފްޒާލަށް ދޭކަށް އައިލިން ގަސްތެއް ނުކުރިއެވެ.
"އެކަމަކު އަހަރެން މިހާރު ބޭނުންވަނީ ތި ޚިޔާލު ދޫކޮށްލަން....! މިފްޒާލް އާއެކު އުޅުމުގެ އެއްވެސް ޚިޔާލެއް މިހާރު އަހަރެންގެ ނެތް....! ކުއްޖަކު ލިބެން އުޅޭއިރު ފިރިމީހާއާއެކު ރަނގަޅު ދިރިއުޅުމެއް އުޅެގެން ނޫނީ ލިބޭ ދަރިފުޅަކަށް އުފާވެރި މުސްތަޤްބަލެއް ހޯދައެއް ނުދެވޭނެ....! އެހެންވީމާ މިފްޒާލް އަހަރެން މަތިން ހަނދާން ނައްތާލުމަށްފަހު މިފްޒާލްގެ އަންހެނުންނާއެކު އުފާވެރި ދިރިއުޅެއް އުޅެން ފަށާ....! މުސްތަޤްބަލަށް ބަލާއިރު ދެމީހުންނަށްވެސް އެންމެ ފައިދާބޮޑު ގޮތަކީ އެއީ....!" އައިލީން މިފްޒާލް އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"އަހަރެންގެ ކެތްތެރިކަން ތިވަރަށް އިމްތިހާން ކުރަން މަސައްކަތް ނުކުރޭ...!" ތުރުތުރުއަޅާ އަޑަކުން މިފްޒާލް ބުނެލިއެވެ.
މިފްޒާލްގެ ލޮލުން ކަރުނަތައް ފައިބަން ފެށުމާއެކު އައިލީންގެ ހިތް ބިރުގަންނަން ފެށިއެވެ. ބައްދަލުކުރަން އާދެވުނު މޮޔަ ހިތަށް އެރިއެވެ.
"އަހަރެންގެ ސަބަބުން މިފްޒާލް ހިތް ހަލާކުވި ކަމަށް ވަންޏާ އަހަރެން މިފްޒަލް ކިބައިން މާފަށް އެދެން.....! އަހަރެން އުއްމީދު ކުރަން މިފްޒާލް އަހަންނަށް މާފުކުރާނެ ކަމަށް....! މިފްޒާލް އާ ދިމާއަށް ބަލަން އިނދެ އައިލީން ބުނެލިއެވެ.
"ތިނޫން ގޮތެއް ހަމަ ނޯންނާނެތަ....؟" އަނެއްކާވެސް އަސަރާއެކު މިފްޒާލް ބުނެލިއެވެ.
"އަހަރެންވެސް ވަރަށް ވިސްނާފަ މިވާހަކަ ދައްކަނީ....! އަހަރުމެން ދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ހިނގާފައިވާނަމަ އެހުރިހާ ކަމެއް ހަނދާން ނައްތާލާ....!" އަނެއްކާވެސް އައިލީން ބުނެލިއެވެ.
މިފްޒާލް ހިތާ ދެކޮޅަށް ނަމަވެސް މިވަގުތު އެވާހަކަ ދެއްކުން ހުއްޓާލުމަށްފަހު އައިލީން ޙާޞިލު ކުރާނެ ކޮންމެވެސް މޮޅު އެހެން ގޮތެއް ހޯދުމަށް ޢަޒުމް ކަނޑައެޅިއެވެ.
"އެންމެ ރަނގަޅު...! މިގުޅުން މިހާ ހިސާބުން ނިންމާލަމާ ހިނގާ....! އެކަމަކު އެންމެފަހު ކަމަކަށް އަހަރެން އައިލީން އަށް ގެނައި ހަދިޔާ އައިލީން ޤަބޫލު ކުރާނެ ކަމަށް އުއްމީދު ކުރަން...." މިފްޒާލްގެ ޖީބުގައި އޮތް ކުޑަފޮށި ނަގާ އައިލީން އަށް ދިއްކޮށްލަމުން ބުނެލިއެވެ.
"މިއީ ކޯއްޗެއް....؟" މިފްޒާލް ދިއްކޮށްލި ފޮށީގައި ހިފަމުން އައިލީން ސުވާލުކޮށްލިއެވެ.
"ތިއީ އަހަރެން ވަރަށް މަސައްކަތުން ހޯދި ހަދިޔާއެއް...! އުއްމީދު ކުރަން ޤަބޫލު ކުރާނެ ކަމަށް....! އަހަންނަކީ އައިލީންގެ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ބެލުމަށްފަހު ތި ހަދިޔާ ޤަބޫލު ކުރޭ....!" އައިލީން އާ ދިމާއަށް ބަލަން އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.
އައިލީން އެކުޑަކުޑަ ދަޅު ހުޅުވާލިއެވެ. އޭގައި އޮތީ އޭ އަކުރެއް ޖަހާފައިވާ ރަން އަނގޮޓިއެކެވެ.
"މިހާ އަގުބޮޑު ހަދިޔާއެއް ޤަބޫލު ކުރާކަށް މަށަކަށް ނުކެރޭނެ....!" އަނގޮޓިއަށް ބަލާލުމަށްފަހު އެ އަނގޮޓި ދަޅަށް ލަމުން އައިލީން ބުނެލިއެވެ.
"ޕްލީސް....! އަހަރުމެންގެ ރަޙްމަތްތެރިކަމުގެ ފުރަތަމަ ހަދިޔާއެއްގެ ގޮތުގައި ތި ހަދިޔާ ޤަބޫލު ކުރޭ....! ތި އިނގިލިތަކަށްވުރެ ތި އަނގޮޓި އަޅަން އެކަށީގެންވާ އިނގިލި ތަކެއް ނުހުންނާނެ.....! ތިހަދިޔާ ޤަބޫލު ކުރޭ....!" އާދޭސް ކުރާރާގަކަށް މިފްޒާލް ބުނެލިއެވެ.
"މި އަނގޮޓި ބަލާލުމުންވެސް އޭގެ އަގު ވަޒަން ކުރެވޭ...! އެހެންވީމާ އެހާ އަގު ބޮޑު ހަދިޔާއެއް ކިހިނެތް އަހަރެން ޤަބޫލު ކުރާނީ....! ރާއިފު ކީކޭ ބުނާނީ....! ރައްޓެއްސެއް ދިން ހަދިޔާއެކޭ ބުންޏަސް ޤަބޫލެއްވެސް ނުކުރެވޭނެއެއްނު....! މިފްޒާލް ވިސްނާލަބަލަ....؟" މިފްޒާލް އާ ދިމާއަށް އެދަޅު ދިއްކޮޅަކުން އައިލީން ބުނެލިއެވެ.
"އެހެންވީމަ ތީގެ މާނައަކީ އަހަރެންގެ ރަޙްމަތްތެރިކަން އައިލީން ޤަބޫލު ނުކުރަނީޔޭ ދޯ....!" އިސްދަށަށް ޖަހާލަމުން މިފްޒާލް ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 02 ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް