ވާހަކަ: ޑައިރީ – އެކާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަދި އައިލީންގެ ވާހަކަތައް ހުރިގޮތުން ކުއްލިއަކަށް އައިލީން މާދުރުވެއްޖެހެންވެސް މިފްޒާލް އަށް ހީވިއެވެ. އެކަމަކު އަބަދު ޝައްކު ކުރާ ކަމުގެ ތުހުމަތު މިފްޒާލްގެ ބޮލުގައި އެޅިފައ...

27 Jun 2024 | 07:05

ކުރީގެ އަދަދާއި ގުޅޭ...

އަދި އައިލީންގެ ވާހަކަތައް ހުރިގޮތުން ކުއްލިއަކަށް އައިލީން މާދުރުވެއްޖެހެންވެސް މިފްޒާލް އަށް ހީވިއެވެ. އެކަމަކު އަބަދު ޝައްކު ކުރާ ކަމުގެ ތުހުމަތު މިފްޒާލްގެ ބޮލުގައި އެޅިފައިވާތީ، އެޝަކުވާ އެވަގުތު ކުރަން މިފްޒާލް ބޭނުމެއް ނުވިއެވެ. އައިލީން ނިދަން އޮށޯތުމުގެ ކުރިން ފެންވަރައިގެން ނުކުމެ ލޯގަނޑު ކައިރިއަށް ހުއްޓި ލައިގެން ހުރި ހެދުން ގަޔަށް ހެޔޮވަރުކޮށްލުމަށްޓަކައި ހެދުމުގެ ފަސްބައިގައި ހިފާ ތިރިއަށް ދަމާލިއެވެ.

"ދެނެއް ސިއްރެއް ނުކުރެވޭނެ....." އެނދުމަތީގައި އައިލީން އާ ދިމާއަށް ބަލަން އޮތް ރާއިފު ސަމާސާ ރާގަކަށް ބުނެލިއެވެ.

"އޭނ... ކީކޭ....؟" އައިލީން ސިހިފައި ރާއިފު އާ ދިމާއަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

އައިލީން އަށް ހީވީ މިފްޒާލް އާއި އައިލީން މާދަމާ ހަވީރު ބައްދަލުކުރަން ހަމަޖެހިފައިވާކަން މިފްޒާލް އަށް އެނގިގެން ބުނިއެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ދެންމެ ދެއްކި ވާހަކައެއް އެހާ އަވަހަށް ރާއިފުއަށް އެނގުނީ ކިހިނެތްބާއޭ އައިލީންގެ ހިތަށް އެރިއެވެ.

"މި ބުނީ ތި ބަނޑުގެ ވާހަކަ، ދެން ސިއްރެއް ނުކުރެވޭނެއޭ.....! މިހާރު ބަނޑުން ކޮންމެވެސް ވަރަކަށް އެނގޭ...!" އަނެއްކާވެސް ހީނލާފައި ރާއިފު ބުނެލިއެވެ.

އެވަގުތު އައިލީން ހެދުމުގެ ދެ އަރިމަތިން ހިފައި އަނެއްކާވެސް ހެދުން ދެފަރާތުން ތިރިއަށް ދަމާލުމަށްފަހު ލޯގަނޑު ކުރިމަތީގައި އެކި އަރިއަށް ބަލަން ހުއްޓެވެ.

"އަދިވެސް އަދިވެސް ހާދަ ކުޑައޭ އެނގޭލެއް ދޯ....؟ މައްސަލައަކީ ޖިންސުތައް ނުލެވޭތީ....! މިހާރު ލެވޭ އެއްވެސް ޖިންސެއް ނެތް..." ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

"މިހާރު ކޮންމެހެން ޖިންސު ނުލިޔަސް ކަމުދާނެޔޭ....! ބައިވަރު ދޫ ހެދުންތައް އެހެރީނު....! ދެން އާދޭ ނިދަން....!" އައިލީން އާ ދިމާއަށް ބަލަންއޮވެ ރާއިފު ބުނެލިއެވެ.

ފަހެއް ޖަހާއިރު އާޓިފިޝަލް ބީޗަށް ދާން ގަޑި ކިޔާފައިވީ ނަމަވެސް މިފްޒާލްއަށް އާޓިފިޝަލް ބީޗަށް ދެވުނުއިރު ހަތަރުގަޑި ބައިވެސް ނުވެއެވެ. އޭރު މެންދުރުގެ ހޫނުކަންވެސް ނުކެނޑެއެވެ. މިފްޒާލް ގަޑިއަށް ބަލާލުމަށްފަހު އާޓިޝަލް ބީޗްގެ އެކި ދިމަދިމާއަށް ބަލާލިއެވެ. އަދި ގިނަ ވަގުތުތަކެއް އޮތުމާއެކު މިފްޒާލް ގޮސް އިނށީނީ އާޓިފިޝަލް ބީޗުގައި ހަދާފައިވާ ބެންޗެއްގައެވެ. އިރުކޮޅަކު ބެންޗުގައި އިނުމަށްފަހު އާޓިފިޗަލް ބީޗަށް ވަންނަން ހުންނަ ދޮރާ ދިމާއަށް މިފްޒާލް ބަލާލީ އައިލީން އާދޭތޯ އެވެ. އެހެންނަމަވެސް މީހެއްގެ ހިލަމެއްވެސް އެވަގުތު ފެންނާކަށް ނެތެވެ. މިފްޒާލް އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ބެންޗުން ތެދުވެގެން ދެކޮޅަށް ހިނގަން ފަށައިފިއެވެ. ހިތްވަނީ އަވަސްވެފައެވެ. އެހާ ގިނަ ދުވަހަށްފަހު އައިލީން އާ ބައްދަލު ކުރެވޭތީ ހިތް ތެޅެންވެސް ފަށައިފިއެވެ. މިފްޒާލް އަނެއްކާވެސް ޖީބުގައި އަތް ޖައްސާލިއެވެ. އައިލިން އަށް ގެނައި ހަދިޔާ ޖީބުގައި އޮތްތޯ ޔަޤީން ކޮށްލުމުގެ ބޭނުމުގައެވެ. ވާނީވެސް އެހެންނެވެ. މިފްޒާލް އައިލީންއަށް ގެނައީ ވަރަށް އަގުބޮޑު ރަން އަނގޮޓިއެކެވެ. އެންމެފަހުން މިފްޒާލް އަށް ކެތް ނުކުރެވިގެން ފޯނު ނަގާ އައިލީންގެ ނަންބަރަށް ގުޅާލިއެވެ.

"ހެލޯ.....!" އައިލީން ފޯނު ނެގުމަށްފަހު ބުނެލިއެވެ.

"ކޮބާ....؟ ހާދަ ލަސްވެއްޖެއޭ....!" ކެތްތެރިކަމެއް ނެތި މިފްޒާލް ސުވާލު ކުރިއެވެ.

"އައްދެ....! އަދި ދާންބުނި ގަޑިވެސް ނުޖެހެއެއްނު....! ހާދަ ކެތްމަދުވެގެން ތިއުޅޭނީ...؟ އައިލީން އާދައިގެ ގޮތަކަށް ބުނެލިއެވެ.

"އާނ....! ހަމަ ކެތްނުވެގެން....! އައިލީން ނުފެންނަތާ ގިނަ ދުވަސްވީމަ ކެތްމަދުވަނީ....! އައިލީން އަކަށް ނުވޭދޯ....؟" ޝަކުވާގެ ރާގެއްގައި މިފްޒާލް ބުނެލިއެވެ.

"ރޭގައިވެސް ފެނުނޭ ބުނީމެއްނު....! އެހެންވީމަ އަދި ތިހާވަރުވާކަށް ނުޖެހެއެއްނު....." އައިލީން ވާހަކަ ދެއްކިއެވެ.

"ސާބަސް އެގޮތަކަށް ނޫނޭ....!" އަނެއްކާވެސް މިފްޒާލް ބުނެލިއެވެ.

"ދެން ކޮންގޮތަކަށް އަނެއްކާ....؟" އައިލީން ހީނލާފައި ސުވާލުކޮށްލިއެވެ.

"ދެން މިކޮޅަށް އައިމަ....! އަންނަން ބުނި ގަޑި ޖެހެނީއެއްނު މިހާރު އެ....! ދެން އަވަސް ކޮށްބަލަ...." މިފްޒާލް އަނެއްކާވެސް ބުނެލިއެވެ.

"އަހަރުމެން މިހާރު އޮންދަވޭގަ ހަމަ...." އައިލީން ކުޑަކޮށް ހީނލާފައި ބުނެލިއެވެ.

"އަހަރުމެންނޭ....! ކޮންބައެއް އަނެއްކާ.....؟" މިފްޒާލް ހިތްހަމަ ނުޖެހިފައި ސުވާލުކޮށްލިއެވެ.

"ސާބަސް....! ބުނީމެއްނު ހީނާ ގޮވައިގެންނޭ ދާނީ....! ހަނދާނެތް ނެތްތަ.....؟ އަދި ހަތަރު މިނިޓް ބާކީވެސް އެބައޮތް..." އައިލީން ބުނެލިއެވެ.

"އާނ....! އޯކޭ....! އަހަރެން ހީކުރީ ތަންކޮޅެއް އަވަހަށް އަންނާނެ ކަމަށް....! އެހެންވެ އަހަރެންވެސް ތަންކޮޅެއް އަވަހަށް އައިސް މިހިރީ....! ދެން އަވަހަށް އާދޭ...." މިފްޒާލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"އެއްކަހަލަ ޝަކުވާތައް....! އޮސްޓްރޭލިޔާގައި ފަސްމަސް ދުވަސް ކޮށްފައި އައިއިރުވެސް އަދިވެސް ތިކަމަކަށް ކުޑަވެސް ބަދަލެއް ނާދޭ ދޯ....؟" ސަމާސާ ރާގަކަށް އައިލީން ބުނެލިއެވެ.

"ބަދަލު ނުވާނެ ވަރަށް ގިނަކަންކަން ހުންނާނެ...." ފޯނު ބާއްވަމުން ހިތްހަމަ ނުޖެހިފައިވާ މިފްޒާލް ބުނެލިއެވެ.

އިތުރު މީހަކު ގޮވައިގެން މިފްޒާލް އާ ބައްދަލު ކުރަން އައިލީން އަންނާކަށް މިފްޒާލް ބޭނުމެއް ނޫނެވެ. މިފްޒާލް ބޭނުންވަނީ އައިލީން އާ އެކަނި ބައްދަލުކޮށްލައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށެވެ. މިފްޒާލް ފުރުމުގެ ކުރިން އައިލީން އާއެކު ހޭދަކުރި ކަހަލަ އުފާވެރި ވަގުތުކޮޅެކެވެ. އެހެން ނަމަވެސް އައިލީންގެ އަޑުގައި މާބޮޑު ޝައުޤުވެރިކަމެއް ނެތްކަންވެސް މިފްޒާލް އަށް ފާހަގަ ކުރެވުނެވެ. އަދި މިފްޒާލްގެ ހިތުގައި އައިލީން އާ ބައްދަލު ކުރަން އެހާ ބޮޑު ޝައުޤުވެރިކަމެއް އޮތް އިރު އައިލީންގެ ހިތުގައި މިފްޒާލް އާއި ބައްދަލު ކުރުރުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަންވެސް މިފްޒާލް އަށް ފާހަގަ ކުރެވުނެވެ.

މިފްޒާލް މާ ރީތިވެލައިގެން ގެއިން ނުކުމެގެން ދިޔުމުން މިފްޒާލްގެ މަންމަ ޒަރީނާ އެކަމާ ވިސްނާލަން އިރުކޮޅަކު އިނުމަށްފަހު ފޯނު ނަގައި އަންޖަލްގެ ނަންބަރަށް ގުޅާލިއެވެ.

"ހެލޯ....!" އަންޖަލް ފޯނު ނެގުމަށްފަހު މަޑުމަޑުން ވާހަކަ ދެއްކިއެވެ.

"މިއީ މަންމައޭ....! ދަރިފުޅު ކިހިނެތް...؟" އޯގާތެރި އަޑަކުން ޒަރީނާ ވާހަކަ ދެއްކިއެވެ.

"ހަމަ އާދައިގެ ގޮތެއް....! މަންމަގެ ބަލި ކިހިނެތް މިހާރު....؟" މަންމަގެ ހާލު އޮޅުން ފިލުވުމުގެ ގޮތުން އަންޖަލް ސުވާލު ކޮށްލިއެވެ.

"މަންމަވެސް ދެން އާދައިގެ ގޮތެއް....! މުޅިން ރަނގަޅު ނުވާނެކަން ދަރިފުޅަށްވެސް އެނގޭނެ....!" ޒަރީނާ މަޑުމޮޅި ރާގަކަށް ބުނެލިއެވެ.

"އިރާދަކުރެއްވިއްޔާ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ....! މަންމަ މާބޮޑަށް ކަންކަމާ ވިސްނަނީތި...!" އޯގާތެރި ރާގަކަށް އަންޖަލް ބުނެލިއެވެ.

"މިފްޒާލް ތިގެއަށް ދިޔަތަ...؟" ޒަރީނާ އައިލީން އާ ސުވާލުކޮށްލިއެވެ.

"ނާދެ...! ދެން މަންމައަށްވެސް އިނގެއެއްނު އޭނަ ނާންނާނެ ކަން....! ކިހިނެތްވީ....؟ މިގެއަށް އައިފަހުން ގުޅާވެސް ނުލާ.....!" ދެރަވެފައި އައިލީން ބުނެލިއެވެ.

"ކަމެއްނުވޭ...! ހަމައަހާލީ....! ދަރިފުޅުން ތިކޮޅުގައި ވަކިން ހުއްޓަސް ހިތްހަމަ ޖެހިގެން އުޅެއްޗޭ....! ކަމެއް ބޭނުމިއްޔާ މަންމައަށް ގުޅާތި....!" ފޯނު ބާއްވަމުން ޒަރީނާ ބުނެލިއެވެ.

މިފްޒާލް އަނެއްކާވެސް އާޓިފިޝަލް ބީޗަށް ވަންނަން ހުންނަ ދިމާއަށް ބަލާލިއެވެ. އައިލީން ފެންނާކަށް ނެތެވެ. އެންމެ ފަހުން މިފްޒާލްގޮސް ކުރިން އިން ބެންޗުގައި އިށީނދެ ވިސްނާލިއެވެ. އެކަހެރިކޮށް ބައްދަލުކުރަން އައިލީން ޢުޒުރުވެރިވީ ކީއްވެބާއެވެ. ރޭގަނޑު މީޓްކުރަން ބުނީމަ މިއަދު ހަވީރު މިތާނގައި މީޓްކުރަން ބުނީ ކީއްވެބާއެވެ. ވިސްނާލަން އިނުމަށްފަހު އަނެއްކާވެސް ފޯނު ނަގާ އައިލީން އަށް ގުޅާލިއެވެ.

"ކޮބާ....؟ މިހާރު ކިހާ ހިސާބެއްގަ....؟" މިފްޒާލް އޮޅުން ފިލުވާލުމުގެ ގޮތުން ސުވާލުކޮށްލިއެވެ.

"ތިތާ އެތެރެއަށް މިވަންނަނީ....! މިފްޒާލް ކޮން ދިމާއެއްގައި ތިހިރީ....؟' އައިލީން ބުނެލިއެވެ.

އެވަގުތު މިފްޒާލް އާޓިފިޝަލް ބީޗްގެ އެކިއެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. އޭރު ރަތްކުލައިގެ ހެދުމެއްގައި އައިލީން އާޓިފިޝަލް ބީޗަށް ވަދެގެން އާދެއެވެ. ކައިރީ އެ އުމުރުގެ އިތުރު އަންހެން ކުއްޖެއް ހުއްޓެވެ. އެއީ ހީނާ ކަން މިފްޒާލް އަށް އެނގުނެވެ.

"އާނ....! ތިއަންނަ ގޮތަށް ކުރިއަށް އާދޭ....! މޫދާ ދިމާއަށް....! އަހަރެން މިހިރީ މިތާ....!" ޝައްކުގެ ނަޒަރަކުން އައިލީން އާ ދިމާއަށް ބަލަންހުރެ މިފްޒާލް ވާހަކަ ދެއްކިއެވެ.

މިފްޒާލް މަޑުމަޑުން އެދިމާއަށް ހިނގައިގަތީ ބޭއިޚްތިޔާރުގައެވެ. އައިލީން އާ ކައިރިއަށް ދެވޭ ވަރަކަށް މިފްޒާލްގެ ހިތް އަވަސްވަމުން ދިޔައެވެ. ހިތުގައި ސުވާލު ތަކެއް އުފެދެމުން ދިޔައެވެ. އައިލީންގެ ކައިރީ އިތުރު މީހަކު ހުރީމައެއް ނޫނެވެ. މިފްޒާލްގެ ހިތް އަވަސްވަމުން ދިޔައެވެ. ހިތް ބިރުގަންނަމުން ދިޔައެވެ. ބިރުވެރި ޝައްކެއް ހިތުގައި އުފެދެމުން ދިޔައެވެ. އެހެން ނަމަވެސް އައިލީން އައިސް މިފްޒާލް ގާތަށް ހުއްޓުމުން ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވެލިއެވެ.

"ވަރަށް ހޫނުވެއްޖެ....! ހިނގާބަލަ އެތަނުން ފިނި ފެންފުޅިއެއް ގަންނަން.....!" މިފްޒާލް އަށް އެއްޗެއް ނުވެސް ބުނެވި އުޅެނިކޮށް އައިލީން ކައިރީގައިހުރި ހީނާ އައިލީންގެ އަތުގައި ހިފާލުމަށްފަހު ބުނެލިއެވެ.

"އެބައަންނަން އިނގޭ ފެންފުޅިއެއް ގަނެގެން...." ކުޑަކޮން ހީނލާފައި އައިލީން މިފްޒާލް އާ ދިމާއަށް ބަލަން ހުރެ ބުނެލިއެވެ.

މިފްޒާލް ބޯ ޖަހާލިއިރުވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި އައިލީން އާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

"މިފްޒާލް އެތަނުން އެއްވެސް އެއްޗެއް ބޭނުންތަ....؟" ހީނާ އާ އެކު ހިނގައިގަންނަމުން ހީނލާފައި އައިލީން ބުނެލިއެވެ.

މިފަހަރުވެސް މިފުޒާލްއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ނޫނެކޭ ބުނުމުގެ ގޮތުން ހަމައެކަނި ބޯ ހޫރާލެވުނީއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 30 ޖޫން، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް