ވާހަކަ: މަންޒިލް ތިޔޭ – ސޯޅަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ދޮރުން ވަދެގެން އަންނަ މީހާ ފެނުމާއެކު ރާނީއަށް އިންތަނުން ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. ހުރިހާ ދަތްތަކެއް ފެންވަރަށް ހީނލެވުނެވެ. އެމީހާ އަންނަންދެން ބަލަހައްޓައިގެން ހުންނަނ...

30 Jun 2022 | 18:46

ކުރީގެ އަދަދާއި ގުޅޭ...

ދޮރުން ވަދެގެން އަންނަ މީހާ ފެނުމާއެކު ރާނީއަށް އިންތަނުން ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. ހުރިހާ ދަތްތަކެއް ފެންވަރަށް ހީނލެވުނެވެ. އެމީހާ އަންނަންދެން ބަލަހައްޓައިގެން ހުންނަން ރާނީއަށް ކެތެއް ނުކުރެވުނެވެ. ދުވެލާފައި ގޮސް އެމީހާ ގައިގައި އޮޅުލައިގަތެވެ.

" އައި މިސްޑް ޔޫ ސޯ މަޗް ބައްޕާ!!! " ރާނީ ބުންޏެވެ. އަމާން ހީނލި އަޑު އިވުނެވެ. އެހާ ދުވަސްފަހުން ރާނި ފެނުމުން އޭނާގެ ހިތަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އަމާންގެ އަތުގައި ހިފައިގެން ގޮސް މޭޒުކައިރީގައި އިށީނެވެ.

" ދަރިފުޅު ކައިގެން ތަ އުޅެނީ.. ހާދަ ހިކިއްޖެހެން ހީވެޔޭ.. " އަމާން ބުނެލިއެވެ.

" ބައްޕަ ކީއްވެ މިތަނުން ބައްދަލުކުރަން ބޭނުންވީ.. ކީއްވެ ގެއަށް ނައީ.. ޖަވާދުބެ ވަރަށް އުފާވިސް ބައްޕަ އެގެއަށް އައި ނަމަ.. "

"  ބައްޕަ މިއައީ ހަމައެކަނި ރާނީއާ ބައްދަލުކޮށްލަން ވެގެން.. މަންމަ ކައިރީގައިވެސް ނުބުނެ މި އައީ.. އިތުރު މީހަކަށް އެނގެން ބޭނުންނުވާތީ މިތަނުން ބައްދަލުކުރަން ބޭނުންވީ.. " ވެއިޓަރު އައުމުން ކާ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު އަމާން ބުންޏެވެ.

" އަނެއްކާ އަހަރެން ބަލާތަ ތިއައީ..؟ " ކަންބޮޑުވެފައި އިނދެ ރާނީ އެހިއެވެ.

" ނޫން.. ރާނީގެ ނުރުހުމުގަ މިތަނުން ގެންދާކަށް ނެތިން.. ރާނީ ބައްޕައާ ހިއްސާ ކުރި ވާހަކައަށްފަހު ކޮން

މިހެން ބައްދަލުކޮށް ވާހަކަ ދައްކަން މަޖުބޫރުވެގެން މިއައީ.. "

" އެހެންވިއްޔާ ބައްޕައަށް އެނގޭ ދޯ މަންމަ ކުރިން އިނީ ކާކާ ކަން.. އަދި އަހަރެންގެ ދައްތަ ވީ ތަންވެސް.. ބުނެބަލަ ބައްޕާ!! އަހަރެން ބޭނުން އެމީހުން ހޯދަން.. މަންމަ އަމިއްލަ ގެއިން ނިކުމެގެން ދިޔަ ސަބަބާ ރާއްޖެ ދެކެ އެހާ ފޫހިވާ ސަބަބު އެނގިއްޖެ.. އަހަރެން ބޭނުން މަންމައަށް ހުރިހާ އުފަލެއް ހޯދަދެން.. "

" ތީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫން ރާނީ.. އެއީ ކޮންބައެއް ކަމެއް ބައްޕައަށް ވެސް ނޭނގެ.. މަންމަގެ އާއިލާއާ ބައްޕައާ ކުރިން ދުވަހަކުވެސް ދިމާނުވޭ.. އަދި އެއީ ކޮންބައެއް ކަމެއްވެސް ބައްޕައަކަށް ނޭނގެ.. ބުނަން މިއުޅޭ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި... ރާނީ ވަރަށް ދެރަވާނެކަން ބައްޕައަށް އެނގޭ.. މިވީހާ ދުވަހު މިކަން ސިއްރުކޮށްފަ ބޭއްވީ އާއިލާގެ ހަމަޖެހުމަށް.. ރާނީ!! ތީ.. ތީ.. ބައްޕަގެ ދަރިއެއް.. ބައްޕަ ވަރަށް ލޯބިވޭ ރާނީ ދެކެ.. އެކަމަކު މިބައްޕައަކީ ރާނީގެ... އުފަން ބައްޕައެއް ނޫން.. " އަމާންގެ ފަހު ޖުމްލަ ރާނީއަށް އިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

" ނޫން.. ނޫން.. އެހެނެއް ނުވާނެ.. ތީ އަހަރެންގެ ބައްޕައަކީ.. " ރާނީއަށް ރޮވުނެވެ.

" ހަޤީޤަތް ޤަބޫލުކުރޭ ދަރިފުޅާ!! މިބައްޕައާ ރާނީގެ މަންމައާ ދިމާވީ މީގެ ހަތާވިސް އަހަރުކުރިން ޑުބާއީގެ ހޮސްޕިޓަލަކުން.. .. އޭރު ރާނީއަށް އަހަރެއްވެސް ނުވޭ.. ރާނީގެ އިތުރުން މަންމަގެ ދެދަރިން ތިބި ވާހަކަ ބުނި.. އެތަނުން އެއް ދަރިއަކު މަރުވީ ވާހަކައާއި އަނެއް ދަރިފުޅު އެކުއްޖާގެ ބައްޕަގެ އާއިލާއިން ގެންދިޔައީކަމަށް ބުނީ.. ރާނީއަށް ބަނޑުބޮޑުވުމުން ރާނީވެސް ގެންގޮސްދާނެ ކަމުގެ ބިރަށްޓަކާ އަދި ރާނީގެ ރައްކަލަކަށްޓަކައި ދުބާއީ ހޮސްޕިޓަލަކުން ވަޒީފާ ލިބުމާއެކު މިކޮޅަށް ބަދަލުވީ.. އެއީ ދައްކަން ރާނީގެ މަންމައަށް އެހާ ފަސޭހަ ވާހަކަތަކަކަށް ނުވީމަ ބައްޕަވެސް އެވާހަކަތައް އިތުރަށް އޮޅުން ނުފިލުވީ.. " ދެކެވެމުން ދިޔައީ ޙުދު އަމާނަށްވެސް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ.

" ތިބުނީ ރަޔަން އެއީ އަހަރެންނާ އެއްބަފާ ކުއްޖެއް ނޫނޭތަ؟ ރަޔަންއަށް އެނގުނީމަ ކިހާ ދެރަވާނެ.. " ރޮމުން ރާނީ ބުންޏެވެ.

" ހެޔޮނުވާނެ ދަރިފުޅާ ނުރޮއެ.. ދަރިފުޅުގެ އުފަން ބައްޕައާއި ދައްތަ ހޯދަން ބައްޕަގެ ފުރިހަމަ އެއްބާރުލުން ލިބޭނެ.. އަދި ވަރަށް މުހިންމު އެއް ވާހަކަ ދަރިފުޅަށް އެނގެން އެބަޖެހޭ.. " އަމާން ބުންޏެވެ. ރާނީ ނޭފަތް ދަމައިލަމުން ދެލޯ ކައިރި ފޮހެލިއެވެ.

" ދަރިފުޅުގެ ދޮށީ ދައްތަ އުފާގެ މަރަކީ ބަޔަކު މީހުން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ހާޖަރަށް ވަރަށް ޝައްކު ކުރެވޭ.. އެއީ އުފާ ވެއްޓިފައި އޮތް ވަޅަކީ އޭނަގެ އިސްކޮޅަށްވުރެ އުހުގައި ހުރި ވަޅަކަށްވެފައި އެތަނުގައި ވަޅާ އެއް ހަމައަކަށް އަރާނެ އެއްޗެއްވެސް ނެތުމުން.. އެހެންވެ މަންމަ އެހާ ބިރުގަންނަނީ ރާނީ މިތަނަށް ފޮނުވަން.. ރާނީއަށްވެސް އެމީހަކު ގެއްލުމެއް ދީފާނެތީ.. "

އަމާން ދެއްކި ވާހަކަތަކާ މެދު ވިސްނަން އިން ރާނީ އިރުއިރުކޮޅާ ދެލޯ ކައިރި ފޮހެލައެވެ. ކުރިމަތީގައި ހުރި ކާއެއްޗެހި ތަށީގައި ދެމީހުން ކުރެ އެކަކުވެސް އަތެއް ނުލައެވެ. އަމާންވެސް ބަހެއް ނުބުނެ ރާނީ ވިސްނަން ފުރުސަތު ދީގެން އިނެވެ.

" ބައްޕާ!! " އެތައް އިރެއްފަހުން ރާނީ ގޮވައިލިއެވެ. " ހުއްދަ އޮތިއްޔާ އަހަރެން ބޭނުން އަހަރެންގެ މަންމަގެ އަމިއްލަ ގެއަށް ބަދަލުވާން.. ހުރިހާ ހަޤީޤަތެއް އެނގެން އޮތީ އެގެއަށް ގޮސްގެން.. "

" އެގޭ އެހެން މީހުންނަށް ތި ހާޖަރުގެ ދަރިއެއްކަން އެނގުނިއްޔާ ކިހިނެއްވާނީ.. ބައްޕަ ބޭނުމެއް ނޫން ރާނީއަށް އެއްވެސް ގެއްލުމެއް ލިބޭކަށް.. އަދި ޙާއްސަކޮށް ރާނީގެ މަންމައަށް އެނގުނިއްޔާ ވަރަށް ކަންތައް ބޮޑުވާނެ. " އެކަމަށް ހުއްދަ ދޭން އަމާން ފަސްޖެހުނެވެ.

" އަހަރެންނަށް މިވީހާ ދުވަހުވެސް އިތުބާރުކުރީނު.. ދެންވެސް އިތުބާރު ކޮށްދީ.. މިހާރު އަހަރެންނަކީ ބޮޑު މީހެއް.. ގެއްލުމެއް ދޭން އުޅެންޏާ އެނގޭނެ.. ޕްލީޒް ބައްޕާ.. ދުވަހަކުވެސް ކަމެއް ކޮށްދެންޏާ މިކަމަށް ހުއްދަ ދީ.. " އާދޭހުގެ ރާގެއްގައި ރާނީ ބުންޏެވެ. އަމާން ފުން ނޭވައެއް ދޫކޮށްލީ އަދިވެސް އެއްފަހަރު ވިސްނާލަމުންނެވެ.

*******************

ލޫކަންއާ އެކީ ސައިކަލު ދުއްވާލާ ތާޒާ ވައިކޮޅެއް ލިބުމުން ކޮންމެވެސް ވަރަކަށް ދުއާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބީޗް ކައިރީގައި ހުރި ރެސްޓޯރެންޓެއްގައި ކާންތިބި އިރު މޫދުން ނަގާ ކުދި ކުދި ރާޅުތައް ދޮންވެލިގަނޑަށް ބީއްސާ އަޑު އިވުމުންވެސް ލިބެނީ އަޖައިބެއްފަދަ ހިތްހަމަޖެހުމެކެވެ. ކާން ގެނައި ތަކެތި ސްނެޕް ކޮށްލުމާއެކު ތާރާގެ ޝަކުވާ މެސެޖަކުން އައެވެ. ދުއާ ހެމުން އެވާހަކަ ލޫކަން ކައިރީގައި ބުނެލިއެވެ.

" ތާރާއަށް ޕެކް ކޮށްގެން ގެންދަންވީނު.. އަހަރެންވެސް އެބަޖެހޭ އެގެއަށް ގޮސްލަން.. " ލޫކަން އެހެން ބުނެލި ހިނދު އޭނާގެ ހިތުގައި ކުރެހިފައިވަނީ ރާނީގެ ތަސްވީރެވެ. ބޭނުންވަނީ ވާހަކަ ނުދެއްކުނަސް އެސޫރަ ދެކިލުމަށެވެ. މިއަދު ފެނުނު މަންޒަރަކަށް ފަހު އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ބޭނުންވަނީ ހިތުގައި އުފެދިފައިވާ ޝައްކު ޔަގީނަށް ބަދަލު ކުރުމަށެވެ.

" ރެވް ކައިރިއަށްތަ؟ " ދުއާ އަހައިލިއެވެ.

" އާނ.. އޭނާ އަތުގައި އޮތް އެއްޗެއް ބަލާ ދާން އެބަޖެހޭ.. " ލޫކަން ދޮގެއް ހަދައިލިއެވެ.

******************

ރާނީއަށް ގެއަށް ވަދެވުނުއިރުވެސް ރޮވެނީ އެވެ. ކަންތައްވީ ހުވަފެނަކުންވެސް ވެދާނެ ކަމަށް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އެވަރުގެ ބޮޑު ކަމެއް ސިއްރު ކުރީތީ އެމީހުންނާ މެދު ޝަކުވާ ވިޔަސް އެކަން ފާޅު ކުރެވޭކަށް ނެތެވެ. އެމީހުން ކުރި ކަމެއް ކުރީ ރާނީއަށް ރަނގަޅަކަށެވެ. ދެލޯ ފޮހެލަމުން ރާނީ ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ސިކުނޑީގައި އެތައް ކަމެއް ބުރުޖަހަމުން ދިޔުމުގެ ސަބަބުން ދޮރު ލައްޕާލަންވެސް ރާނީ ހަނދާނެއް ނުވިއެވެ. އެވަގުތު ސޯފާގައި ފުޓުބޯޅަ މެޗެއް ބަލަން އިން އާރަވް ރާނީއަށް ބަލައިލިއެވެ.

" ރާނީ.. ކޮންތާކަށް ގޮއްސަ ތިއައީ މިހާ ލަހުން.. " އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން އާރަވް އެހިއެވެ. ރާނީއަށް ވާހަކައެއް ނުދެއްކުނެވެ. އެހިސާބުން އޭނާއަށް ކޮންމެވެސް ކަމެއް ވެފައި ހުރިކަން އާރަވްއަށް އެނގުނެވެ. އިންތަނުން ތެދުވެގެން އާރަވް ރާނީ ކައިރިއަށް ހުއްޓި ކަމެއް ގޯސްވީތޯ އަހައިލިއެވެ. ރާނީ އޭނާގެ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރަމުން ދެފަރާތަކަށް ބޯހޫރައިލަން އުޅުނެވެ. ނަމަވެސް އެމަސައްކަތް ބޭކާރުވެ ރާނީއަށް ރޮވުނީއެވެ. އާރަވް ކަންބޮޑުވީ އިންތިހާއަށެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން ޔަގީންވެ ރާނީ އަތުލަފި ކޮށްލައިގެން ގެނެސް ސޯފާގައި ބޭންދިއެވެ.

" ބުނެބަލަ ރާނީ.. ކިހިނެއްވީ.. މީހަކު ކަމެއް ކުރީތަ.. ؟" ރާނީގެ ދަތްދޮޅީގައި ހިފައިލަމުން އާރަވް އެހިއެވެ. ގިސްލަމުން ރާނީ ދެފަރާތަކަށް ބޯހޫރައިލިއެވެ. އާރަވް އޭނާއަށް ހީވާ ހީވުމަށް އެތައް ސުވާލެއް ކުރުމުންވެސް ރާނީގެ ފަރާތުން ލިބުނީ ހަމަ އެޖަވާބެވެ. ރާނީ ރޯވަރުން އެންމެ ފަހުން އާރަވްގެ ހިތަށްވެސް އަސަރުކުރިއެވެ. އިތުރު ސުވާލުތަކެއް ރާނީއާ ކުރިމަތި ނުކޮށް ރާނީ ގެނެސް އޭނާގެ މޭގައި ޖައްސާލައިގެން އިނެވެ. އޭނާ ރޯނެވަރަކަށް ރޯން ދޫކޮށްލައިގެންނެވެ.

***********

" ހަނދާން ނެތި ތަޅުނުލާ ކަންނޭނގެ މިހިރީ.. " ތާރާ މެން އުޅޭ އެޕާޓްމެންޓަށް ވަންނަން އައި ދުއާ ލޫކަން ކައިރީގައި ބުންޏެވެ.

ކުޑަކޮށް ހުޅުވިފައި ހުރި ދޮރު ބޮޑަށް ހުޅުވައިލަމުން އެންމެ ފުރަތަމަ ވަނީ ދުއާ އެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އާރަވްގެ މޭގައި ލައްވެލައިގެން އިން ރާނީއެވެ. ދުއާ ވަގުތުން ހުއްޓުން އެރިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. ދުއާގެ ފަހަތުން ވަން ލޫކަންއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ހިތަށް ކުރި ފުން އަސަރާއެކު ހިންދިރުވައިލެވުނީ އޭނާއަށް ކުރެވުނު ޝައްކު ޔަގީނާ ގާތް ވުމުންނެވެ. މިއަދު ކެފޭ ތެރެއިން އާރަވްއާއި ރާނީ ފެނުމުންވެސް އޭނާއަށް ވީ އެފަދަ ގޮތެކެވެ. ލޫކަންގެ ދެއަތް މުށްކެވިގެން ދުޔައީ ބޭ އިޙްތިޔާރުގައެވެ.

ދޮރުމަތީގައި ތިބި ދުއާ އާއި ލޫކަން ރާނީގެ ލޮލުގައި އަޅައިގަތުމާއެކު ރާނީ ކުއްލިއަކަށް އާރަވްއާ ދުރުވެލިއެވެ. އެހިސާބުން އާރަވްއަށް ވެސް އެމީހުން ފެނިއްޖެއެވެ. ރާނީގެ ރަތްވެފައިވާ ދެލޮލާއި ތެމިފައިވާ ކޯތާފަތް ލޫކަން އަށް ފެނުނީ އެވަގުތުއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލަމުން ދުވެފައި ކަހަލަ ގޮތަކަށް ރާނީ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

" ލޫކް... މިގަޑީގަ.. ތާރާ ކައިރިއަށްތަ؟ " ސޯފާގައި ލެގިލަމުން އާރަވް އެހެން އަހައިލީ ވަރަށް ހަމަޖެހިފައެވެ. ދުއާއަށް އާރަވްއާ ދިމާލަށް ލޯއަޅައިލެވުނީ ބޭއިޙްތިޔާރުގައެވެ. އާރަވް ދެކެ އައި ކުއްލި ރުޅީގެ އަސްލު ދެނެގަންނަން އޭނާއަށް އުނދަގޫވިއެވެ. ތާރާއަށް ގޮވަމުން ދުއާ ގޮސް ތާރާގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ތާރާ ދޮރު ހުޅުވައިލުމާއެކު ދުއާ އަވަހަށް އެކޮޓަރިއަށް ދެމިގަތެވެ.

" ހިނގާބަލަ ކޮޓަރިއަށް.. ވާހަކައެއް ދައްކާލަން އެބަޖެހޭ.. " އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ލޫކަން ބުންޏެވެ.

" ކޮޓަރިއަށް ނުދިޔަސް އޯކޭ ވާނެ.. މިއޮއް އަންނަނީ ވަރަށް ގަދަ މެޗެއް.. ޖައްސާލަ އަހަރެންނާ އެކު ބަލަން.." ސޯފާގެ އެއްފަރާތަކަށް ޖެހިލަމުން އާރަވް ބުންޏެވެ. ދެބަހެއް ނެތި ލޫކަން އައިސް އާރަވް ކައިރީގައި އިށީނެވެ.

" ދެންމެ އަހަރެންނަށް މިފެނުނީ ކޮންކަހަލަ މަންޒަރެއް.. ؟ ކަމެއް އުޅެނީތަ؟ " ލޫކަންއަށް އެވާހަކަ ނުދައްކާ ނީނދެވުނެވެ.

" ކިހިނެއްވީ؟ ހަހަހަ.. އަހަރެން ވިއްޔާ ކަމެއް އުޅެގެން ނުވާނެތަ؟ ރީއްޗެއް ނޫންތަ އަޅެ.. ގުޅޭ ދޯ އަހަރެންނާ." އާރަވް އެހެން ބުނީ ސަމާސާއަކަށެވެ. ނަމަވެސް ލޫކަންއަށް އެސަމާސާ ނަގައެއް ނުގަނެވުނެވެ. ބަދަލުގައި އައި ރުޅީގައި އޭނާގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ރާނީއަކީ ހަމައެކަނި އޭނާގެ ހައްޤެކޭ ބުނެ ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ.

" ރެވް ސީރިޔަސް ނުވަންޏާ ތިކަން ހުއްޓާލަން އަހަރެންނަށް ފެންނަނީ.. ރާނީ އަކީ އެކަހަލަ ކުއްޖެއްހެން ހިޔެއްނުވޭ.. " ރުޅި މަތަކުރަން މަސައްކަތް ކުރަމުން ލޫކަން ބުންޏެވެ. " އަހަރެންނަށް ދެންމެ ފެނުނު ރާނީ ރޮމުން ދިޔަތަން.. "

" ލޫކް ތިބުނީ ދެން އަހަރެން މީ 'އެކަހަލަ' މީހެކޭތަ؟ ކަމްއޯން ލޫކް.. އެހާ ނާޒުކް ކުދިން ރޯންވެސް ރޯނެ.. އެއީ އެހާވަރު ކަމެއް ނޫން.. " އާރަވް ބުންޏެވެ. ލޫކަން އިތުރަށް ވާހަކައެއް ނުދެއްކިއެވެ. ވާހަކަ ދައްކައިފިނަމަ އަމިއްލައަކަށް ބޭޒާރު ވެވިދާނެތީއެވެ.

************

" ވަރަށް ބޮޑަށް ތެންކްސް ލަވް.. " ދުއާ ގެނައި އެއްޗެހިން ރަހަ ބަލައިލަމުން ތާރާ ބުންޏެވެ. ދުއާ އިނީ ހިމޭންވެފައެވެ. ލޯމަތީގައި ސިފަވަމުން  ދިޔައީ މީގެ އިރުކޮޅެއް ކުރިން ފެނުނު މަންޒަރެވެ.

" އޭތް ކިހިނެއްވެފަ ތިއިންނަނީ.. ؟ " ދުއާގެ އަތުގައި ޖަހައިލަމުން ތާރާ އަހައިލިއެވެ. ދުއާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރައިލީ ކަމެއް ނުވެއޭ ބުނުމަށެވެ.

" ވާހަކައެއް އަހާލަންތަ؟ " ދުއާ އެހިއެވެ. ތާރާ ކާން އިނދެ ނިތް އަރުވާލިއެވެ.

" ރެވް އާއި ރާނީ ކަމެއްތަ؟ " ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ދުއާ އަހައިލިއެވެ.

" ނޭނގޭދޯ.. އަހަރެންނަށްވެސް ތިހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ.. ދެރެއަކު ދަންވަރު ގަޑީގައިވެސް ފެނިއްޖެ ކޮފީ ބޯން ތިއްބަ.. އަނެއްކާ މިހާރު ވަޒީފާއަށް އައިސް ގޮސް ހަދަނީ އެކީގަ.. ހަމަވެދާނެ ކަމެއް ކަމަށް.. ރަނގަޅެއްނު.. ރެވްވެސް މީހަކާ އިނީމަ އޭނާގެ އެގޮތް ގަނޑު އިސާހިތަކު ފިލައި ގޮސްދާނެ... އަނެއްކާ އަހަރެންނަށްވެސް ފަހަރިއަކަށް ރާނީ ވަރަށް ކަމުދޭ.. " ތާރާ ކިޔައިލިއެވެ. އެވާހަކަތަކުން ދުއާގެ ހިތަށް އުނދަގޫވަމުން ދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. ތާރާއަށް ހިނިތުންވުމެއްވެސް ދެވުނީ ގަދަކަމުންނެވެ.

*******************

ބަދޫރާ މަރިޔާދުގޭގައި ހުރި އުނދޯލީގައި ވާހަކަ ފޮތެއް ހިފައިގެން ކިޔަން އޮތެވެ. އެތަނަށް ވަންނަން އައި ސާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ޖެހިލުންވެފައި ހުރެ ދޮރުގައި ޓަކި ޖަހައިލަމުން އެތެރެއަށް ވަނުމުގެ ހުއްދައަށް ސާރާ އެދުނެވެ. ފޮތް ތިރިކޮށްލަމުން ދޮރާ ދިމާލަށް ބަލައިލި ބަދޫރާގެ ދެބުމަ ގޮށްޖެހުނެވެ. އެފަދަ ގަޑިއެއްގައި އެއްވެސް މީހަކާ ވާހަކަ ދެއްކުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ.

" ކަމަކުތަ؟ " ބަދޫރާގެ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ.

" ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެގެން.. " ސާރާ ބުންޏެވެ. ބަދޫރާ އިރުކޮޅަކު ވިސްނާލުމަށްފަހު އެތެރެއަށް އަންނަން ސާރާ ގާތުގައި ބުންޏެވެ. އުނދޯއްޔަށް ވުރެ ތަންކޮޅެއް ދުރުގައި ހުރި ގޮނޑީގައި ސާރާ އިށީނެވެ.

" ރަފާގެ ވަރަށް ގާތް ރަޙުމަތްތެރިއެއް.. ދުބާއީ އިން އައިސް ހުރި.. އޭނަ ހުންނާނެ ތަނެއް ހޯދާތީ.. ދުވަސްކޮޅަކު މިގޭގަ ހުރެވިދާނެތޯ އަހަންވެގެން.. "

" ކޮންކަހަލަ ރައްޓެއްސެއް... " ދެބުމަ ގޮށް ޖަހައިގެން އިނދެ ބަދޫރާ އެހިއެވެ.

" ހަމަ އޭނަ ވަރުގެ އަންހެން ކުއްޖެއް.. ޑޮކްޓަރެއް.. ދުވަސްކޮޅަކު ހުންނާނީ.. ވަރަށް ރަނގަޅު ކުއްޖެއް.. އޭނަގެ ބައްޕައަކީ ރާއްޖޭ މީހެއް.. މަންމައަކީ އަރަތްބެއް.. " ސާރާ ދޮގު ހެދިއެވެ. ބަދޫރާއަށް ކުޑަވެސް ޝައްކެއް ވާން ނޭދޭތީއެވެ. " މިކޮޅަށް އައިސް އަދި ހުންނާނެތަނެއް ހަމަނުޖެހޭތީ ވަގުތީ ގޮތުން ހުރެލަން.. "

" ކޮންމެ ކޮންމެ މީހަކު ގެއަށް ވައްދަން ވެދާނެތަ.. ؟ ރަފާ ކައިރީ ބުނޭ އެމަންޖެ ގޮވައިގެން އަހަރެންނާ ބައްދަލުކޮށްލަން އަންނާށޭ.. ވާހަކަ ދައްކާލާފަ ގޮތެއް ނިންމޭނީ... " ބަދޫރާގެ ޖަވާބުން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައި ހުރެ ބޯޖަހައިލުމަށްފަހު ސާރާ ތެދުވެގެން ހިނގައިގަތެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 03 ޖުލައި ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް