އަހަރެންވެސް ދުއާ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ދުވަހަކުވެސް އަހަރެން ދުއާ ދޫކޮށްލާފައި ނުދާނަން.. ދުއާވެސް ވަޢުދުވޭ އަހަރެން ދެކެ އަބަދުވެސް ތިގޮތުގައި ލޯބިވާނަން ކަމާއި ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދާނަން ކަމަށް. " ދުއާ އާ ދިމާލަށް އަތް ދިއްކޮށްލަމުން އާރަވް ބުނެލިއެވެ.
" ޕްރޮމިސް ހެހެހެ ... " އާރަވްގެ އަތް މަތީގައި އަތް ބާއްވައިލަމުން ހެމުން ދުއާ ބުންޏެވެ.
އެ ޙާއްސަ ހިނދުކޮޅުގެ ފޮނިކަން އިހުސާސް ކުރަން ބޭނުންވެ އޭނާގެ ކޮނޑުމަތީގައި އޮތް ދުއާގެ ބޮލުގައި އާރަވް އޭނާގެ ބޯ ޖައްސާލައިގެން އިނެވެ. ލޯބީގެ ފޮނިމީރުކަމާއި ސާދާކަން އިހުސާސް ކޮށްލަން ލިބުމުން ހިތަށް ލިބިފައިވި އުފާވެރިކަން އެތައް ގުނައެއް އިތުރުވެފައިވިއެވެ. އެހެން އިނދެ މުސްތަގުބަލާމެދު ފޮނި ހުވަފެންތަކެއް ބަލަމުން ދިޔައެވެ. އެކި ކަހަލަ ޙިޔާލީ ފޮލާތައް ކައްކަމުންނެވެ. ކުރިއަށް ކަންތައްވާނެ ގޮތެއް ހިޔާލަށް ފިކުރަށްވެސް ނާންނަ ހާލުގައެވެ. އެތައް އިރެއް ވަންދެން އެހެން ތިބުމަށްފަހު އާރަވް ދުއާ އަށް ގޮވައިލިއެވެ. ދެފަހަރަކު ގޮވައިލުމުންވެސް ދުއާގެ ޙަބަރެއް ނުވުމުން ކުޑަކޮށް ބޯ ގުދުކޮށްލަމުން އާރަވް ބަލައިލިއެވެ. އޭނާގެ ކޮނޑުމަތީގައި އަރާމު ނިންޖަކުން ނިދާލާފައި ދުއާ އޮތެވެ. އާރަވްގެ ތުންފަތަށް ވެރިވީ މަޢުނަވީ ހިނިތުންވުމެކެވެ. މަޑުމަޑުން ދުއާގެ ކޮލުގައި ޖަހާލާފައި ގޮވައިލުމުންވެސް ދުއާ ހެޔެއް ނޭރިއެވެ. ދުއާ ކުރިއަށްވުރެ ބޮޑަށް އާރަވްގެ އަތުގައި ބައްދައިލިއެވެ. އެންމެ ފަހުން އާރަވްއަށް ޖެހުނީ އޭނާގެ އަތްމަތީގައި ދުއާ ގެންގޮސް އޭނާގެ ކޮޓަރީގެ އެނދުގައި ބާއްވާށެވެ. އެނދުގައި ބާއްވައިލި ވަގުތު ކުރުގެޅިލަމުން ކައިރީގައި އޮތް ބާލީހުގައި ދުއާ ބައްދައިލިއެވެ. ދުއާގެ ގައިގައި ކުއިލްޓް އަޅާލަ ދިނުމަށްފަހު ބޮކި ނިއްވާލާފައި އާރަވް ނިކުތީ ހިނިތުންވެ ހުރެއެވެ. އެގެއިން ނިކުމެ ގެއާ ދިމާލަށް މިސްރާބުޖެހީ އަނެއްދުވަހު ދުއާ އާ ބައްދަލުކުރަން ކެތްމަދުވެފައި ހުރެއެވެ.
********
ހިޔާލީ ދުނިޔެއިން އާރަވްއަށް ނިކުމެވުނީ ބޯޅަ އައިސް އޭނާގެ މޫނުގައި ޖެހުމުންނެވެ. ރުޅި އައިސްފައި އާރަވް ބޯޅަށް ދުރަށް އެއްލައިލިއެވެ. އެހިނދު ތަޅުންގަނޑުގައި ޖެހި ޖަމްޕް ވަމުން ގޮސް އެ ބޯޅަ ދިޔައީ އެނދު ދަށަށެވެ. ދެއަތުން މޫނު ފޮހެލުމަށްފަހު އިންތަނުން ތެދުވިއެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ގަޑި ބަލައިލިއެވެ. މެންދަމު އެކެއް ޖަހަން ގާތްވެއްޖެއެވެ. ނިދީގެ ކަންފުޅެއްވެސް ނެތުމުން ކޮފީއެއް ބޯލުމުގެ މަޤްސަދުގައި އާރަވް އޭނާގެ ކޮޓަރިން ނިކުތެވެ.
އާރަވް ނިކުތްއިރު މޭޒު ކައިރީގައި އިން ރާނީ ފެނި ހައިރާންކަމެއް ލިބުނެވެ. ރާނީގެ އަތުގައިވާ ހޫނު އާވި އަރަމުން ދިޔަ ކޮފީތަށި ފެނުމުން ރާނީވެސް އެއިނީ ނިދި ނައިސްގެން ކަން އާރަވްއަށް އެނގުނެވެ. އާރަވް ފެނުމުން ރާނީ ހިނިތުންވެލިއެވެ.
" ކިހިނެއްވީ މިއޮއް ދަންވަރު ނުނިދާ ތިއިންނަނީ.. ؟ " ކޮފީއެއް ހިފައިގެން އައިސް ރާނީގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށިންނަމުން އާރަވް އެހިއެވެ.
" އަހަރެންނަށްވެސް ހަމަ ތި ސުވާލު ކުރެވިދާނެ ދޯ.. ހެހެ.. " ރާނީ ބުނެލިއެވެ. " ބައި ދަ ވޭ ކިހިނެއްވީ އަނެއްކާ ވާހަކަ ތިދެއްކީ.. ގައިމު ތާރާ ބުނި އާރަވްއަކީ މީހުންނާ އެހާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނޭ.. "
" އެއީ އެމީހުން އެކަނި ބުނާ އެއްޗެއް.. " ކޮފީތަށިން ކޯވަރެއް ބޯލަމުން އާރަވް ބުންޏެވެ.
" އެމީހުންނޭ..؟ އަހަރެން ބުނީ ހަމައެކަނި ތާރާގެ ވާހަކައެއްނު.. ދެން ތި ދައްކަނީ ދުއާގެ ވާހަކަތަ ؟ " ވަރަށް ފުން ނަޒަރަކުން އާރަވް ގެ މޫނަށް ބަލަން އިނދެ ރާނީ އެހިއެވެ.
" އާނ.. އަހަރެން ދުއާ އާ އެހާ ވާހަކަ ދައްކާ ނޫޅެ އޭނާއަށް ނަފްރަތު ކުރާތީ އެމީހުންނަށް ހީވަނީ ދެން ހުރިހާ އެންމެންނާ މެދުވެސް އަހަރެންގެ ކަންތައް ހުންނާނީ އެހެންނޭ.. އަހަރެން ވާހަކަ ދައްކަން ފޫހިވާނީ އަހަރެންނާ ދޭތެރޭ ގޯސްކޮށް ކަމެއް ކުރި މީހެއް ދެކެ.. "
" ތިބުނީ އާރަވްއާ ދޭތެރޭ ދުއާ ވަރަށް ގޯސްކޮށް ކަމެއް ކުރި ވާހަކަތަ؟ " ރާނީ އަހައިލިއެވެ. އާރަވް ވަކި އެއްޗެއް ނުބުންޏެވެ. އާރަވް ޖަވާބުދޭން ބޭނުންނުވަނީކަން އެނގި ދެން އިތުރަށް ރާނީވެސް އެސުވާލެއް ނުކުރިއެވެ.
" އަސްލު އެނގޭތަ..؟ އަހަރެންނަށް އެނގޭ މޫނުމަތިން އާރަވް ތިދައްކަނީ އަސްލު ސިފައެއް ނޫންކަން.. ތިދައްކާ ރުޅިވެރި ސިފައިގެ ފަހަތުގައި ވަނީ ވޭނާއި ހިތްދަތިކަން.. މާޔޫސް ކަމާއި މޮޅިވެރިކަން.. އެކަނިވެރިކަމާއި ފަޅުކަން.. އެކަން ތިދެލޮލުން ވަރަށް ރަނގަޅަށް ސާފުވޭ.. އެކަމަކު އެކަން ފާހަގަވާނީ ވަރަށް މަދުމީހަކަށް.. " ރާނީ ދައްކަމުން ދިޔަ ވާހަކައިން އާރަވްއަށް ލިބުނީ ހައިރާންކަމެކެވެ. އެހެން އެއްވެސް މީހަކަށް އޭނާގެ ކިބައިން ނުފެންނަ ކަންތައްތައް އެހާ މަދު ވަގުތުކޮލެއްގެ ތެރޭގައި ރާނީ ދެނެގެންފިއެވެ. ދެވަނަ ހިނދުގައި މޫނުމަތިން ހައިރާންކަން ފޮރުވާލަމުން އާރަވް ހިނިގަނޑެއް ޖަހައިލިއެވެ.
" ވާއު.. ރާނީ ވާންވީ އަންހެނުންގެ ޑޮކްޓަރަކަށް ނޫން.. ސައިކިއޭޓްރިސްޓްއަކަށް.. ހެހެހެ.. " އާރަވް ހެމުން ހެމުން ބުންޏެވެ. ރާނީވެސް އާރަވްގެ ހުނުމުގައި ބައިވެރިވިއެވެ.
************
ބަލިމީހުން ބަލާ ނިންމައިލުމަށްފަހު އަންހެނުންގެ ބަލިތަކުގެ ޑިޕާޓްމެންޓަށް އާރަވް ދިޔައެވެ. ދުއާ ހޯދުމަށެވެ. ވާހަކަ ދައްކާލަން ބޭނުންވާ ކަމަށް ބުނުމަށެވެ. އެތަނުގައި ދުއާ ފެންނަން ނެތުމުން އެނބުރި ދާން އުޅެނިކޮށް ރާނީއާ ދިމާވިއެވެ. ދުއާ ކޮބައިތޯ އެހުމުން މިއަދު ވަޒީފާއަށް ސަލާމް ބުނެފައިވީ ކަމުގައި ރާނީ ބުންޏެވެ. އާރަވްއަށް ޤަބޫލުކުރަން ދަތިވިއެވެ. ވަރަށް ބޮޑުކަމެއް ވެގެން ނޫނީ ދުއާ ވަޒީފާއަށް ނައިސް ނުހުންނާނެއެވެ.
" ހިނގާ އެއްޗެއް ކާލަން ދާން.. އަހަރެންގެ ޓްރީޓެއް.. އާރަވް ވެސް މިއަދު ބްރޭކަށް ނުދަމެއްނު.. އަހަރެންނަށްވެސް ބިޒީކަމުން ނުދެވުނު.. " ރާނީ ބުނެލިއެވެ. އާރަވް ދެހިޔާލެއްގައި ހުރެ ބޯޖަހައިލިއެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ދުއާއަށް ވީގޮތެއް ބެލުމަށެވެ. ރާނީ ދަބަސް ހިފައިގެން އައުމުން ދެމީހުން އެއްކޮށް ލިފްޓާ ދިމާލަށް ހިނގައިގަތެވެ.
*********
ދެމީހުން އެކީގައި ގޮސް ވަނީ ހޮސްޕިޓަލާ މާ ދުރު ނޫން ހިސާބެއްގައި ހުރި ކެފޭއަކަށެވެ. ކެއުމަށް އިންސާފުކުރަމުން އެކި ވާހަކަތައް ދައްކަމުން އެމީހުން ދިޔައެވެ. ބައެއް ފަހަރު މަޖާ ވާހަކައެއް ދައްކާފައި ހީނލާނެއެވެ. އާރަވް ސަމާސައަށް ބުނެލާ އެއްޗަކުން ރާނީ އާރަވްގެ އަތުގައި ޖަހާލަފާނެއެވެ. ދެދުވަހެއްގެ ތެރޭގައި އެމީހުން ގާތް އެކުވެރިންނަށް ވެއްޖެއެވެ. އާރަވްއާ ވާހަކަ ދައްކައިލެވުމުން އެއީ ތާރާމެން ބުނާފަދަ މީހެއް ނޫންކަން ރާނީއަށް އިހުސާސްވިއެވެ. ހަމަ އެފަދައިން އާރަވްއަށް ވެސް ރާނީގެ ފަރާތުން ފެނުނީ ތަފާތު އެކުވެރިކަމެކެވެ. އެއީ ހިތްހެޔޮ، އޭނާގެ އިހުސާސްތައް ދަންނަ އެކުވެރިއެކެވެ. އެކި ވާހަކަތަކުގައި މަޝްޢޫލްވެފައި ތިބި އެދެމީހުންނަށް ނޭނގުނީ އެތަނުގައި އިން އެހެން މީހެއްގެ ނަޒަރު އެމީހުންނަށް އަމާޒުވެފައިވާކަމެވެ.
******************
ވިސްނާ ވިސްނާ ދުއާގެ ބޮލުން ރިހުން ނުކުނޑެއެވެ. އެއްގޮތަކަށްވެސް އެރޭ ވީގޮތެއް ދުއާގެ ހަނދާނަކަށް ނައެވެ. މާބޮޑަށް ވިސްނާ ފިކުރު ކުރެވުމުގެ ސަބަބުން ދުއާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ކެއުން މަދުވެ އެއްގޮތަކަށް އެނދުން ތެދުވަން ބޭނުންނުވެއެވެ. މަސައްކަތުގައިވެސް ފަރުވާ ކުޑަކުރެވޭތީ ދެތިން ދުވަހުގެ ޗުއްޓީއެއް ނެގީއެވެ. އެރޭ ހިނގައިދިޔަ ކަންތައް އެނގޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ އާރަވްގެ ދުލުން އެރޭވީ ކަންތައް ކިޔައިދިނުމެވެ. ނަމަވެސް އާރަވް ދުއާއާ ވާހަކަ ދައްކަން ބޭނުންނުވާތާ އޭނާގެ ސޫރަގެ ދެކޭކަށްވެސް ބޭނުމެއްނުވެއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު ދުއާގެ މެޔަށް ތޫނު ތަދެއްގެ އިހުސާސް ކުރެވެއެވެ. އެކުވެރިއަކާ މައްސަލައެއް ޖެހިގެން ދުއާގެ ހިތަށް މިހާ އަސަރުކުރި މީ ފުރަތަމަ ފަހަރެވެ.
މޫނުގައި ބާލީސް އަޅައިގެން އެނދުގައި އޮށޯވެގެން ދުއާ އޮތެވެ. ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑުއިވުމުންވެސް ހުޅުވަން ދާކަން ނޫޅުނެވެ. ނަމަވެސް ބޭރުން ލޫކަން ގޮވައިލި އަޑު އިވުމުން ނުހުޅުވާ އޮންނާކަށް ނުކެރުނެވެ. ކަންނެތްކަމާއެކު އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވައިލުމަށްފަހު އަލުން ގޮސް އެނދުގައި އޮށޯތެވެ.
" ބަލީތަ؟ ޑޮކްޓަރަށް ދައްކަން ދާންވީނު.. " ދުއާގެ ފަހަތުން ގޮސް އެނދުގައި އިށީންނަމުން ލޫކަން ބުންޏެވެ. ދުއާ ވަކި އެއްޗެއް ނުބުނެ ދެފަރާތަކަށް ބޯހޫރައިލިއެވެ.
" ކޮންކަމަކާ މާ މޫޑީވެގެން ތިއުޅެނީ.. ޒިލާލްބެ އެއްޗެކޭ ކީތަ ؟ " ލޫކަން އެހިއެވެ. ދެންވެސް ދުއާ ދެފަރާތަކަށް ބޯހޫރައިލިއެވެ.
" ކަމްއޯން ދުއާ.. ވީގޮތެއް ބުނެބަލަ ތިހެން ނޯވެ.. ތިހެން ނުކައި ނުބޮއެ އޮންނަންވެއްޖިއްޔާ މުޅިން ބަލިވެދާނެއްނު.. " ލޫކަން ބުންޏެވެ.
" ލޫކް ކައިރީގައި ކާކު ބުނީ އަހަރެން ނުކައޭ.. " ދުއާ އެހިއެވެ.
" މިގޭ ކެއަރޓޭކަރ ގުޅީ.. އޭނާވެސް ދުއާއާ މެދު ވިސްނާތީއެއްނު އަހަރެންނަށް ގުޅާނީ.. ދުއާ ތިހެން އޮވެ ބަލިވެއްޖިއްޔާ ކާފަ ކަންތައް ބަލަހައްޓާނީ ކިހިނެއް.. ބުނެބަލަ އަހަރެން ކައިރީގައި ވެގެން އުޅޭ ގޮތެއް.. އޭރުން ދޯ އަހަރެންނަށް އެހީއެއް ވެވޭނީވެސް.. "
" ކަމެއް ނުވެޔޭ.. އަސްލަށޭ މިބުނީ... އޯވަރ ވޯކް ކުރެވޭތީ ކުޑަކޮށް ވީކް ވަނީހެން ހީވަނީ.. " ލޫކަން މާގިނައިން ސުވާލު ކުރަން ފެށުމުން ދުއާ ބުންޏެވެ.
" ތިހެން އޮތީމަވެސް މާބޮޑަށް ސްޓްރެސްވާނީ.. ހިނގާ ސައިކަލު ދުއްވާލަން ދާން.. އަންނަމުން ދުއާގެ ފެވަރިޓް ރެސްޓޯރެންޓަށް ވަދެ ކައިގެން އަންނާނީ.. " ލޫކަން ބުންޏެވެ. އެންމެ ފުރަތަމަ ދުއާ އެކަމަށް މަނާ ކުރިއެވެ. ނަމަވެސް ލޫކަން ކިޔާވަރުން ހިތާ ދެކޮޅަށް ނަމަވެސް އޮތް ތަނުން ތެދުވެ ތައްޔާރު ވާން ފެށިއެވެ.
**************
ދުއާ މެދު ވިސްނޭ ވަރުން ތައްޔާރުވެގެން އާރަވް ކޮޓަރިން ނިކުތީ ދުއާ އާ ބައްދަލުކުރުމަށް އެގެއަށް ދިއުމަށެވެ. އޭނާގެ ހިތް ގޮވަމުން ދިޔައީ އެންމެ ފަހަރަކުވެސް ދުއާ ދެއްކި ވާހަކަ ޤަބޫލުކުރުމަށްފަހު ހުރިހާ ވާހަކައެއް ދުއާއަށް ކިޔައިދިނުމަށެވެ. އެގޭ ކައިރީގައި ސައިކަލު ޕާކު ކޮށްލުމަށްފަހު ގޭޓާ ދިމާލަށް ދިޔަ އާރަވްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައީ ގޭތެރެއިން ނިކުމެގެން އަންނަ ދުއާ އާއި ލޫކަން ފެނިފައެވެ. ލޫކަން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައިރު ދުއާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެފައިވިއެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތަށް ބަލައިލި ހިނދު އާރަވްއަށް ހިންދިރުވައިލެވުނެވެ. އެހިނދު އަނެއްކާވެސް ދުއާއަށްޓަކައި ނަފްރަތު އާރަވްގެ ހިތުގައި ގަދަވެގަތީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އެމީހުންނަށް ފެނިދާނެތީ އެތަނުގައި ހުރި ގަހެއް ދޮށައްވަދެ ނިވައިވެލިއެވެ. ސައިކަލަށް އަރާ ނައްޓާލަންދެން އެމީހުންނަށް ބަލަހައްޓައިގެން އާރަވް ހުއްޓެވެ.
***********
ރެސްޓޯރެންޓްގެ މޭޒެއް ކައިރީގައި އިން ރާނީ އިރުއިރުކޮޅާ އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ވަންނަ ދޮރާ ދިމާލަށް ބަލައިލައެވެ. ހީވާގޮތުން އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. ޖޯޑުކޮށްލެވިފައިވާ އޮތް ދެއަތް މޮޑެމުން ދިޔައިރު އޭނާގެ ހިތްއަވަސްވެފައިވިއެވެ. އެދެލޮލުން ފެންނަނީ ކެތްތެރިކަން މަދުވެފައި ވާތަނެވެ. އިރުއިރުކޮޅާ ތުންފަތަށް ހިނިތުންވުމެއްވެސް ވެރިވެއެވެ. އަނެއްކާވެސް އެހިނިތުންވުން ފިލާ ކަންބޮޑުވުމަށް ބަދަލުވެދެއެވެ. މާގިނައިރު އެހެން އިންނާކަށް ނުޖެހުނެވެ. ދޮރުން ވަދެގެން އަންނަ މީހާ ފެނުމާއެކު ރާނީއަށް އިންތަނުން ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލެވުނެވެ. އެމީހާ އަންނަންދެން ބަލަހައްޓައިގެން ހުންނަން ރާނީއަށް ކެތެއް ނުކުރެވުނެވެ. ދުވެލާފައި ގޮސް އެމީހާ ގައިގައި އޮޅުލައިގަތެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ 30 ޖޫން ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް