ތާއީދުކުރައްވަނީ ހަމަ އެކަނި އެމްޑީޕީ ކެނޑިޑޭޓުންނަށް ނޫން ކަމުގައި ރައީސް ސޯލިހް ވިދާޅުވި: މައުމޫން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަ އެކަނި ތާއީދުކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ނޫން ...

29 Mar 2019 | 20:15

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަ އެކަނި ތާއީދުކުރައްވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ނޫން ކަމަށާއި ކޯލީޝަންގެ އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނަށްވެސް ތާއީދުކުރައްވާ ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕޭނު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އެކަނި ތާއީދު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހް ކުރައްވާ ހުރިހާ ކަމަކުންވެސް އެކަން އެނގޭ ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިރޭ މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ވިދާޅުވަމުން އަންނަނީ ރައީސް ސޯލިހް ތާއީދު ކުރައްވަނީ ހަމަ އެކަނި އެމްޑީޕީ ކެނޑިޑޭޓުންނަށް ކަމަށެވެ. ނަމަވެސް ކޯލީޝަންގައި ހިމެނޭ ހުރިހާ ކެނޑިޑޭޓުންނަކީވެސް ސަރުކާރު ކެނޑިޑޭޓުންނޭ ބުނުމުގެ ފުރުސަތު އޮންނާނެ ކަމުގައި ރައީސް ސޯލިހްވެސް ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބޭނުންވަނީ ސަރުކާރު ދަމަހައްޓައި، އިހްލާސްތެރިވާނެ މެމްބަރުންތަކެކެވެ. އަދި ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެހީތެރިވާނެ ބަޔަކު މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ކަމުގައިވެސް ރައީސް މައުމޫން މިރޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް