ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަކަމަށް ކޯޓުން ނިންމައިފި

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމުން އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ހާއްސަ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމ...

30 Jan 2019 | 10:30

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމުން އެ ޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ހާއްސަ ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އީސީގެ ނިންމުން ސައްހަ ނޫން ކަމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ މައްސަލަ އީސީން ސުޕްރީމް ކޯޓުގައި އިސްތިމާސް ކުރުމުން މިއަދު ނެރުނު ހުކުމުގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ އެއީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ކޮންގްރެސް އެއް ކަމަށް ބުނެ އެވެ. އަދި ކޮންގްރެސްގައި އެ ޕާޓީ މެމްބަރުން ނޫން މީހުން ބައިވެރިވެ ވޯޓްދިން ކަމަށް އިލެކްޝަނުން ބުނެ އެވެ.

އެ ކޮންގްރެސް ސައްހަ ކަމަށް އެންމެ މަތީ ކޯޓުން ހުކުމް ކުރި އިރު، ރައީސް މައުމޫން އަބްދުލްގައްޔޫމާ ޕީޕީއެމް ހަވާލުކުރުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް ސުޕްރީމް ކޯޓުގައި އަދި އެބައޮތެވެ.

އެ މައްސަލަ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެ މައްސަލައިގެ ފައިލްތައްވަނީ ސުޕްރީމް ކޯޓަށް ނަގާފައެވެ. ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ނިންމާފަ އެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ ކޯޓްގައި އޮތުމުން އަދި އެމައްސަލަ ނިމޭނެ ގޮތެއް ނޭންގޭތީ ރައީސް ޔާމީން އިސްވެހުންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވަނީ ރެޖިސްޓްރީ ކޮށްފަ އެވެ.

ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ މާދަމާ ފަށާއިރު މައްސަލައިގެ ތެރެއަށް ތަދައްޙުލްވުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުންވަނީ ހުށަހަޅުއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް