މެންޗެސްޓާ ސިޓީގެ ޓީމަށް ޕެޕް ގާޑިއޯލާ "ބާސެލޯނާ ޑީއެންއޭ" އިތުރު ކޮށްލައިފި ކަމަށާއި، ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އަކީ އެ ޓީމުގެ މެސީކަމަށް ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ބާސެލޯނާ އާއި ބަޔާން މިޔުނިކާއެކު ޓްރޮފީތަކުން ފުރިފައިވާ ކާމިޔާބީގެ އަހަރުތަކެއް ހޭދަކުރުމަށް ފަހު، ސިޓީއާ މިދިޔަ ސީޒަންގައި ހަވާލުވެ ގާޑިއޯލާއަށް ފުރަތަމަ ސީޒަން ނިންމާލަން ޖެހުނީ ތަށްޓެއް ހޯދައި ނުދެވިއެވެ.
އެހެން ނަމަވެސް ގާޑިއޯލާ ވަނީ މި ސީޒަނަށް އޭނާގެ ވައްޓަފާޅިއާ އެއްގޮތަށް ސިޓީ ރަނގަޅަށް ހާނާލައި މުޅިން ބަދަލު ކޮށްލާފައެވެ. މެންޗެސްޓާ ސިޓީގެ ފަރާތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ކުދި، އަވަސް ޕާސްތައް ޖަހައިގެން ކުޅޭ ހިތްގައިމު އެޓޭކިންގ ގޭމެއް މި ސީޒަނުގައި ފެނިގެން ދެއެވެ. އަނެއްކޮޅުން އެ ޓީމު މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށްވުރެ އިތުރަށް 15 ޕޮއިންޓް ހޯދައިގެންނެވެ. އަދި ޖެހިޖެހިގެން 18 މެޗުން މޮޅުވެ ޕްރިމިއާ ލީގުގެ ބޮޑު ރެކޯޑެއްވެސް ގާޑިއޯލާގެ ޓީމުން ވަނީ ގާއިމް ކޮށްފައެވެ.
މެންޗެސްޓާ ސިޓީން މި ސީޒަނުގައި ކުޅޭ ގޭމުގައި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުވުމާއި، އެޓޭކްތައް އުފެއްދުމުގައިވެސް މުހިންމު ދައުރެއް ކެވިން ޑި ބްރޭނާ އަދާކުރާއިރު، ޒަވީ ވަނީ ޑި ބްރޭނާ ސިޓީގައި އަދާކުރާ ދައުރަކީ މެސީ ބާސެލޯނާގައި އަދާކުރާފަދަ ދައުރެއް ސިފަކޮށްފައެވެ.
"ގާޑިއޯލާގެ ޓީމު މޮޅުވަނީ ޓީމެއްގެ ގޮތުގައި. އެކަމަކު އެންމެ މޮޅު ޓީމުތަކަށްވެސް އެންމެ މުހިންމު، ޚާއްސަ ދަނޑިވަޅުތަކުގައި ބަރޯސާވެވޭނެ ކުޅުންތެރިއަކު ބޭނުން ވާނެ" ދަ މިރަރ ނޫހަށް ދިން ބަސްދީގަތުމެއްގައި ޒަވީ ބުނެފައިވެއެވެ.
"ބާސެލޯނާގައި އަހަރެމެންނަށް އެ ފަދަ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ހުރޭ. މެންޗެސްޓާ ސިޓީގެ އެ ފަދަ ކުޅުންތެރިއަކީ ޑި ބްރޭނާ... އޭނާގެ އަތުގައި ބޯޅަ އޮންނަ ކޮންމެ ފަހަރަކުމެ ކޮންމެވެސް ޚާއްސަކަމެއް ކޮށްލާނެ ކަމުގެ އިޙްސާސް އަނެކުންނަށް ކުރުވާނެ... ކޮންމެ މެޗެއްގައި 3-0 ނުވަތަ 4-0 ގެ ނަތީޖާއިން މޮޅެއް ނުވެވޭނެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި. އެއީ މިފަދަ ކުޅުންތެރިއެއްގެ ފަރާތުން ތަފާތު މޮޅުކަމެއް ފެނިގެންދާން ބޭނުންވާނެ ވަގުތަކީ" ޑި ބްރޭނާއަށް ތަޢުރީފު ކުރަމުން ޒަވީ ބުނެފައިވެއެވެ.
މަޢުލޫމާތު އަދި ފޮޓޯގެ މަސްދަރު: ގޯލް.ކޮމް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް