މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ހިންގި ބައިލެޓްރަލް އެކްސަސައިޒް "އެކްސަސައިޒް އެކުވެރިން 2017" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޑިސެންބަރު މަހުގެ 15 އިން ފެށިގެން ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މިއެކްސައިޒް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބެލްގާމްގެ މެރަތާ ލައިފް އިންފެންޓްރީ ރެޖިމެންޓަލް ސެންޓަރުގައެވެ.
އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހުޅަނގު ދެކުނުގައި އޮންނަ ބެލްގާމް ސިޓީގައި ކުރިއަށްދިޔަ މި އެކްސައިޒްގައި އެމްއެންޑީއެފްގެ ދެ އޮފިސަރުންނާއި އެހެނިގެން ރޭންކްތަކުގެ 43 ސިފައިންނާއެކު ޖުމްލަ 45 ސިފައިން ބައިވެރިވިއެވެ. މީގެ އިތުރުން އިންޑިއާގެ ސިމޫރު ރައިފަލް ބެޓޭލިއަން އަށް ނިސްބަތްވާ 3 އޮފިސަރުންނާއި 39 ޖޫނިއަރ ކަމިޝަންޑް އޮފިސަރުން ބައިވެރިވިއެވެ. މި އެކްސަސައިޒް ކުރިއަށްދިޔައިރު މެރިންކޯރގެ ކޮމާންޑަރ ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުޙައިރު ވަނީ ފައިނަލް އެކްސަސައިޒް ބައްލަވާލައްވާފައެވެ.
މި އެކްސަސައިޒުގައި ކިޔަވައިދެއްވާފައި ވަނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ. 2009 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "އެކްސަސައިޒް އެކުވެރިން" އަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ. މިއީ މިގޮތުން ބޭއްވި 8 ވަނަ އެކްސަސައިޒެވެ.
އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި އެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ.ކައްދޫ ޓްރެއިނިންގ ސެންޓަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް