ޗެލްސީގެ އާ އެއްބަސްވުމަށް ހަޒާޑް ނޫނެކޭ ބުނެފި. ބޭނުންވަނީ ރެއަލް މެޑްރިޑަށް ބަދަލުވާން!

ހުނަރުވެރި ކުޅުންތެރިޔާ އެޑެން ހަޒާޑާއެކު ޗެލްސީން ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް އެ ޓީމުން ހުށަހެޅި ހުށަހެޅުމަށް ހަޒާޑް ނޫނެކޭ ބުނެފައިވާ ކަމަށާއި، ހަޒާޑް ހުރީ ރެއަލް މެޑްރިޑަށް ބަދަލުވުމުގެ އުނ...

29 Dec 2017 | 12:42

ހުނަރުވެރި ކުޅުންތެރިޔާ އެޑެން ހަޒާޑާއެކު ޗެލްސީން ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް އެ ޓީމުން ހުށަހެޅި ހުށަހެޅުމަށް ހަޒާޑް ނޫނެކޭ ބުނެފައިވާ ކަމަށާއި، ހަޒާޑް ހުރީ ރެއަލް މެޑްރިޑަށް ބަދަލުވުމުގެ އުންމީދުގައި ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.

2015-2016 ގެ ސީޒަންގައި ކުޅުން ދަށްވުމަށް ފަހު، މި ދިޔަ ސީޒަންގައި (2016-2017) ހަޒާޑްގެ ފަރާތުން ހުނަރުވެރި މޮޅު ކުޅުމެއް ފެނުނުއިރު، ޗެލްސީއަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދައި ދިނުމުގައިވެސް އުމުރުން 26 އަހަރުގެ ބެލްޖިއަމް ފޯވާޑް މުހިންމު ދައުރެއް އަދާކުރިއެވެ.

ހަޒާޑްގެ ފަރާތުން މި ސީޒަންގައި ވެސް މޮޅު ކުޅުމެއް ފެންނަމުން ދާއިރު، ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2020 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް ރެއަލް މެޑްރިޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް އައީ އިވެމުންނެވެ. އަނެއްކޮޅުން ޗެލްސީއާއެކު ހަޒާޑް ކޮންޓްރެކްޓް އާ ނުކޮށް ހުރީ ރެއަލް މެޑްރިޑަށް ބަދަލުވުމަށްޓަކައި ކަމަށް އޭނާގެ ބައްޕަ ތިއެރީ ބުނުމާއެކު މި އަޑުތައް ވަނީ އިތުރަށް ގަދަވެފައެވެ.

" އެޑެން (ހަޒާޑް) އާމެދު އަހަންނަށް ހާމަކުރެވެން އޮތީ އޭނާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް (ކޮންޓްރެކްޓް އެކްސްޓެންޝަން) ދެކޮޅު ހަދާފައިވާކަން " ހަޒާޑްގެ ބައްޕަ ބުންޏެވެ. އޭނާ އިތުރަށް ބުނިގޮތުގައި ހަޒާޑް ރެއަލް މެޑްރިޑަށް ކުޅެން ބަދަލުވެދާނެ ކަމަށާއި، އެހެންނަމަވެސް މި ވަގުތު ރެއަލް މެޑްރިޑުން އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށެވެ.

މި ދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެޑެން ހަޒާޑް ވަނީ އޭނާގެ ހިތުގައި ރެއަލް މެޑްރިޑަށް އޮތް އިހުތިރާމް އެންމެނަށްވެސް އެނގޭ ކަމަށް ބުނެފައެވެ. އެހެންކަމުން އަންނަ ޖެނުއަރީގައި ފެށޭ ޓްރާންފާގެ ބާޒާރާއެކު މި އަޑުތައް އިތުރަށް ގަދަވެ، ހަރަކާތްތަކެއް ފެނުން އެކަށީގެންވެއެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގައި ހަޒާޑް ޗެލްސީއަށް 8 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު، ހުރިހާ މުބާރާތަކުން އޭނާ ވަނީ 8 އެސިސްޓްވެސް ހަދާފައެވެ.

މަޢުލޫމާތު އަދި ފޮޓޯގެ މަސްދަރު: ގޯލް.ކޮމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް