އިނގެރޭސި ޕްރިމިއަރލީގުގައި ޗެލްސީއާއި ދެކޮޅަށް ކެމްޕޭނެއް ހިންގަމުންދާކަމަށް އެޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނެފައިވަނީ މިހާރު ހިންގަމުންދާ ކެމްޕޭނަކީ ރެފްރީންގެ ނިންމުންތަށް ޗެލްސީއާއި ދެކޮޅަށް ނިންމުމަށް މަގުފަހި ކުރުމުގެ ގޮތުން ޓީމުތަކުގެ ކޯޗުންގެ އިތުރުން މީޑިއާ އަދި ކޮމެންޓޭޓަރުންވެސް ހިމެނިގެން ކުރިއަށް ކެމްޕޭނެއް ކަމުގައެވެ.
ރޭގެ ޕްރިމިއަރލީގުގައި ސައުތްހޭމްޓަންއާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މެޗުގައި ސެސް ފެބްރިގާސްއަށްވަނީ ޕެނެލްޓީ ހޯދުމަށް އޭރިއާ ތެރޭގައި ޑައިވްކުރިކަމަށް ރެފްރީ ކާޑު ދައްކާފައެވެ. މޮރީނިއޯ ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވަނީ މި ނިންމުމާއި ދެމެދުއެވެ.
ރެފްރީ ޓެއިލާއާއި މެދު މޮރީނިއޯވަނީ މެޗަށްފަހު ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން މޮރީނިއޯ ބުނެފައިވަނީ ރެފްރީއަށް ހެދުނީ ބޮޑު ގޯހެއް ކަމަށެވެ. އަދި ރެފްރީއަކީ ރަނގަޅު ޒުވާން ރެފްރީއެއް ކަމަށެވެ. އަދި ފުޓުބޯޅައިގެ މުސްތަގްބަލް ކުރިއަށް އޮތް ރެފްރީއެއް ކަމަށްވެސް މޮރީނިއޯ ބުނެފައިވެއެވެ.
މެޗަށްފަހު ފެބްރިގާސް ބުނެފައިވަނީ އޭނާގެ ފައިގާ ޑިފެންޑަރ އަޅުވާ ވައްޓާލި ކަމަށެވެ. އަދި ރެފްރީއަށް ހެދުނީ ގޯހެއް ކަމަށް ރެފްރީ ގަބޫލްކުރަން ޖެހޭނެކަމަށް ފެބްރިގާސް ބުނެފައިވެއެވެ.
ސައުތްހެމްޓަންއަށް މެޗުގެ17 ވަނަ މިނެޓުގައި މެނޭ ލީޑު ނަގާދީފައިވަނިކޮށް ހާފް ނިމުމުގެކުރިން ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑިން ހަޒާޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް