ހުޅުމާލޭ ފޭސް ދޭއް -- ފޮޓޯ: އެޗްޑީސީ
އަލަށް ގެދޮރު ގަތުމަށް އެހީދޭ (ހެލްޕް-ޓު-ބައި) ސްކީމާއި ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމަށް ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މިއީ ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ހިންގާ 'ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު' ގެ ދަށުން ކުރިޔަށް ގެންދާ ސްކީމެކެވެ. މި ސްކީމަކީ 18 އަހަރުން މަތީގެ، ގެދޮރު އިމާރާތްކުރަން ބޭނުންވާ ދިވެހިންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ފައިނޭންސިންގ ފެސިލިޓީއަށް ވާސިލުވުން ފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ސްކީމެކެވެ.
މި އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މި މާލީ އެހީތެރިކަން ދޫކުރަމުންދާނީ ފައިނޭންސިންގ ފެސިލިޓީ ހަމަޖެހޭ ތަރުތީބަށް ބަލައިގެންނެވެ.
މި ސްކީމުގެ ދަށުން އަލަށް ގެ އިމާރާތްކުރުމަށާއި، މަސައްކަތް ފަށާފައި ނުނިމިހުރި އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ނިންމުމަށް، އަދި ބާވެފައިވާ އިމާރާތެއް އަލުން ބިނާކުރުމަށްވެސް މާލީ އެހީ ލިބިގެންދާނެއެވެ. މި އެހީ ދޫކުރުމުގައި ވަކި ހާއްސަ ސަރަހައްދުތަކަކަށް ބަލައި، އިސްކަންދޭ ރަށްތަކާއި އަދަދުތަކަށް ބަލާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި އުސޫލުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ހިލޭ އެހީގެ ގޮތުގައި ދޫކުރާނީ ކޮންމެ ގޯއްޗަކަށް 200,000 ރުފިޔާ އެވެ.
މާލެއަށް 200,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އެހީ ލިބޭނެއެވެ. މާލޭގެ ގޯތިތަކަށް މި ފައިސާ ދޫކުރާއިރު، އެޕްލިކޭޝަން ހުށަހަޅާ ޝަރުތުހަމަވާ ކޮންމެ ވެރިއަކަށް 200,000 ރުފިޔާ ލިބޭގޮތަށް، ގިނަވެގެން ޖުމުލަ 5 މީހުންނަށް ނިސްބަތްވާ މިންވަރަށް މި އެހީ ހަމަޖެހިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް