ފަލަސްތީނަށް ތާއީދުކޮށް ރައީސް މީގެ ކުރިން އިންޓަވިއުއެއް ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ފަލަސްޠީނުގެ ރައްޔިތުން ޞުލްޙައާއި މިނިވަންކަމާއި ކަރާމާތް ހޯދުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާ އެކު ދެމި އޮތް ކަން ހާމަކޮށްފިއެވެ.
ރައީސް މިހެން ވިދާޅުވީ ފަލަސްޠީނު ރައްޔިތުންނާ އެކުގައިވާ ބައިނަލްއަޤުވާމީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްްގައި އެވެ.
ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް ކެނޑިނޭޅި ލިބެމުންދާ ބޮޑު ކެކުޅުމަށް ނިމުމެއް ގެނައުމަށް ވަގުތުން ފިޔަވަޅު އެޅުން ލާޒިމު ކަމަށެވެ. އެ ގޮތުން އަނިޔާވެރިކަން ހުއްޓުވައި، އިންސާނީ އެހީ ހުރަހެއް ނެތި ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށް، ބައިނަލްއަޤުވާމީ ޤާނޫނު ނެގެހެއްޓުމަށް ސަރުކާރުން ގޮވާލައިފައިވެއެވެ.
އދ. އާއި އެ ނޫން ވެސް ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ފަލަސްޠީނުގެ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތް ރާއްޖެއިން ކެނޑިނޭޅި ކުރަމުން ގެންދެއެވެ. އެ ގޮތުން، އިސްތިއުމާރީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭގައި ހުށަހެޅި މައްސަލައިގައި ރާއްޖެއިން ބައިވެރިވެފައިވެއެވެ. ހަމައެއާ އެކު، އަންރާ (UNRWA) އަށް ވެސް ރާއްޖެއިން ތާއީދުކުރެއެވެ.
ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި، 1967 ވަނަ އަހަރުގެ ކުރީގެ ސަރަޙައްދީ އިމުގެ މައްޗަށް ބިނާވެ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިގެން، މިނިވަން ދައުލަތެއް ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ރާއްޖެ ގޮވާލައެވެ. އަދި އދ. ގެ ހުރިހާ ގުނަންތަކެއްގައި ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްޠީނަށް ހަމަހަމަ ޙައްޤުތައް ލިބެންޖެހޭ ކަމަށް ރާއްޖެއިން ޤަބޫލުކުރެއެވެ.
ފަލަސްޠީނާ އެކު އޮތް އެއްބައިވަންތަކަން ހަމައެކަނި ބަހުން ފުއްދައިލައިގެން ނުވާނެ ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ޢަދުލުއިންސާފު ލިބި، އެ ބައެއްގެ އަމިއްލަ ބިމުގައި މިނިވަންކަމާ އެކު ދިރިއުޅުމުގެ ޙައްޤު ކަށަވަރުވާންޖެހޭ ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް