އެމެރިކާއާ ވާހަކަ ދައްކަނީ ދޭން ބޭނުންވާ މެސެޖު ގަތަރާއި ޕާކިސްތާނަށް ފޮނުވައިގެން: އިރާން

29 Nov 2026 | 11:08
އެމެރިކާއާ ވާހަކަ ދައްކަނީ ދޭން ބޭނުންވާ މެސެޖު ގަތަރާއި ޕާކިސްތާނަށް ފޮނުވައިގެން: އިރާން

ޤަޠަރާއި ޕާކިސްތާނު މެދުވެރިވެގެން އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރަމުންދާ ކަމަށް ޕާކިސްތާނަށް އީރާނުން ކަނޑައަޅާފައި ހުންނަ ސަފީރު ރެޒާ އަމީރީ މޮޣައްދަމް ވިދާޅުވެއްޖެއެވެ.

އީރާނުގެ މެހެރް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ދެ ޤައުމުން ހުށަހެޅި ގިނަ ޚިޔާލުތަކާއި ހުށަހެޅުންތައް ތެހެރާނުން ދިރާސާ ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. އީރާނުގެ ޚާރިޖީ މިނިސްޓަރު ޢައްބާސް ޢަރާޣްޗީ މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހުށަހެޅުންތަކުގައި ހިމެނޭ ކަންކަން ސަފީރު ހާމަކުރައްވާފައެއް ނުވެއެވެ.

Advertisement

މީގެ އިތުރުން ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެނެސް ބިންމަތީގެ ހަގީގީ ހާލަތު ބަލައިގަތުމަށް ޗައިނާއާއި ރަޝިއާ އިސްނަގައިގެން ކުރިއަށް ގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އީރާނުން މަރުހަބާ ކިޔާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މެދު އިރުމައްޗެގެ މަސްރަހު ހޫނުވެގެން ދިޔައީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. ރައްދުގައި އީރާނުން ސަރަހައްދުގެ އެކި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާ ދީ، ދުނިޔޭގެ ހަކަތައިގެ ސަޕްލައި ޗެއިނަށް ކޮންމެހެން ބޭނުންވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވެއެވެ.

ޖޫން މަހު ސޮއިކުރި ސުލްހައިގެ ފަހުމުނާމާ ފަހުން ވެއްޓިފައިވަނީ ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭ ޚިލާފުތައް ފެންމަތިވެ، އެއްބަސްވުމަކަށް ނާދެވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް