ޖަޕާނުން ފުރާ ބިދޭސީންގެ ކޭޝް ކާޑު ގަނެ ގޭންގަކަށް ވިއްކާ އިންޑިއާއާ ޕާކިސްތާނު ދެ މީހުން ހައްޔަރުކޮށްފި

29 Nov 2026 | 07:01
ޖަޕާނުން ފުރާ ބިދޭސީންގެ ކޭޝް ކާޑު ގަނެ ގޭންގަކަށް ވިއްކާ އިންޑިއާއާ ޕާކިސްތާނު ދެ މީހުން ހައްޔަރުކޮށްފި

ޖަޕާނުން ފުރައިގެންދާ ބިދޭސީންގެ އަތުން ބޭންކް ކޭޝް ކާޑު ގަނެ، މަކަރާއި ހީލަތުގެ ގޭންގަކަށް އެ ކާޑުތައް ވިއްކި ކަމުގެ ތުހުމަތުގައި ދެ މީހަކު ޓޯކިޔޯ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޓޯކިޔޯ މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމެންޓުން ނޮވެމްބަރު 25 ގައި ކުރި އިއުލާނަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ރައްޔިތެއްގެ އިތުރުން 31 އަހަރުގެ ޕާކިސްތާނު ރައްޔިތެކެވެ. ޓޯކިޔޯ ފުލުހުން އެމީހުންވެ މައްޗަށް ކުރަނީ ކުށުގެ ޢަމަލުން ހޯދާ ފައިސާ ދައުރުވުން ހުއްޓުވުމުގެ ޤާނޫނާ ޚިލާފުވި ކަމުގެ ތުހުމަތެވެ.

Advertisement

މި މައްސަލައިގެ ތަހުގީގުގައި އެނގުނު ގޮތުގައި މިދިޔަ މާޗް 6-18 އާއި ދެމެދު ބިދޭސީންގެ ނަމުގައި ހުރި އަށް ކޭޝް ކާޑު ގާތްގަނޑަކަށް 1.7 މިލިއަން ޔެން (10,700 ޑޮލަރު) އަށް އެހެން ފަރާތަކަށް ވިއްކާފައިވެ އެވެ.

ތަހުގީގުގައި އިންޑިއާ މީހާ ފުލުހުންނަށް ބުނެފައިވާ ގޮތުގައި ކޮންމެ ކާޑެއް މަކަރުގެ ގޭންގަށް ވިއްކީ 100,000 )600 ޑޮލަރު( ޔެނާއި 200,000 )1000 ޑޮލަރު( ޔެނާ ދެމެދުގެ އަގެއްގައެވެ. ތަޙުޤީޤީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ މީހުން މި ވިޔަފާރީގައި އެތައް މަހެއް ވަންދެން ހަރަކާތްތެރިވެފައިވެއެވެ.

އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން 2026 ގެ އެޕްރީލާ ހަމައަށް، ކިޔަވަން ނުވަތަ ވަޒީފާ އަދާކުރަން ޖަޕާނަށް ގޮސް ތިބި އިންޑިއާ މީހުންނާއި އެ ނޫން ވެސް ބިދޭސީންނަށް، ބޭންކް އެކައުންޓު ވިއްކައިގެން އެނބުރި ޤައުމަށް ދާ ޓިކެޓު ދޭނެކަމަށް ބުނެ ހައްލާލައިގެން މަދުވެގެން 200 ކާޑު ގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ބައެއް ކާޑު މަކަރާއި ހީލަތުގެ ކުށްތައް ހިންގުމަށް ބޭނުންކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

ކާޑު ވިއްކައިގެން ދެ މީހުންނަށް މަދުވެގެން 20 މިލިއަން ޔެން ލިބިފައިވާ ކަމަށް ފުލުހުން ޤަބޫލުކުރެއެވެ.

ޖަޕާނުގައި ކުށުގެ ޢަމަލުން ހޯދާ ފައިސާ ދައުރުވުން ހުއްޓުވުމުގެ ޤާނޫނު އިޞްލާޙުކޮށް ޖުލައި މަހު ޢަމަލުކުރަން ފެށި ގޮތުން، ބޭންކް އެކައުންޓު ވިއްކުމުގެ އަދަބު ވަނީ ބޮޑުކޮށްފައެވެ. އެ ޤާނޫނުގެ ދަށުން މިހާރު އެންމެ ބޮޑު އަދަބަކީ ތިން އަހަރުގެ ޖަލު ޙުކުމެއް ނުވަތަ ފަސް މިލިއަން ޔެންގެ ޖޫރިމަނާއެކެވެ. ނަމަވެސް އެކައުންޓު ވިއްކައިގެން ދިރިއުޅުން ހޯދާ ނަމަ، އެންމެ ބޮޑު އަދަބަކީ ފަސް އަހަރުގެ ޖަލު ޙުކުމެއް ނުވަތަ 10 މިލިއަން ޔެންގެ ޖޫރިމަނާއެކެވެ. ޖަޕާނުގެ ފުލުހުން 2025 ގައި ބޭންކް އެކައުންޓު ވިއްކުމާ ގުޅޭ ޖުމްލަ 4,489 މައްސަލައެއް ބަލާފައިވާ އިރު، ފާއިތުވި ފަސް އަހަރު ތެރޭ މި ޢަދަދު ވަނީ ދޮޅުގުނައަށް އިތުރުވެފައެވެ.

ޖަޕާނުގެ ނެޝަނަލް ޕޮލިސް އެޖެންސީން އާންމުންނަށް އަންގާފައިވަނީ ބޭންކް އެކައުންޓެއް ހިލޭ ނަމަވެސް އެހެން މީހަކަށް ދިނުމަކީ ކުށެއް ކަމެވެ. އަދި ޤައުމަށް އެނބުރި ދާ ބިދޭސީން އެ މީހުންގެ ބޭންކް އެކައުންޓު ބަންދުކުރުމަށް އެ އެޖެންސީން ގޮވައިލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް