މިނިސްޓަރު ޢިރުތިޝާމް އިންޑިއާގެ އެކްސްޓާން އެފެއާޒް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

27 Nov 2026 | 20:24
ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާންވީ ގުޅުން އޮތް ކަން ފާހަގަކުރައްވައި، ތަރައްޤީގެ ދާއިރާއިންނާއި ސަރަޙައްދީ ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

Advertisement

މިނިސްޓަރު އިރުތިޝާމް ވަނީ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ދެ ޤައުމުގެ ރައްޔިތުންނަށް ޙަޤީޤީ މަންފާ ހޯދައިދިނުމަށް ޓަކައި ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން ވަރުގަދަކުރުމަށް މެދުކެނޑުމެއް ނެތި ސަރުކާރުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އާއި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ 25 ވަނަ މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް