ފޮޓޯ: ޕޮލިސް
ތޫނު ހަތިޔާރު ހިފައިގެން ހުޅުމާލޭގައި މާރާމާރީ ހިންގުމަށް ތައްޔާރުވަމުން ދަނިކޮށް ހައްޔަރުކުރި ހަ މީހުން 10 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ 10:50 ހާއިރު ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު އެއްޗެހި ގެންގުޅެ މާރާމާރީއަކަށް ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ގޮސް ބެލިއިރު، އެތަނުގައި ހުރި މީހެއްގެ ކައިރިން ބަޔޮނެޓް ވަޅިއަކާއި ކަޓަރެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ އިތުރުން އެ މީހާ ލައިގެން ހުރި ސޯޓުގެ ޖީބުން ހޫޑް މާސްކެއް ވެސް ފެނިފައިވެއެވެ.
އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރި އިރު އިތުރު ދެ ބަޔޮނެޓް ވަޅި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުރަތަމަ ހުއްޓުވި މީހާގެ އިތުރުން ދެން ތިބި ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ އެހެން ސަރަހައްދަކުންނެވެ.
މި ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ އަމުރެއް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިއީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހަ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް