ރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅި ފުރަތަމަ ސަފީރު، ފަތްކޮޅު އަރުވައިފި

28 Nov 2026 | 15:10
ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެސިޑެންޓް ސަފީރު އާމިނަތު ޢަބްދުﷲ ދީދީ، އެ ޤައުމުގެ ރައީސް ޕީޓަރ ޕަވެލްއަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗެކް ރިޕަބްލިކްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކުރައްވާފައެވެ. ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވުމަށް ދިވެހި ސަރުކާރުން އެދޭކަން ވެސް ސަފީރު ހާމަކުރެއްވިއެވެ.

Advertisement

ފަތުރުވެރިކަމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ އިތުރުން ވައިގެ ދަތުރުފަތުރާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރައީސް ޕީޓަރ ޕަވެލް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާ އެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސަފީރު އާމިނަތު ޢަބްދުﷲ ދީދީއަކީ ކުރިން އިންޑިއާގެ ތުރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގައި ކޮންސިއުލް ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ، ޚާރިޖީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑެސްކް އޮފިސަރު ޚަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް