ސީލައިފްގެ އެޕާޓްމެންޓްތަކާއި ގުޅުންހުރި މަކަރާއި ހީލަތުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓު އެޅުމަށް، ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، އެކި ފަރާތްތަކުގެ އަތުން ބޮޑު ޢަދަދުތަކުން ފައިސާ ނަގާ ހައުސިންގ ޔުނިޓްތައް އަޅައިނުދީ މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ.
"މިމައްސަލައިގެ ތަޙުޤީޤުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިހާތަނަށް މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ އިތުރުންވެސް މިމައްސަލައިގައި ގެއްލުން ލިބިފައިވާ، ބަޔަކު ތިބިކަމަށް މި މައްސަަލައިގެ ތަޙްޤީޤުން މިހާތަނަށް ޤަބޫލުކުރެވެއެވެ." ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން އެޕާރޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބެލުމަށް ބޭނުންވާތީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި އެފަރާތްތަކާއި ދެމެދު ލިޔެކިޔުމުން ކުރެވިފައިވާ މުޢާމަލާތްތަކާއިއެކު، ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް