ރާއްޖޭގެ އިރު އުތުރުން ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފައިވާއިރު މި ކޮޅިގަނޑުގެ އަސަރު ލަންކާއަށް ކުރަން ފަށައިފި އެވެ.
އެގޮތުން ލަންކާގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާ ހަވާލާދީ ލަންކާ މިރާ ނޫހުގައި ބުނެފައިވަނީ ލަންކާގެ ދެކުނުގެ ޕްރޮވިންސް، ހާއްސަކޮށް މަޓާރާ ޑިސްޓްރިކްޓަށް ބޯކޮށް ވިއްސާރަވެހެމުން އަންނައިރު ގަޑިއަކު 80 މޭލަށް ބައެއް ފަހަރު ވައި ގަދަވެފައިވާކަމަށެވެ.
ލަންކާގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ޑިރެކްތަރުގެ ނައިބު، ޕްރަދީޕް ކޮޅިއްޕިލީ، ޑެއިލީ މިރާއަށް ބުނެފައިވަނީ އެ ސަރަހައްދުތަކުގެ ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ކަނޑުދަތުރު ކުރުމުގައްޔާއި މަސްވެރިކަމު ނިކުތުން މެދުކަނޑާލަން އެބަޖެހޭ، ކޯސްޓަލް އޭރިއާގައި ގަޑިއަކު 70 މޭލާއި 80 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި އެބަ ގަދަވޭ" އޭނާ ބުނެފައި ވެ އެވެ.
ލަންކާގެ ޑިޒާސްޓަރ މެނޭޖްމެންޓުން މިހެން ބުނެފައިވާއިރު ލަންކާގެ މެޓް އޮފީހުން ބުނެފައިވަނީ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ދެކުނަށް ކަމަށެވެ. ކުރިއަށް އޮތް ވަގުތުތަކުގައި އިރު އުތުރުން ސަބަރަމްނުވާ، އަދި އުވާ ޕްރޮވިންސަށް މި ކޮޅިގަނޑުގެ އަސަރު ކުރާނެ ކަމުގައި ބެލެވޭ ކަމަށެވެ. އަދި މި ކޮޅިގަނޑު މާދަމާގެ ވަގުތެއްގައި ހަމައަކަށް އެޅިދާނެ ކަމުގައި ބެލެވޭ ކަމަށްވެސް ބުނެފައި ވެ އެވެ.
ޑެއިލީ މިރާގައި ރިޕޯޓް ކޮށްފައިވާގޮތުގައި މަޓާރާ ޑިސްޓްރިކްޓްގައި ގަދަ ވައިގެ ސަބަބުން ބައެއް ވެހިކަލް ތަކަށާއި ގޭގޭގެ ފުރާޅަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފައިވާކަމުގެ މައުލޫމާތު އެ ނޫހަށް ވަނީ ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް