ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް ރާއްޖޭގެ އިތުރު ހަ މިސްކިތެއް އަރުވައިފި

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް ރާއްޖޭގެ އިތުރު ހަ މިސްކިތެއް އަރުވާފައިވާކަމުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއިން ހާމަކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ ޑިޕާޓްމެންޓ...

29 Nov 2017 | 09:18

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް ރާއްޖޭގެ އިތުރު ހަ މިސްކިތެއް އަރުވާފައިވާކަމުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއިން ހާމަކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ ޑިޕާޓްމެންޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަށް ދުނިޔޭގެ ތަރިކައިގެ ލިސްޓައް އެރުވުމަކީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.

"އެ ހަ މިސްކިތަކީ މާލޭ ހުކުރު މިސްކިތް، މާލޭ އީދު މިސްކިތް، ލ. އިސްދޫ ބާ މިސްކިތް، އދ. ފެންފުށި ހުކުރު މިސްކިތް، ހއ. އިހަވަންދޫ ހުކުރު މިސްކިތް އަދި ރ. މީދޫ ހުކުރު މިސްކިތެވެ. މި މިސްކިއްތަށް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމަށް ކުރަންޖެހޭ މަސައްކަތްތަށް މިޑިޕާޓްމަންޓުންދަނީ ކުރަމުންނެވެ." އެ ޑިޕާޓްމެންޓުން ބުނެފައި ވެ އެވެ.

އެ ޑިޕާޓްމެންޓުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިއްތަށް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އަގާ ޙާން ޔުނިވާސިޓީގެ ޕްރޮފެސާއެއްކަމަށްވާ ޑރ. ސްޓެފާން ޕްރަޑީންސްވަނީ އދ ފެންފުށި އަސާރީ މިސްކިތް އަދި ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުރި މިސްކިއްތަކުގެ ކައިރީގައި ޓެސްޓް އެކްސްކަވޭޝަންސްތަކެއް ނޮވެމްބަރ 2 ން 26 އަށް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.

"ސ. މީދޫ ކޯގަންނު ގަބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ގަބުރުސްތާނެވެ. މި ގަބުރުސްތާނުގެ ތެރޭގައި ހަތަރު މިސްކިތަކާއި މެދުޒިޔާރަތުގެ ނަމުގައި ޒިޔާރަތެއް ފެންނަން އެބަހުއްޓެވެ. ކޯގަންނު ފަ ނޑިޔާރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި ހިރިގަލުން ހަދާފައިވާ މިސްކިއްތަކުގެ ތެރެއިން އެންމެ ދުވަސްވީ ކަމަށް ބެލެވޭ މިސްކިއްވެސްމެއެވެ." އެ ޑިޕާޓްމެންޓުން ބުނެފައި ވެ އެވެ.

އެ ޑިޕާޓްމެންޓުން އިތުރަށް ބުނެފައިވަނީ އދ. ފެންފުށި ހުކުރު މިސްކިތަކީ ހިރިގަލުގެ ކުރެހުމާއިއެކު ހިރިގަލުން ހަދާފައިވާ މިސްކިތެއް ކަމަށާއި މިސްކިތަކުގެ ބެރިތަކާއި ތަނބުތަކާއި އަރިމަތީ ފިލާގައި ހުރީ ލާފެންކޮށް ލިޔެފައިވާކަމަށެވެ. މިސްކިތިގު ފަންގިފިލާއާއި ތަނބުތައް ހަދާފައި ހުރީ މާލޭ ހުކުރު މިސްކިތާއި އެއްގޮތް ގޮތަކަށް ކަމަށެވެ. މި މިސްކިތާއި އިންވެގެން ގަބުރުސްތާނަކާއި ވެވެއްވެސް ހުންނަ ކަމަށެވެ.

މި ޕްރޮޖެކްޓް އަދި އިސްލާމިކް އާކެއޮލޮޖީ އާއި ބެހޭގޮތުން ޑރ. ޕްރަޑީންސް ދެއްވާ ޕްބްލިކް ލެކްޗަރއެއް 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި 20:30 އިން 22:00 އަށް އޮންނާނޭކަމުގައިވެސް ހެރިޓޭޖް ޑިޕާޓްމެންޓުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް