ސުޖޫދް ވޯކްޝޮޕް: ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދިނުމަށް ރަނުގެ ފުރުސަތެއް!

ޕީސްފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮއްގެން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. "ސުޖޫދް" ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްގެ ހުށައަޅައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށ...

29 Nov 2017 | 05:22

ޕީސްފައުންޑޭޝަނުން ކުޑަކުދިންނަށް އަމާޒުކޮއްގެން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

"ސުޖޫދް" ގެ ނަމުގައި ބާއްވާ މި ވޯކްޝޮޕްގެ ހުށައަޅައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް އެވެ. ޑިސެމްބަރ 25 އަދި 26 ގައި މި ހަރަކާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ވިލިމާލޭގައި ކަމުގައި ޕީސް ފައުންޑޭޝަނުން ހާމަކުރެ އެވެ.

އެ ފައުންޑޭޝަނުން ހާމަކުރާގޮތުގައި މިއިވެންޓަކީ އިސްލާމްދީނު އެއް ތަނބު ކަމުގައިވާ ނަމާދާ ބެހޭގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ވޯކޮޝޮޕެކެވެ. މި ވޯކްޝޮޕް ގެ އަމާޒަކީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުމެވެ.

ސުޖޫދް ވޯކްޝޮޕް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ކަމަށާއި އެގޮތުން މި އިވެންޓްގެ ބައެއް ހަރަކާތްތަށް ވިލިމާލެ ބީޗް ސަރަހައްދުގައިވެސް ކުރިޔަށް ދާގޮތަށް ވަނީ ރޭވިފައި ކަމުގައިވެސް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

އެ ފައުންޑޭޝަނުން ހާމަކޮށްފައިވާގޮތުގައި މި ވޯކްޝޮޕް ޚާއްޞަކޮށްފައިވާ ޢުމުރުފުރާ އަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށެވެ. ބައިވެރިވުން މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި މި ވޯކްޝޮޕްގެ ފީ އަކީ -/400 ރުފިޔާ އެވެ.

މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް  SUJ ޖެއްސަވުމަށް ފަހު 7341781 އަށް އެސް.އެމް.އެސް ކުރެއްވުން ޕީސް ފައުންޑޭޝަނުން އެދެ އެވެ. އަދީ މި އެވެންޓާބެހޭ އިތުރު މައުލޫމާތު www.peace.mv/sujood އިން ލިބިވަޑައި ގަންނަވާނެ ކަމުގައިވެސް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

އޮސްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

"މީގެ އިރުތުން، ޕީސް ފައުންޑޭޝަނުން ދަނީ ސިލްސިލާކޮށް ބާއްވާ "ދަ ލެގަސީ" އިންވެޓް ގެ ޕަބްލިކް ޓޯކް އެއް ޑިސެމްބަރު 28 ގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މި އިވެންޓްގައި ތަޤްރީރު ކުރެއްވުމަށް މެލޭޝިޔާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔެއް ކަމަށްވާ އައްޝައިހް ޙުސައިން ޔީ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ" ޕީސް ފައުންޑޭޝަނުން ހާމަކުރެ އެވެ.

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިނގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން "ނަމޫނާ" ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި "ދަ ލެގަސީ" އަދި "ޕެބްލްސް ފެމެލީ ހަވީރު" ފާހަކަ ކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް