ހިކެން ބޭނުން ނަމަ ހަފަންވީ 32 ފަހަރު !

ހިކެން އެވެނި މިވެނި ކަމެއް ކުރުމަށް ދުޅަހެޔޮ ހަށިގަނޑެއްގައި ދެމި ހުރުމަށް އެވެނި މިވެނި އެއްޗެއް ކެއުމަށް ބުނެ މި އިންޓަނެޓުގައި ލިޔެފައިވާ އާޓިކަލްތައް މަދެއް ނުވާނެ އެވެ. ދިވެހި ނޫސްތަކަށް ބަލައިލ...

29 Nov 2017 | 00:10

ހިކެން އެވެނި މިވެނި ކަމެއް ކުރުމަށް ދުޅަހެޔޮ ހަށިގަނޑެއްގައި ދެމި ހުރުމަށް އެވެނި މިވެނި އެއްޗެއް ކެއުމަށް ބުނެ މި އިންޓަނެޓުގައި ލިޔެފައިވާ އާޓިކަލްތައް މަދެއް ނުވާނެ އެވެ. ދިވެހި ނޫސްތަކަށް ބަލައިލިޔަސް މި މައުލޫގައި އެތައް ލިޔުމެއް އެތައް ޑައެޓެއް ފެނިގެންދާނެ އެވެ.

މިއުޅެނީ އަނެއްކާ އިތުރު ޑައެޓެއްގެ ވާހަކަ ގެނެސްދޭކަށެއް ނޫނެވެ.  އަޑު އިވިފައި އޮތް ތިއަރީއެއްގެ ވާހަކަ ދުވަހުގެ ކިޔުންތެރިންނަށް ގެނެސް ދިނުމަށެވެ. މި ތިއަރީ އަހަންނަށް ވާސިލު ވެވުނީ އެމެރިކާ މިއަދު އެދެކޭ ތަރައްގީގެ އެއް ތަނބުގެ ގޮތުގައި ސިފަކުރާ ޖޯން ޑީ ރޮކޮފެލާއާއި ބެހޭގޮތުން ލިޔެފައިވާ ފޮތެއް ކިޔުމުގެ ތެރޭގައި އެވެ. އޭނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް "ފްލެޗަރިޒަމް" ކިޔާ ތިއަރީ ބޭނުން ކުރި ވާހަކަ އޮތުމުން އެއީ ކިހިނެއް ވާކަމެއްތޯ ގޫގަލްގައި ސާޗްކޮށްގެން ހޯދާ ބަލައިލީމެވެ.

ފްލެޗިރަޒިމް މި ތިއަރީ ނިސްބަތްވަނީ ހޯރޭސް ފްލެޗަރ ކިޔާ އެމެރިކާގެ "ހެލްތު ފުޑް އެންތޫސިއާސްޓް" އަކަށެވެ. ކުރުކޮށް ބުނާނަމަ މި ތިއަރީ އަކީ ކޮންމެ އެއްޗެއް ކެއި ނަމަވެސް 32 ފަހަރު ހެފުމުގެ ފިލޯސޮފީ އެކެވެ.

"ދަ ގްރޭޓް މަސްޓިކޭޓަރ" ގެ ނަމުންވެސް މަޝްހޫރުވެފައިވާ ހޯރޭސް ފްލެޗަރ ބުނެފައިވާގޮތުގައި މި ފިލޯސޮފީގެ ތިއަރީ އަކީ ކާ ކޮންމެ އެއްޗެއްވެސް އަނގަޔަށް ލުމަށްފަހު 100 ފަހަރާއި 32 ފަހަރާއި ދެމެދު ހެފުމެވެ. ފްލެޗަރ އޭނާގެ މި ތިއަރީ ވިއްކައިގެން މުއްސަނދިކަންވެސް ހޯދި އެވެ. އަދި ގިނަ ބަޔަކު އެ ޒަމާނު މި ތިއަރީ ފޮލޯ ކުރި ކަމަށްވެސް ތާރީހު ހެކި ދެ އެވެ. އެގޮތުން ހަޔާތުގައި 100 އަށްވުރެ ގިނަ ފޮތް ލިޔެފައިވާ އެމެރިކާގެ ކުރީގެ ލިޔުންތެރިއެއް ކަމުގައިވާ އަޕްޓަން ސިންކްލެއަރ އާއި ޖޯން ޑީ ރޮކޮފެލާ އާއި އެމެރިކާގައި 19 ސަތޭކައިގެ ކުރީކޮޅު އުޅުނު މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ ހެންރީ ޖޭމްސް، ފްލެޗަރ ގެ މި ތިއަރީ ބޭނުން ކުރި އެވެ. އަދި މި ތިއަރީ މަޝްހޫރުވެސް ކުރި ކަމަށް ވެ އެވެ. އަދި މި ތިއަރީގެ ކާމިޔާބުކަން ހާމަކުރުމަށްޓަކައި އޭރު އެތައް ދިރާސާތަކެއްވެސް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި ދިރާސާއަކީ އެމެރިކާގެ ރައީސް ކަމުގައި ފްރޭންކްލިން ޑީ ރޯޒްވެލްޓް ހުރި އިރު ސިފައިންތަކެއް ބޭނުންކޮށްގެން ކުރި ދިރާސާ އެކެވެ.

މި ތިއަރީގައި ވާގޮތަކީ ކާ ކޮންމެ ފަހަރަކު 32 ފަހަރު ހަފަން ފެށުމުން ބަނޑު ފުރިއްޖެ ކަމުގެ އިހުސާސް މާ އަވަހަށް ސިކުނޑިއަށް ފޮނުވާދެ އެވެ. ސިކުނޑިއަށް މި ސިގްނަލް ދިއުމަށްފަހު އިތުރަށް ކެއުމަށް ހިތް ނުރުހޭނެ ކަމަށް މި ތިއަރީ ބޭނުންކުރާ އަދި ބޭނުންކޮށްފައިވާ ފަރާތްތަކުން ވަކާލާތު ކުރެ އެވެ.

ހޯރޭސް ފްލެޗަރ ވަނީ އޭނާގެ މި ތިއަރީ ފޮތެއްގެ ސިފައިގަވެސް ޝާއިޢު ކޮށްފަ އެވެ. 1913ގައި ޝާއިޢު ކޮށްފައިވާ މި ފޮތުގެ ނަމަކަށް ދީފައިވަނީ "ފްލެޗަރިޒަމް – ހައު އައި ބިކޭމް ޔަންގް އެޓް ސިކްސްޓީ" އެވެ. އޭނާގެ މި ފޮތް ހިލޭ އިންޓަނެޓުން ބެލެން އެބަ ހުއްޓެވެ. ފޮތް ކިޔާލަން ބޭނުންފުޅުނަމަ މި ލިންކުން، ފްލެޗަރގެ ފޮތް ކިޔާލަން ލިބޭނެ އެވެ.

ކޮންމެއަކަސް ކާ ކޮންމެ ފަހަރަކު 32 ފަހަރު ހަފާނަމަ އެކަމަކީ ހަށިގަނޑު ދުޅަހެޔޮ ކަންމަތީގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމަށާއި އެއީ ހިކުމަށް ބާރުއަޅާ ކަމެއްކަމުގައި މީގެ ކުރިން އެތައް ބަޔަކު ގަބޫލު ކުރި އެވެ. އަދި މިހާރުވެސް މި ތިއަރީ ގަބޫލުކޮށް އަމަލީ ގޮތުން މި ތިއަރީ ބޭނުންކުރާ މީހުންވެސް މަދެއް ނޫންކަން ގޫގަލްގައި "ފްލެޗަރިޒަމް  "  (fletcherism) ނުވަތަ "ފްލެޗަރިޒަމް ޑައިޓް" ޖަހާލުމުން އެނގެ އެވެ. މި ތިއަރީގެ އަޖުމަ ބަލައިލުމަށް ނުވަތަ މި ތިއަރީއާއި ބެހޭގޮތުން އިތުރަށް ދިރާސާ ކޮށްލުމަށް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް