ސިޔާސީ ޕާޓީތަކުންނާ ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކުގައި ބާއްވާ މުޒާހިރާތަކާ ސިޔާސީ އެއްވުންތަކުގައި ކުޑަކުދިންނާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ޢުމުރުން ދުވަސްވީ މީހުން އަދި ބަލިވެ ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ މީހުން ބައިވެރިނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ މުޒާހިރާ ތަކާ ސިޔާސީ އެއްވުންތަކުގައި ކުޑަކުދިންނާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ޢުމުރުން ދުވަސްވީ މީހުންނާ ބަލިވެ އަމިއްލާ ޙާލުގައި ހިނގާބިނގާވެ ނޫޅެވޭ މީހުން ބައިވެރިކުރުމަކީ އެކަމުގެ ސަބަބުން އެފަރާތްތަކަށް ގެއްލުންތަކެއް ކުރިމަތިވެ އިސްވެ ދެންނެވި ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ އެފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ނެތިދިއުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް ފުލުހުން ހާމަކުރެ އެވެ.
"މުޒާހިރާތަކާ ސިޔާސީ ބޭނުންތަކުގައި ބާއްވާ އެއްވުންތަކުގައި ކުޑަކުދިންނާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ޢުމުރުން ދުވަސްވީ މީހުންނާ ބަލިވެ އަމިއްލާ ޙާލުގައި ހިނގާބިނގާވެ ނޫޅެވޭ މީހުން ބައިވެރި ނުކުރުމަށް މޯލްޑިވްސް ޕޮލިސް ތަކުރާރުކޮށް ދަނީ އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކަށާ ބަލަދުވެރިންނަށް އަންގައި އިލްތިމާސް ކުރަމުން، މުޒާހިރާތަކާ ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް އިންތިޒާމުކޮށްގެން ބާއްވާ އެއްވުންތައް ހިނގަމުންދާ ވަގުތު ކުޅިބައްލަވަން އެ ސަރަޙައްދުތަކަށް ޢާއްމު ރައްޔިތުން ވަޑައިގަތުމަކީވެސް ރައްކާތެރި ގޮތެއް ނޫންކަމަށް ވާތީ އެގޮތަށް އެކަން ނުކުރުމަށްވެސް އިލްތިމާސް ކުރަން" ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން އަޅާ މިފަދަ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ގިނަ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް