ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ރ. ހުޅުދުއްފާރުގައި އެޅުމަށް ނިންމާ، އެމިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އަލިފުޅުތުއްތު ފައުންޑޭޝަންގެ ފަރާތުން ޢިމާރާތްކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކު މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރެވެ.
އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށް މި މިސްކިތުގެ މަސައްކަތް ހަވާލުކޮއްފައިވަނީ އައިމާ ކޮންސްޓްރަކްޝަނާއެވެ. އެރަށުގައި މިހާރުވެސް ދެ މިސްކިތް ހުރެއެވެ. އެހެން ނަމަވެސް އެތަނުން 1 މިސްކިތަކީ ޖާގައިގެގޮތުން ކުޑަ މިސްކިތެކެވެ.
އިސްލާމިކު މިނިސްޓްރީން ވިދާޅުވީ އަލަށް ޢިމާރާތް ކުރާ މިސްކިތް ނިމި، ބޭނުންކުރަން ފެށުމުން ޖާގަދަތި މިސްކިތް ބޭނުންކުރަން ނިންމާފައިނުވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު އާއި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަލްއުސްތާޛު އިބްރާހީމް އަޙްމަދު އާއި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް މުޙައްމަދު މުޞްޠަފާ އިބްރާހީމް އާއި ކޮންސްޓްރަކްޝަން އޮފިސަރ އިބްރާހީމް ޢަބްދުﷲ ސަޢީދު އާއި ރ. އަތޮޅު ހުޅުދުއްފާރުގެ ކައުންސިލުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަލިފުޅުތުއްތު ފައުންޑޭޝަނުން ރާއްޖޭގެ ހަރަށެއްގައި ހަމިސްކިތެއް ޢިމާރާތް ކުރުމަށް ވަނީ އިސްލާމިކު މިނިސްޓްރީ އާއެކު އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް