އޮޅުވާއިލެގެން މައުލޫމާތު ހޯދުމަށް ކުރާ މަސައްކަތް އިތުރުވަމުންދާތީ ކަސްޓަމަރުން އިތުރަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.
ބޭންކުން ބުނީ އޮޅުވާލައިގެން އެކި ތަންތަނުގެ ނަމުގައި އެކި ފަރާތްތަކުގެ އެކައުންޓާއި ޑެބިޓް އަދި ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދަމުން އައުމަކީ މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ކަމެއް ކަމަށާއި މިގޮތުން ފޯން ކޯލް، އީމެއިލް އަދި އެސްއެމްއެސްގެ މެދުވެރިކޮށް ބައެއް ފަރާތްތަކަށް އޮޅުވާލައިގެން އެކައުންޓް ނުވަތަ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ހޯދާ ކަމަށެވެ. އަދި މީގެ އިތުރުން ޞައްޙަ ނޫން ވެބްސައިޓް ނުވަތަ އެފަދަ ވެބްސައިޓްތަކުގެ ލިންކްވެސް މިފަދަ މަޢުލޫމާތު ހޯދުމަށްޓަކައި ދަނީ ބޭނުންކުރަމުން އަންނަ ކަމަށްވެސް ބޭންކުން ބުނެ އެވެ.
"ހިތާމަޔަކީ ރާއްޖޭގައިވެސް މިފަދަ ކަންކަން ހިނގަމުންދާ ކަން، އަދި ފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން އަންނަކަންވަނީ ފާހަގަކުރެވިފައި ވޭ، މިފަދަ ޢަމަލުތައް ހިންގާފަރާތްތަކުން ކުރަމުންދާ މަސައްކަތާއި އަޅާބަލާއިރު ނިސްބަތުން މަދު ބަޔަކަށް ގެއްލުން ލިބުނުކަމުގައިވިޔަސް އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުން" ބޭންކުން ހާމަކުރެ އެވެ.
ބޭންކުން ބުނީ ބޭންކުގެ ފަރާތުން ކަސްޓަމަރުންނަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސަޖަކީ އެކައުންޓް ، ކާޑު އަދި ޕިންގެ މަޢުލޫމާތު ކާކުކަން ނޭނގޭ އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުން ކަމަށެވެ. ބީއެމްއެލްގެ ނަމުގަޔާއި އަދި އެހެނިހެން ބައެއް އިދާރާތަކުގެ ނަމުގައި ގުޅަމުންދާކަމުގެ ރިޕޯރޓް ބޭންކަށްވެސް ލިބިފައި ވާކަމަށާއި ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯން ކޯލް މެދުވެރިކޮށް މިފަދަ މަޢުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށާއި އަދި މިކަމަށް ކަސްޓަމަރުން އިތުރަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށްވެސް ބޭންކުން ހާމަކުރެ އެވެ.
ބޭންކުން އިތުރަށް ބުނީ ކަސްޓަމަރުން މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މިފަދަ މަޢުލޫމާތެއް ހިއްސާނުކުރުމަށް ދަންނަވާ ކަމަށެވެ. އަދި މިފަދަ ޞައްޙަ ނޫން ފޯން ކޯލްތަކާބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 24 ގަޑިއިރު ޚިދުމަތް ލިބޭ އަޅުގަނޑުމެންގެ ކަސްޓަމަރ ސަރވިސް ނަންބަރު 3330200 އަށް ގުޅުއްވުމަށް ދަންނަވާ ކަމަށްވެސް ބޭންކުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް