އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ހޯދައި، ލީގުގެ އެންމެ ކާމިޔާބީ ކްލަބަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 3-1 ލަނޑުންނެވެ. މި މޮޅާއެކު ޗެމްޕިއަންކަން ޔަގީންވިއިރު، މިއީ ނިއުއިން ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. ލީގުގެ ތާރީހުގައި މިއީ ނިއުއިން ލީގު ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.
މިރޭ ކުޅުނު މެޗުގައި ފުރަތަމަ ހާފްގައި ދެލަނޑުގެ ލީޑެއް ނިއުއިން ނެގިއެވެ. މި ދެލަނޑުވެސް ނިއުއަށް ކާމިޔާބުކޮށްދިނީ ބ. އޭދަފުށްޓަށް ނިސްބަތްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަހްމަދު ސުހައިލް (ބަންޕުޗް) އެވެ.
ދެވަނަ ހާފްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މާޒިޔާއިންނެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މޫސާ ޔާމިން (ޔާމްބެ) އެވެ. އަދި ނިއުގެ ތިންވަނަ ލަނޑު މެޗު ނިމެންދަނިކޮށް ކާމިޔާބުކޮށްދިނީ މުހައްމަދު ކަރަމް އެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި 13 މެޗުން ލިބުނު 32 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓް އެވެ. ދެވަނައިގައި އޮތް ޓީސީއަށް 13 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އީގަލްސްއަށް 13 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް މާޒިޔާއަށް ވެސް 13 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އީގަލްސްއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.
ކުޅުނު 13 މެޗުން ލިބުނު 14 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ފަސްވަނައިގައެވެ. ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ހަ ވަނައިގައި ވެލެންސިއާ އޮތްއިރު، ހަތް ވަނައިގައި އޮތް ބީޖީއަށް ވެސް ލިބިފައިވަނީ 13 މެޗުން 13 ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ގޯލްގެ ތަފާތުންނެވެ. އަދި ލީގުގެ ފުލުގައި އޮތް މަހިބަދޫއަށް 13 މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ، އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ، ވެލެންސިއާ އާއި މަހިބަދޫއެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ، ވިކްޓްރީ އާއި ބީޖީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް