ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވައިބާއިން އޮންލައިންވި ކަމަށް ދައްކައިފި އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 އެހާއިރުއާއި ރޭގެ ވަގުތެއްގައި ރިލްވާން ވައިބާއިން އޮންލައިންވި ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި އޭނާގެ ފޯނަށް ގުޅުމުން ރިންގްވާކަމަށްވެސް މިއަދު ސޯޝަލް މީޑިއާގައިވަނީ އަޑު ފަތުރާފައި އެވެ.
މިކަމުގެ އެއްވެސް ހަގީގަތެއް ނޭނގޭއިރު ފުލުހުން މިކަމާ ބެހޭގޮތުން އަދި ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބުންޏެވެ. އަދި މީގެ ތިން ރޭ ކުރިން ރިލްވާން ފޭސްބުކުން އޮންލައިންވެފައިވާ ކަމަށް ދެއްކި ދެއްކުމާއި ގުޅޭގޮތުންވެސް ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރިލްވާންގެ ފޯނު ރިންގްވާ ކަމަށް ބައެއް މީހުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ފުލުހުން އެއްޗެން ބުނުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓުވިޓާ މެދުވެރިކޮށް ވިދާޅުވެފައި އެވެ.
https://twitter.com/MohamedNasheed/status/538585730549694464
ރިލްވާން ގެއްލުނު މައްސަލައިގަ ހަތަރު މީހަކު ހައްޔަރުކުރުމަށް ފަހު ތިން މީހަކު ވަނީ ޝަރުތަކަކާއި އެކު ދޫކޮށްލާފައި އެވެ. ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް އިންނެވެ.
ހޯމް މިނިސްޓާ އުމަރު ނަސީރު ވިދާޅޫވެފައިވަނީ ރިލްވާން ގެއްލުނީ ކިހިނެތް ކަމާއި ރިލްވާނަށް ވީ ކިހިނެތްކަން އެނގޭނީ އޭނާ ފެނުމުން ކަމަށެވެ. އޭނާ ފެންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް މިނިސްޓާ ވިދާޅުވި އެވެ. އަދި އޭނާ ނުފެނިގެން އުޅެނީ ރިލްވާން އަކީ ގޭންގަކާއި ގުޅުމެއް ނެތް މީހަކަށް ވާތީ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް