ބަޖެޓު 2027: މަސްވެރިކަމަށް 11،400 ޓަނުގެ ސްޓޯރޭޖް، ދުވާލަކު އިތުރު 550 ޓަން އައިސް

29 Oct 2026 | 10:35
ފޮޓޯ: އެންސިސް

ފޮޓޯ: އެންސިސް

މަސްވެރިކަމުގެ ދާއިރާއަށް އިތުރު 11,400 ޓަނުގެ ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށާއި، ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، އައިސް އުފެއްދުން އިތުރުކުރާ މަޝްރޫޢުތަކުގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ބަހައްޓާ އައިސް ޕްލާންޓްތައް ވެސް ހިމެނޭ ކަމަށެވެ. މެރިކަލްޗަރ ފުޅާކުރުމަށް ވެސް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް، ފުޑް ސެކިއުރިޓީއަށް ޚާއްޞަކޮށް ކުރިއަށް ގެންދާ ކަންކަން ހަރުދަނާކުރުމަށް ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ރާއްޖޭގެ ފަސްގަނޑުގައި ފަސޭހައިން ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކޮށް، ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ކަށަވަރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ މުހިންމު ދެ ސިނާއަތް" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް