ހުޅުމާލޭ ފޭސް އެކެއް --
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އޭގެ ތެރެއިން 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ޚާއްޞަ ލޯނު ސްކީމަކަށެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޒަމާންވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. މި ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަ އަހަރު ބާރަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫޢުތަކުން މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ވެސް ވަށާޖެހޭ ޙައްލެއް ގެނެސްދޭނެއެވެ.
މިނިސްޓަރު ވިދާޅުވީ، އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުން ތިބިކަމީ ހަޤީޤަތެއް ކަމަށެވެ. އެގޮތުން، އަލަށް ގެ ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ޚާއްޞަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި 750 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް" ކަމަށެވެ.
މީގެ އިތުރުން، ރަށްރަށުގައި ހުރި ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ހިންގުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް