ވަތަނީ ހިދުމަތުގައި ބައިވެރިވި ކުދިންތަކެއް -- ފޮޓޯ: އެމްއެންޑީއެފް
"ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށާއި، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މުޅި ރާއްޖޭގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ޤައުމަށް ލޯބިކުރާ، އަޚްލާޤީ ގޮތުން ވަރުގަދަ ޖީލެއް ބިނާކުރުމަށް ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާކުރުމަށް ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާ ކަމަށެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ. ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް ރިވެތި އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މަތިވެރި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމަށް ރައީސް މި ދެއްވާ ޚާއްޞަ އިސްކަމަކީ ވަރަށް އަގުހުރި، މުޖުތަމަޢަށް ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "ތިމާގެ ވަށައިގެންވާ މުޖުތަމައަށް އިޙްތިރާމްކޮށް، ގައުމަށް ލޯބިކުރާ، އަޚްލާޤީ ގޮތުން ވަރުގަދަ ދަރިންތަކެއް ބިނާކުރުމަކީ، ގައުމުގެ ކުރިމަގަށްޓަކައި އެޅޭނެ އެންމެ މުހިންމު ބިންގާ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް