ބަޖެޓު 2027: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާ ވަޒީފާތަކެއް އުފެދިގެންދާނެ

29 Oct 2026 | 10:16
ނުކުޅެދުންތެރިކަން ހުންނަ  ފަރާތްތަކުގެ މަސައްކަތްތައް ދައްކާލަނީ -- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ވަޒީފާގެ ފުރުޞަތުތައް އުފައްދާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުމަށް ޝާމިލު މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުން ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، އެ ފަރާތްތަކަށް މަގުތަކާއި ސްކޫލުތަކާއި ހެލްތު ސެންޓަރުތަކުން ޚިދުމަތް ހޯދުން ފަސޭހަ ކުރުމަށް ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ވަރުގަދަކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މިއީ އެ ފަރާތްތަކަށް އިޖުތިމާޢީ ގޮތުން ބާރުވެރިކަން ލިބި، އިގްތިސާދީ ގޮތުން އަމިއްލަފުދުންތެރިކަން ހޯދުމަށް ލިބިގެންދާނެ ފުރުސަތެއް" ކަމަށެވެ.

މީގެ އިތުރުން، ސިޔާސަތުތައް ތަންފީޒުކުރުމުގައި ޖެންޑަރ އީކުއަލިޓީއަށް ދެވޭ އިސްކަން އިތުރުކޮށް، އެކަން މޮނިޓަރކުރުމަށް "ޖެންޑަރ އީކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން" ނުވަތަ "ޖެސީ" ބަޖެޓު އަންނަ އަހަރު ތައްޔާރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ބަޖެޓުން އެ މިންތިތަކަށް ކުރާ ޚަރަދު ދެނެގަނެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް