ބަޖެޓު 2027: ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި، 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ

29 Oct 2026 | 10:59
މިނިސްޓަރު މަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް

މިނިސްޓަރު މަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް

ރާއްޖެ އިސްލާމްދީނަށް ވަދެވަޑައިގެންނެވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމުގައިވާ "ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މިސްކިތް" ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، މި މިސްކިތަކީ އެއްފަހަރާ 10,000 މީހުންނަށް ނަމާދުކުރެވޭ ފަދަ ޖާގަ ތަނަވަސް، ރާއްޖޭގެ ދީނީ އާދަކާދަތައް ދައްކުވައިދޭ ތާރީޚީ ބިނާއެއް ކަމަށެވެ.

މިފަދަ ތާރީޚީ މަސައްކަތްތަކުގެ އިތުރުން، ދީނީ ވަސީލަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ބަޖެޓުގައި އިސްކަން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އެކި ރަށްރަށުގައި ވަގުފް އިމާރާތްތަކާއި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެއެވެ. މިކަންކަމުގެ ސަބަބުން ދިވެހި ދަރިންނަށް އިސްލާމީ ތަޢުލީމު ފަސޭހައިން ހޯދުމުގެ ފުރުޞަތުތައް ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މި ޤައުމުގެ އެންމެ ވަރުގަދަ އައްޑަނައަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް