އައްޑޫ ލިކްރް ރޯޑު -- ފޮޓޯ: ނަޖް
އައްޑޫ ސިޓީގެ ލިންކް ރޯޑް ފުޅާކުރުމާއި، އައްޑޫގެ މަގުތައް ތަރައްޤީކުރުމާއި، އިތުރު ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފުރަތަމަ "އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" ޤާއިމުކުރަނީ ވެސް އައްޑޫގައެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، މާލެ ސަރަޙައްދެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު ސިޓީއަކީ އައްޑޫ ސިޓީ ކަމަށާއި، މި މަޝްރޫޢުތަކުގެ ސަބަބުން އައްޑޫ ސިޓީގެ އިޤްތިޞާދަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަޙައްދުތައް ޒޯންތަކަކަށް ބަހާލައިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" ގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެ ސަބަބުން އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ޒުވާނުން ވަޒީފާ ހޯދާ ބަޔަކު ކަމުގައި ނުހުރެ ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށް، އެސްއެމްއީ ސްޓާޓަޕްތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން ވެސް ބަޖެޓުގައި ހިމެނެއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް