މިއަދު ޖަލްސާގައި މެމްބަރަކު ބަޖެޓު ފޮތް ބައްލަވަނީ -- ފޮޓޯ: މަޖިލީސް
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ އެންމެ ބޮޑު ބައި ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތްތަކަށެވެ.
އެ ދާއިރާއަށް 14.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެއީ ޖުމްލަ ބަޖެޓުގެ 24.1 އިންސައްތައެވެ.
ބަޖެޓުގެ ތަފްޞީލުތަކަށް ބަލާއިރު، ދެވަނައަށް އެންމެ ގިނަ ފައިސާ ކަނޑައަޅާފައިވަނީ ޞިއްޙީ ދާއިރާއަށެވެ. އެ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.6 އިންސައްތަ ކަނޑައަޅާފައިވެއެވެ. ތިންވަނައަށް އޮތީ އިޤްތިޞާދީ ކަންކަމެވެ. އެ ދާއިރާއަށް 9.6 ބިލިއަން ރުފިޔާ ނުވަތަ 16.1 އިންސައްތަ ކަނޑައަޅާފައިވެއެވެ. ތަޢުލީމީ ދާއިރާއަށް 6.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެއީ ބަޖެޓުގެ 11.4 އިންސައްތައެވެ.
ޢާންމު އަމަންއަމާންކަމާއި ސަލާމަތަށް 5.6 ބިލިއަން ރުފިޔާ (9.3 އިންސައްތަ)، އިޖުތިމާޢީ ޙިމާޔަތަށް 4.0 ބިލިއަން ރުފިޔާ (6.7 އިންސައްތަ)، ހިޔާވަހިކަމާއި ޖަމާޢަތުގެ ފަސޭހަތަކަށް 3.0 ބިލިއަން ރުފިޔާ (5.0 އިންސައްތަ) އަދި ދިފާޢަށް 2.6 ބިލިއަން ރުފިޔާ (4.4 އިންސައްތަ) ކަނޑައަޅާފައިވެއެވެ. މުނިފޫހިފިލުވުމާއި ޘަޤާފަތާއި ދީނީ ކަންކަމަށް 1.7 ބިލިއަން ރުފިޔާ (2.8 އިންސައްތަ) އަދި ތިމާވެށި ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާ (2.6 އިންސައްތަ) ކަނޑައަޅާފައިވެއެވެ.
ޚަރަދުގެ ބާވަތްތަކަށް ބަލާއިރު، ބަޖެޓުގެ 72 އިންސައްތަ ހިނގަނީ ރިކަރަންޓް ޚަރަދަށެވެ. އެއީ 42.7 ބިލިއަން ރުފިޔާއެވެ. ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. 8.2 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީގެ 67.3 އިންސައްތަ ފަންޑުކުރާނީ ދައުލަތުގެ އަމިއްލަ ފައިސާއިން ކަމަށާއި، 28.5 އިންސައްތަ ލޯނުން ކަމަށް ބަޖެޓުގައިވެއެވެ.
އާމްދަނީގެ ފަރާތުން ބަލާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 43.2 ބިލިއަން ރުފިޔާގެ 78 އިންސައްތަ ލިބޭނީ ޓެކުހުންނެވެ. ޓެކްސް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައި ލިބޭނީ ޖީއެސްޓީންނެވެ. ޖީއެސްޓީން 18.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް