ބަޖެޓު 2027: ރަސްމީ ރިޒާވް އަންނަ އަހަރު 907.2 މިލިއަން ޑޮލަރަށް އަރާނެ

29 Oct 2026 | 09:13
މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ) -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޯލްޑީވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ) -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ރާއްޖޭގެ ރަސްމީ ރިޒާވް އަންނަ އަހަރު 907.2 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ނިޔަލަށް ރިޒާވް ހުންނާނެ ކަމަށް އަންދާޒާކުރަނީ 817.7 މިލިއަން ޑޮލަރުގައެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ހަނގުރާމައިގެ ކުރީގެ ހާލަތަށް އިޤްތިޞާދު ރުޖޫޢަވެ، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވި މިނެއްގައި ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހުންނާނެ ކަމަށް ވެސް ބެލެވެއެވެ.

ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި، އަންނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި ހުންނާނީ 3.4 އިންސައްތައިގައެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެ ކަމަށާއި، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑުމެންގެ އިޤްތިޞާދީ ވިލުންތެރިކަން ވަރަށް ވަރުގަދަ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް