ދިރާގު ސްޓޯލު --
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯ 2026ގައި ދިރާގުން ބަހައްޓާފައިވާ އެކްސްޕީރިއެންސް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައިފޯން 18 ޕްރޯއަކާއި ރިސޯޓު ޗުއްޓީއެއް ހިމެނޭ ގޮތަށް ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އައިފޯން 18 ޕްރޯ ލިބޭ ގުރުއަތުގައި ބައިވެރިވެވެނީ ދިރާގު ސްޓޯލުން ޕޯސްޓްޕެއިޑް ނުވަތަ ލިމިޓެއް ނެތް ފައިބަރ ކަނެކްޝަނެއް ނަގާ ފަރާތްތަކަށެވެ. ވަކިން ކުރިއަށްދާ ދެވަނަ ގުރުއަތެއްގައި، ދިރާގުގެ އޭއައި ކޯލް އެސިސްޓެންޓް ކަމުގައިވާ "އައިވް" އަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ މީހަކަށް ކ. ތުލުސްދޫގައި ހުންނަ ސީޒަން ޕެރަޑައިސްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބެއެވެ.
ދުވާލެއްގެ މައްޗަށް ވެސް އިނާމުތައް ލިބޭ ގޮތް ވަނީ ހަމަޖައްސައިފައެވެ. ސްޓޯލުގައި ކުޅެވޭ "އައިވް ޑޭޝް" ގޭމުން ލީޑަރބޯޑުގެ ކުރިއަށް އަރާ ފަރާތްތަކަށް 25 ޖީބީ ހިލޭ ޑޭޓާއާ އެކު މައިފައި ޑިވައިސެއް ލިބެއެވެ. އޭގެ އިތުރުން، ދިރާގުގެ އެންމެ ފަހުގެ ޚިދުމަތްތައް ތަޖުރިބާކޮށް، އެކްސްޕޯއަށް ޚާއްޞަ ޑީލްތައް ހޯދުމުގެ ފުރުސަތު ވެސް ސްޓޯލުން ލިބެއެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ވެސް މި އެކްސްޕޯގައި ގޭމިންގ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ކުޅެވޭއިރު، ޖީޓީ 7 ރޭސިންގ ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރު) ގޭމްތައް ވެސް ހިލޭ ތަޖުރިބާކޮށްލެވެއެވެ. ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތައް ފުރިހަމަކުރާ ފަރާތްތަކަށް ވަކިން އިނާމު ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެން ބާއްވާ މި އެކްސްޕޯ 2 ނޮވެމްބަރު 2026ގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް