މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުނު ނަމަވެސް، އެ އަގުތައް އުފުލުމުގެ އަސަރު ސަރުކާރުން ކުޑަކޮށްދީގެން ރައްޔިތުންގެ ޢާންމު ދިރިއުޅުމާއި ވިޔަފާރި ހަރަކާތްތަކަށް ބުރޫއެރުމެއް ނެތި ކުރިއަށް ގެންދެވޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ނިޔަލަށް ފިއުލް ސަބްސިޑީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާއެކު ކަރަންޓު އުފެއްދުމާއި، މުދާ އުފުލުމާއި، ދިރިއުޅުމުގެ އެންމެހައި ޚަރަދުތަކަށް އަސަރުކުރާ ކަމަށެވެ. ތެލާއި ކަރަންޓުގެ އަގު އުފުލުމުން އެތައް ޤައުމެއްގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށް ނުދެވި ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމަށް ދެމުންދާ ފިއުލް ސަބްސިޑީގެ ޚަރަދު، ތެލުގެ އަގު ބޮޑުވުމާއެކު މި އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މާލީ އިދާރާތަކުގެ ފޯކާސްޓްތަކަށް ބަލާއިރު އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް ލަފާކުރާތީ، 2027 ވަނަ އަހަރު ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު 3.2 ބިލިއަން ރުފިޔާއަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއެރުމެއް ނެތި، ވިޔަފާރި ހަރަކާތްތައް ކުރިއަށް މިދަނީ ސަރުކާރުން ތެލުގެ އަގުތައް އުފުލުމުގެ އަސަރު ކުޑަކޮށްދީގެން" ކަމަށެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، 250 މެގަވޮޓުގެ ސޯލާ މަޝްރޫޢެއް ވެސް އަންނަ އަހަރު ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢުން އަހަރަކު ގަންނަ ތެލުން 100 މިލިއަން ލީޓަރަށްވުރެ ގިނަ ތެޔޮ ކުޑަކޮށް، ސަރުކާރުން ތެލުގެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް