މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް
2028 ވަނަ އަހަރު ނިމޭއިރަށް ދައުލަތުގެ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ދަށްކުރުމުގެ އަމާޒު ސަރުކާރުން ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. 2029 ވަނަ އަހަރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ 107.9 އިންސައްތައަށް ދަށްކުރުމުގެ އަމާޒު ވެސް ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއެކު ޤައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާ މިންވަރެއްގައި ހިފެހެއްޓުމާއި، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީއިން ފޫބެއްދުމަކީ އަންނަ އަހަރުގެ ބަޖެޓުގެ އަމާޒުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު 43.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ރިކަރަންޓް ޚަރަދަށް ހޭދަވާނެ ކަމަށް އަންދާޒާކުރަނީ 42.7 ބިލިއަން ރުފިޔާއެވެ.
ދައުލަތުގެ ސީދާ ދަރަނި 2027 ވަނަ އަހަރު ޖީޑީޕީގެ 117 އިންސައްތައިގައި ހުރެ، 2028 ވަނަ އަހަރު 116.3 އިންސައްތައަށް ދަށްވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. ބަޖެޓު ޑެފިސިޓް ވެސް 2027 ވަނަ އަހަރުގެ 7.3 އިންސައްތައިން، 2029 ވަނަ އަހަރު 2.6 އިންސައްތައަށް ދަށްވާނެ ކަމަށާއި، އެ އަހަރު ޖީޑީޕީގެ 0.9 އިންސައްތައިގެ ޕްރައިމަރީ ސަރޕްލަހެއް ލިބޭނެ ކަމަށް ބަޖެޓުގެ ތަފްޞީލުތަކުގައިވެއެވެ.
ޕީއެސްއައިޕީގެ ޚަރަދުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 އިންސައްތައަށްވުރެ ބޮޑު ނުކުރުމާއި، ބޭރުގެ ލޯނުތަކުގެ އިންޓަރެސްޓް ޚަރަދު ޖުމްލަ އާމްދަނީގެ 12 އިންސައްތައިގައި ހިފެހެއްޓުން ވެސް ބަޖެޓުގެ އަމާޒުތަކުގައި ހިމެނެއެވެ. 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ޚަރަދު ޖީޑީޕީގެ ހަތް އިންސައްތައަށް ދަށްކުރެވޭނެ ކަމަށް ވެސް އަންދާޒާކުރެވެއެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީ 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާއަށާއި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މި ބަޖެޓުގެ އެންމެ މުހިންމު ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތައް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް