އެމްޕީއެލްގެ ހިދުމަތްތައް ތިލަފުށީގައި ފެށުން -- ފޮޓޯ: އެމްޕީއެލް
ގްރޭޓަރ މާލެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ބަނދަރު ހިންގަން ފެށުމަކީ ސަރުކާރުން އަމާޒުހިފާފައިވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢާއެކު ރާއްޖޭގެ ޕޯޓް ލޮޖިސްޓިކްސް މުޅިން އާ ހަރުފަތަކަށް އުފުލިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ވިޔަފާރި ބަނދަރު ބަދަލުކުރުމަށް އެކި ސަރުކާރުތަކުން ވާހަކަ ދެއްކި ނަމަވެސް ޢަމަލީ ނަތީޖާއެއް ނުފެނުނު ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން މި މަޝްރޫޢު މިހާރު ވަނީ ޢަމަލީ ގޮތުން ފަށާފައެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މިހާރު އޮތީ ފަސް ހެކްޓަރުގެ ބިމެވެ. ތިލަފުށީ ބަނދަރު ތަރައްޤީކުރަނީ 60 ހެކްޓަރުގެ ސަރަޙައްދެއްގައެވެ. މާލޭގައި އޮތް 101 މީޓަރުގެ ކީވޯލްގެ ބަދަލުގައި، ތިލަފުށީ ބަނދަރު ހުޅުވާއިރު 375 މީޓަރުގެ ކީވޯލެއް އޮންނާނެއެވެ. މަޝްރޫޢު އެއްކޮށް ނިމުމުން 1.4 ކިލޯމީޓަރުގެ ކީވޯލަކާއެކު، މިއީ ބައިނަލްއަޤުވާމީ ފެންވަރުގެ ބަނދަރަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބަނދަރުގެ ފުންމިން ވެސް މާލެއަށްވުރެ ވަރަށް ބޮޑެވެ. މާލޭ ހާބަރުގެ ފުންމިނަކީ 9.7 މީޓަރުކަމުގައި ވާއިރު، ތިލަފުށީގައި ކޮންޓެއިނަރު ބާލާ ސަރަޙައްދުގައި 14.6 މީޓަރުގެ ފުންމިން ހުންނާނެއެވެ. މީގެ ސަބަބުން މުދާ އުފުލާ ބޮޑެތި ބޯޓުތަކަށް ސީދާ ބަނދަރަށް ކައިރިކުރެވޭނެއެވެ. މާލޭ ބަނދަރުގެ 80,000 ކޮންޓެއިނަރުގެ އަހަރީ ކެޕޭސިޓީ، ތިލަފުށީ ބަނދަރު ހުޅުވާއިރު 390,000 ކޮންޓެއިނަރަށް އަރާނެއެވެ. މުސްތަޤުބަލުގައި އަހަރަކު 1.28 މިލިއަން ކޮންޓެއިނަރު ކްލިއަރކުރެވޭ މިންވަރަށް އޮޕަރޭޝަން ފުޅާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޯޓުތަކުން މުދާ ބޭލުމަށް މިހާރު ނުވަ ދުވަހާއި 14 ދުވަހު ވަގުތު ނަގައެވެ. ތިލަފުށީ ބަނދަރާއެކު މި ވަގުތު ތިން ދުވަހަށްވުރެ ކުރުވާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ އުފުލަން ފަސޭހަވެ، އެތެރެކުރާ މުދަލަށް ކުރަންޖެހޭ ޚަރަދު ދަށްވެ، އަގުތައް ހެޔޮވުމުގެ ފުރުޞަތު ތަނަވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތިލަފުށީގެ ފުޅާ މަގުތަކާއި ބޮޑެތި ވެއަރހައުސްތަކުގެ ސަބަބުން މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަވާނެއެވެ. ވިޔަފާރިތަކަށް ޚާއްޞަ ކޮމާޝަލް ސަރަޙައްދުތައް ވެސް ބަނދަރު ސަރަޙައްދުގައި ހިމެނެއެވެ.
މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މިއީ ވިޔަފާރިވެރިންނަށް ލިބޭނެ ނުހަނު ބޮޑު ކުރިއެރުމެއް އަދި ރައްޔިތުންނަށް ލިބިގެންދާނެ އެހާމެ ބޮޑު ފަސޭހައެއް" ކަމަށެވެ.
ބަނދަރުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުމަކީ ވެސް ސަރުކާރުގެ އަމާޒެވެ. މި ބްރިޖުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅިގެންދާނެ ކަމަށާއި، މުޅި ސަރަޙައްދުގެ އިޤްތިޞާދީ ހަރަކާތްތަކަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް