އާމްދަނީ އިތުރުކުރުމަށް ދައުލަތުން ނަގާ އެއްވެސް ޓެކުހެއް އަންނަ އަހަރު ބޮޑު ނުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމަށް ޖީއެސްޓީއަށް ރަޖިސްޓަރީކުރަންޖެހޭ ތްރެޝްހޯލްޑް ވެސް ބޮޑުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީއަށް ރަޖިސްޓަރީކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރާނެ ކަމަށެވެ. މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިޢުލާނުކުރައްވާފައިވާ ނިންމުމެކެވެ. މިކަމުގެ މަޤްޞަދަކީ ކުދި ވިޔަފާރިތަކަށް ޓެކުހަށް ކޮމްޕްލައިވުމުގައި ކުރިމަތިވާ ބުރަ ލުއިކޮށްދީ، އެ ވިޔަފާރިތައް ކުރިއަރުވައި، އިޤްތިޞާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޓެކުހުގެ ރޭޓް ބޮޑުކުރުމުގެ ބަދަލުގައި އަންނަ އަހަރު ސަރުކާރުން މަސައްކަތްކުރާނީ ޓެކްސް ނިޒާމު އެފިޝިއެންޓްކޮށް، ނިޒާމުގައި ހުރި ލޫޕްހޯލްތައް ބައްދައި، ޓެކުހުގެ ޤާނޫނުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް ކަމަށެވެ. އެގޮތުން، މި އަހަރު ތަޢާރަފުކުރި "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ގެ ބޭނުން ފުޅާކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ޒަމާނީ އީ-އިންވޮއިސިންގ ނިޒާމެއް ތަޢާރަފުކުރާނެއެވެ. މީގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް